- ތައްޔާރު ވެގެން ތިބީ ތިން ކުދިންނަށް
- ހަތަރު ކުދިން ލިބޭކަން އެނގުނީ ބަނޑަށް ހަ މަހުގައި
- ބަނޑު އާދަޔާ ހިލާފަށް ބޮޑުވުން ނޫންކަމެއް ފާހަގައެއް ނުވޭ
އަހުމަދު އަޝްފާގް، 29، އާއި ފާތިމަތު ސުމީތާ، 28 ގެ އަލަތު ކައިވެންޏަށް ދެ އަހަރު ވީތަނާ އެ ދެމީހުންނާ ބައްދަލުކުރީ ދަރިއަކަށް ބަލިވެއިން ކަމުގެ އުފާވެރި ހަބަރެވެ. އެ ދެމަފިރިންގެ އުފާވެރިކަން ހަމަ ލޮލަށް ނުފެނި އެމީހުންގެ އަތުން ނުހަނު އަވަހަށް ބީވެގެން ދިޔައީ ބަނޑަށް އެންމެ ދެ މަހުގަ އެވެ. އެ ނަސީބު އެފަހަރު އެ ދެމަފިރިންނަކަށް މިންވަރެއް ނުކުރެއްވި އެވެ. ނަމަވެސް ތަގުދީރުގެ މޮޅު ރޭވުން ދެކިބަލާށެވެ. އޭގެ ފަސް އަހަރު ފަހުން ސުމީތާ ދެވަނަ ފަހަރަށް ބަލިވެއިނީ އެއްމާބަނޑު ހަތަރު ކުދިންނަށެވެ. އެދެމަފިރިންގެ ހަޔާތް މިފަހަރު އުފަލުން ރޮއްވާލި އެވެ. މިއީ މުޅި ދުނިޔޭގައި ވެސް މަދުން ނޫނީ ބަޔަކަަށް ނުލިބޭ ނަސީބެކެވެ.
މީގެ ދެމަހެއްހާ ދުވަސް ކުރިން ސުމީތާގެ ބަނޑަށް ހަތް މަހުގައި ސިޒޭރިއަންއެއް ހަދައި އެއްމާބަނޑު ހަތަރު ކުދިން އޭޑީކޭ ހޮސްޕިޓަލުން ނެގީ އިރު ހަތަރު ކުދިން ލިބޭނެ ކަމުގެ އުފާވެރި ހަބަރު ސުމީތާގެ ދެމަފިރިންނަށް ލިބުނީ އޭގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ބަނޑަށް ހަތް މަހުގައި ހެދި ސްކޭން އަކުން އެވެ. ދަރިޔަކުން ހޯދުމުގެ މާބޮޑު އުންމީދެއްގައި ނެތް އެ ދެމަފިރިންނަށް މިކަން ވީ އުފާވެރިކަމުގެ ބޮޑު ސަޕްރައިޒްއަކަަށެވެ. އެންމެ ބޮޑު ސަޕްރައިޒްއަކަށްވީ، ހަތަރު ވަނަ ކުއްޖާގެ ޖިންސް ނޭނގޭތީ އެވެ. ހަތަރު ވަނަ ކުއްޖަކަށް އެ ދެމަފިރިން ތިބީ ތައްޔާރު ވެސް ވެގެނެއް ނޫނެވެ. އެއްޗިހިވެސް ގަނެފައި އޮތީ ތިން ކުދިންއަށެވެ.
ފިރިމީހާ އަޝްފާގު މާލޭގައި މަސައްކަތް ކުރަމުން އައި އިރު، ބަނޑަށް ހަ މަސްވީއިރު ސުމީތާ ހުރީ ރަށު ސިއްހީ މަރުކަޒުގައި އެޑްމިން އޮފިސަރެއްގެ ވަޒީފާ އަދާކުރުމުގަ އެވެ.
ސުމީތާގެ ދެމަފަިރިންނަށް ލިބުނީ، ލޯބި ލޯބި ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ތުއްތު ތުއްތު ހަތަރު ފުރާނަ ދުނިޔެއަށް ނޭވާ ލުމާ ހަމައަށް އެއީ ރާއްޖޭގެ ހުރިހާ މީޑިއާއަކުން ކަވަރު ކުރާނެ ބޮޑު ހަބަރެއްކަމެއް އެދެމަފިރިންނަކަށް ނޭނގެ އެވެ. މުޅި ރާއްޖެ އެކުދިން ދެކިލާ އުރާލާން ކެތްމަދުވެދާނެ ކަމަށް ކުޑަކޮށްވެސް ހިތަށް ނާރަ އެވެ. އެހެން ނަމަވެސް އެއް މާބަނޑު ހަތަރު ކުދިން ލިބުމުން ކުރެވުނު އިހުސާސް އެދެމަފިރިންނަށް މިއަދުވެސް ބުނެދެވޭ ވަރަށް ވުރެވެސް ބޮޑެވެ.
އެއް މާބަނޑު ހަތަރު ކުދިން ލިބުނު ހަބަރު ފެތުރުމާއެކު އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ އެއީ "ނެޗުރަލް ޕްރެގްނެންސީ" އެއް ތޯ އެެވެ. ގިނަ ބަޔަކު އިއްތިފާގުވީ އަންހެނާގެ ބިހާއި ފިރިހެން މީހާގެ ދަރިފަނި ނަގައިގެން ޓެސްޓް ޓިއުބެއްގައި ފާޓިލައިޒްކޮށްގެން ބަލިވެ އިނދެގެން ލިބުނު ކުދިން ކަމަށެވެ.
"އެއްވެސް ބޭހެއްކޮށްގެންނެއް ނޫން. މީ ހަމަ ނެޗުރަލް ޕްރެގްނެންސީ އެއް. އިންޑިއާ އަށް ދިތަ ފަހަރު ޑޮކްޓަރަށް ދައްކާލިން. އެކަމަކު އެއީ ދަރިއަކު ހޯދުމުގެ ކަމެއްގައި ނޫން" އުމުރުން 28 އަހަރުގެ ސުމީތާ ބުންޏެވެ.
ކައިވެނި ކުރީއްސުރެން ފިރިމީހާ އަބަދުވެސް ސުމީތާ ގާތު ބުނާ ވާހަކައެއް އޮވެ އެވެ. "އަހަރުމެންނަށް ލިބޭނީ ޓުވިންސެއް ކަންނޭނގެ" އެވެ. ބަލިވެ އިނީއްސުރެވެސް އަދި އޭގެ ކުރިންވެސް، ޓްވިންސް ކުދިން ބޭނުންވާލެއް ބޮޑުކަމުން އަޝްފާގަށް ހަމަ އެހެން ކިޔެނީ އެވެ. އެކަމަކު އެއީ ވެދާނެ ގޮތެއް ކަމަށް ހިއެއް ނުކުރެ އެވެ.
ބަލިވެ އިނދެ ބަނޑަށް ތިން މަސް ވެގެން އައިއިރު ސުމީތާގެ ހަށގަނޑަށް ހުރީ ބޮޑު ބަދަލެއް އައިސްފަ އެވެ. އަބަދު ހޮޑުލެވި ރަނގަޅު ކާއެއްޗެއް ނުކެވުމުގެ ސަބަބުން އޭނާގެ ބަރުދަނުން ފަސް ކިލޯ ލުއިވި އެވެ. ވަރުބަލިވެ ބޯ އަނބުރާ ހޮޑުލެވުމަކީ މާބަނޑު ދުވަސްވަރު އާންމުކަމެއް ނަމަވެސް ވަކިން ހާއްސަ ކަމެއް ފާޙަގައެއް ނުކުރެވުނެވެ. ހާއްސަކަމަކީ، ތިން މަސް ވެގެން އައި އިރުވެސް ސުމީތާގެ ބަނޑު އާންމުކޮށް ތިން މަހުގެ ބަނޑަށްވުރެ ބޮޑުކަމެވެ. ސުމީތާގެ މާބޮޑު ފިކުރެއް އެކަމުގައި ނެތަސް ބައެއް މީހުން އެއް މާބަނޑު ދެކުދިން ކަމަށް، އޭރު ގަބޫލުކުރި އެވެ.
"ބަނޑަށް ތިން މަހުގައި އެނގުނީ އެއް ކުއްޖަކު ނޫންކަން. ސްކޭން ކުރަން ހުރެފައި ޑޮކްޓަރު ބުނީ ތިން ކުދިންނޭ. އެންމެ ފުރަތަމަ ސަމާސާއެއް ކަމަށް ހީކުރީ. އެކަމަކު އެއް ކުއްޖަކު ދައްކާއިރު އަނެއް ކުއްޖަކުވެސް އޮވޭ ފެންނަން. އެހެންވެ އަނެއްކާވެސް ޑޮކްޓަރު ކައިރީގައި އަނެއްކާވެސް އަސްލުވެސް ތިން ކުދިން ހޭ. ޑޮކްޓަރު ބުނެފި ސަމާސާއެއް ނޫނޭ އަސްލުވެސް ތިން ކުދިންނޭ،" ބަނޑުގައި އޮތީ އެންމެ ފުރާނައެއް ނޫންކަން އެނގުނު ގޮތް ކިޔައިދެމުން ސުމީތާ ބުންޏެވެ. "އެންމެ ފުރަތަމަ ބިރުގަތީ ތިން ކުދިންކަން އެނގުނީމަ. އެކަމަކު އުފާވެސްވި. ވަރަށް ވަރަށް އުފާވި،"
އެ ދުވަހުން ފެށިގެން ދެމަފިރިން ތައްޔާރުވަމުން އައީ އެއް މާބަނޑު ތިން ކުދިންނަށެވެ. އޭރުކުރި ހުރިހާ ޕްލޭނެއް ކުރީ ތިން ކުދިން ހިމަނައިގެންނެވެ. ހަތަރު ވަނަ ދަރިޔަކުވެސް ސުމީތާގެ ބަނޑުގައި އޮތްކަން އެނގުނީ ބަނޑަށް ހަ މަހުގައި މާލެ އައިސް ކުރި ސްކޭނަކުންނެވެ. ތިން ކުދިންނަށް ތައްޔާރުވަމުން އަންނަނިކޮށް ހަތަރު ވަނަ ކުއްޖަކުވެސް ލިބޭކަން އެނގުމުން އިތުރު އުފަލެއް ލިބުނެވެ. ހަތަރު ދަރިން ބޭނުންވާ އެ ދެމަފިރިންނަށް އެއްފަހަރާ ހަތަރު ދަރިން ލިބުނީ އެވެ. ހަތަރު ދަރިން ލިބޭކަން އެނގުނު ނަމަވެސް ސިޒޭރިއަން ހަދާފައި ނެގުމާއި ހަމައަށް އެއް ދަރިފުޅުގެ ޖިންސަކީ ސަޕްރައިޒެކެވެ. އެކުއްޖާގެ ޖިންސު އެއްވެސް ވަރަކަށް ނޭނގުނެވެ. އެހެންކަމުން އެއްޗެހި ގަތީ ތިން ކުދިންނަށެވެ. ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިންނަށް ބަލައިގެންނެވެ.
ދުވަސް ނުފުރާ ބަނޑަށް ހަތް މަހުގައި ސިޒޭރިއަން ހަދާ ކުދިން ނަގަން އަޝްފާގު ނިންމީ ސުމީތާގެ ސިއްހަތު އެންމެ ރަނގަޅު ނުވުމުންނެވެ. ރަނގަޅަށް ނުކެވި ހޮޑުލެވުމާއި ނިދަން އުނދަގޫވުމުގެ ސަބަބުން ޑޮކްޓަރުންގެ އިރުޝާދާއެކު ކުދިން ނަގަން ނިންމީ އެވެ. މުޅިން އަލަށް ކުރެވޭ އިހުސާސެއް ނަމަވެސް ސުމީތާއަށް އަދި އަޝްފާގަށް ފަސޭހަވީ އޭޑީކޭގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ދެބެންގެ ދެ ދަރި ކުއްޖަކު ސުމީތާގެ ވިހެއުމުގެ ކަންތައްތަކާ އުޅުމުންނެވެ. އެ އާއިލާއިން ސުމީތާ އަދި އަޝްފާގުގެ ހަތަރު ކުދިން އެންމެ ކުރިން ފެނުނީވެސް އޭނާ އަށެވެ.
ކުދިން ނަގާ ސާފުކޮށް އާއިލާއަށް ދައްކާލުމަށްފަހު ކުދިން ގެންދިޔައީ އެންއައިސީ އަށެވެ. ދުވަސް ނުފުރާ ނެގުމުގެ ސަބަބުންނެވެ. އެކަމަކު އެކުދިންގެ ސިއްހަތު ރަނގަޅެވެ. ހުރިހާ ކުދިންވެސް ބަރުދަން އެއް ކިލޯއަށްވުރެ މައްޗެވެ. ސިޒޭރިއަން ހެދުމަށްފަހު ސުމީތާ ގެންދިޔައީ ހައި ޑިޕެންޑެންސީ ޔުނިޓަށެވެ. އެތަނުގައި ދެ ދުވަސް ވަންދެން ސުމީތާ ބާއްވާފަ އޮތެވެ. އެހެން ނަމަވެސް ދަރިންނާއި ސުމީތާގެ ހާލު ރަނގަޅުކަމުގެ ހަބަރު ޑޮކްޓަރުން އައީ އަޝްފާގަށް ދެމުންނެވެ.
ފުރަތަމަ ފަހަރަށް ސުމީތާއަށް ކުދިން ފެނި މޭގައި ބޮނޑިކޮށްލަން ލިބުނީ އެކުދިންގެ އުމުރުން ދެ ދުވަސް ވީ ފަހުންނެވެ. އޭގެކުރިން ފެނުނީ ފޮޓޯ އެކެވެ. ހަމަ ލޮލަށް ކުދިން ފެނުނު ވަގުތު އެ ކުރެވުނު އިހުސާސް ބުނެދިނުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެވަރުގެ އުފާވެރިކަމެއް ދުވަހަކުވެސް ނުލިބޭ ކަހަލަ އެވެ.
އޭގެފަހުން ބޭނުން ކޮންމެ ވަގުތަކު ކުދިން ކައިރިއަށް ދެވުނު ނަމަވެސް އަމިއްލައަށް ކުދިން ގެންގުޅެން ލިބުނީ ގާތްގަނޑަށް މަހެއްހާ ދުވަސް ފަހުންނެވެ. ހަތް ދުވަސް ވީ ދުވަހު ކުދިންނަށް ނަން ކިޔާ ސޮދަގާތް ކުރި އެވެ. އެކުދިންނަށް ކީ އުމައިރާ ބިންތި އަޝްފާގު، އުމައިމާ ބިންތި އަޝްފާގު، އުނައިޒާ ބިންތި އަޝްފާގު އަދި އަޒީން ބިން އަޝްފާގެވެ. ދުވަހަކުވެސް ކުޑަކުދިން އުރާ، ކުދިން ގެންގުޅުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތް ޒުވާން ދެމަފިރިންނަށް މުޅިން އާ ތަޖުރިބާތަކެއް އައީ ލިބެމުންނެވެ. ދެ ފަރާތުގެ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. ކުދިންގެ ކަންކަމުގައި އެހީވުމަށް ދެ މާމަ އަބަދުވެސް ތިބެނީ އަތުކުރި އޮޅާލައިގެންނެވެ. މުޅި އާއިލާއަށް އީދެއް ގެނެސްދީ އުފާވެރިކަމުން ފުރާލި އެވެ.
"އެންމެ ކުއްޖަކު ގެންގުޅުމާ ހަތަރު ކުދިން ގެންގުޅުމުގައި ހުރި ތަފާތެއް ބުނެދޭކަށް ނޭނގެ. އެންމެ ފުރަތަމަވެސް ގެންގުޅެން މި ލިބުނީ ހަތަރު ކުދިން. އަނެއްހެން އުނދަގުލެއް ނޫން. ކުދިން ރޯނީ ބަނޑުހައިވީމަ އާ ނެޕީ ހަޑިވީމަ. ދެން އަބަދުވެސް މަންމަމެން އުޅޭ، ހަތަރު ކުދިން ގެންގުޅެވޭނެ ތިން މީހުން ތިބިއްޔާ،"
ގެންގުޅެން ފަސޭހަ ކުދިންތަކެއްކަން ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. އިންޓަވިއު ނަގަން އެގޭގައި ހޭދަކުރި ދެ ގަޑިއިރެއްހާއިރުގެ ތެރޭގަިއ ކުދިން ރުއީ ބަނޑުހައިވެގެން އެކަންޏެވެ. ބަނޑުބޮޑުވުމާއެކު ހުރިހާ ކުދިން އަނެއްކާވެސް ނިދައިފި އެވެ. ލޯބިން ހިތްފުރިގެންދާ ވަރުގެ މަންޒަރެކެވެ. އެއް މާބަނޑު ހަތަރު ކުދިން ނަމަވެސް އެއްވައްތަރެއް ނޫނެވެ.
އާއިލާގެ އެހީތެރިކަން ހުރިހާ ގޮތަކުންވެސް އަޝްފާގުގެ ދެމަފިރިންނަށް ލިބުނެވެ. ހޮސްޕިޓަލު ފީގެ ގޮތުގައި ދައްކަން ޖެހުުނު އެއް ލައްކަ ރުފިޔާވެސް ދައްކައިދިނީ ބޮޑުބޭބެ އެވެ. އެއީ އޭޑީކޭއިން ދިން ބޮޑު ޑިސްކައުންޓަކަށްފަހު ދައްކަން ޖެހުނު ފައިސާ އެވެ. އޭޑީކޭ އިންވަނީ އާއިލާގެ އުފާވެރިކަމުގައި ބައިވެރިވާން ގާތްގަނޑަކަށް 80،000 ވަރަކަށް ރުފިޔާގެ ޑިސްކައުންޓެއް ދީފަ އެވެ. އަދި އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ވަނީ ކުދިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޑްރައިޕާސް ނެޕީ ފޯރުކޮށްދޭން ނިންމާފަ އެވެ. އާއިލާ މީހުން ހޮސްޕިޓަލުގައި އޮތްއިރު އަދި ގެއަށް އައި ފަހުންވެސް ގިނައިން ޒިޔާރަތްކޮށް ކުދިންނާ ލޯބިކޮށް ހަދަ އެވެ. ހަތަރު ކުދިންނާއެކު އެދެމަފިރިން އެންމެ އުފާވާ ކަމަކަށް އެކަންވެ އެވެ.
މާލޭގައި އަމިއްލަ ކުންފުންޏެއް އުފައްދާ ވިޔަފާރީގައި ވަގުތު ހޭދަކުރި ނަމަވެސް ގޭގައި ހޭދަކުރާ ކޮންމެ ވަގުތެއް އަޝްފާގު ހޭދަކުރަނީ އަނބިމީހާ އަދި ހަތަރު ކުދިންނާ އެކުގަ އެވެ. ކުދިންގެ ކަންކަމުގައި ބައިވެރިވެ ނަމޫނާ ބައްޕައަކަށް އޭނާ ވާނެ އެވެ. ވިހެއުމުގެ ޗުއްޓީގައި ސުމީތާ ހުރިނަމަވެސް ޗުއްޓީއަށްފަހު ވަޒީފާއަށް ނުކުތުމާމެދު ސުމީތާ އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެކަމަކު އޭނައަށް އެންމެ މުހިންމީ ކުދިންނެވެ. މިހާރު ދިރިއުޅެމުން އަންނަނީ މާލޭގަ އެވެ. ދަރިން ލިބުމުން ދިރިއުޅުމުން އައި ބަދަލާއެކު ވިހެއުމަށްފަހު މާލެއަށް ދިރިއުޅުން ބަދަލުކުރީ އެވެ.
"އެންމެ ބޮޑު ބަދަލެއް އައީ ނިންޖަށް. ބަނޑުބޮޑުއިރުވެސް އެންމެ ފަހު މަސް ގާތްގަނޑަކަށް ނުނިދޭ. އޮށޯވެ އޮންނަން އުނދަގޫވެ އެކަހަލަ އުނދަގޫތައް ވަތީ، ދެން މިހާރު ވަރަށް ނުނިދޭ. ގިނަ ރޭރޭ އެއްކޮށް ހޭލާ ކަހަލަ ގޮތަކަށް އުޅެން ޖެހޭ، ކުދިން ހެލާތީ،" ކުދިންގެ ހިޔާލުގައި ހިނިތުންވެ އިނދެ ސުމީތާ އަދި އަޝްފާގު ބުންޏެވެ.
އެހެން ނަމަވެސް ހަތަރު ދަރިންނާއެކު މިއަދު އެދެމަފިރިންގެ ހުވަފެން ހަގީގަތަކަށްވެއްޖެ އެވެ. އިތުރު ކުއްޖަކު ހޯދުމުގެ ވިސްނުމެއް އެދެމަފިރިންގެ މިހާރަކު ނެތެވެ. ހަތަރު ދަރިންނާއެކު އެދެމަފިރިންގެ ހަޔާތް އިތުރަށް އުޖާލާވެ އަލިވެގެން ހިނގައްޖެ އެވެ.