މީހުން

އެންމެ 19 އަހަރުގެ ކުރެހުންތެރިޔާ ހިތްތައް އަތުލައިފި

  • ރެޑްބުލްގެ ވީއާރު ޑޫޑުލް މުބާރާތުގައި ރާއްޖެ ތަމްސީލްކުރި
  • އާޓް މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދި
  • އިމްރާންގެ ކުރެހުންތަކަށް ބޭރު ދުނިޔޭގެ ސަމާލުކަން

ކުރެހުން ތެރިންނަކީ މީހުން ޖާދޫގައި ޖައްސާލަން ފިސާރި މޮޅު ބައެކެވެ. އެމީހުންގެ މޮޅު ކުރެހުންތަކުން މީހުން އަންތަރީސް ކޮށްލަ އެވެ. މޮޅު ކުރެހުން ތެރިއެއްގެ ކުރެހުމުން ބައެއް ފަހަރު މީހުން ހެއްވާލައި ނޫނީ ރޮއްވާލައެވެ. އަދި ބައެއް ކަހަަލަ ކުރެހުންތައް ބަލާލުމުން ހިތަށް ފިނިކަން ލިބި ހިތް އުފާ ކޮށްލަ ދެއެވެ. އަދި ބައެއް ކުރެހުންތަކުން ހިތަށް މާޔޫސް ކަން ގެނެސް މީހާ ހިތުގައި ޖައްސާލަ އެވެ. ކުރެހުމަކީ ހަމަ އެހާވެސް ބާރު ގަދަ އެއްޗެކެވެ. އިންސާނުންގެ ހިތްތަކާ ކުޅެލާ އަޖައިބެއްފަދަ ކަމެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުރެހުންތެރިންގެ ތެރެއިން ޕަބްލޯ ޕިކާސޯ އާއި ލިއެނާޑޯ ޑާވިންޗީ ގެ ކުރެހުންތުގެ މަގުބޫލުކަން އަދިވެސް ފަނޑެއް ނުވެއެވެ. އޭގެ ތެރެއިން ޑާ ވިންޗީގެ ނަން މަޝްހޫރު ކުރެހުން، މޮނާ ލިސާ ފެނުމުން އަދިވެސް މީހުން އަޖައިބު ކޮށްލަ އެވެ. ނަމަވެސް މިއުޅެނީ ދުނިޔޭގެ ނަން މަޝްހޫރު ކުރެހުންތެރިއެއްގެ ވާހަކަ ދައްކާކަށް ނޫނެވެ. ދާދި ފަހުން ރެޑްބުލްގެ ފަރާތުން ހޮވާލި، ވީއާރް ޑޫޑުލް މުބާރާތުގައި ތަފާތު ކުރެހުންތަކުން މީހުންގެ ސަމާލުކަން ހޯދި، އުމުރުން އެންމެ 19 އަހަރުގެ އިމްރާން ފާރިޝް އަކީ ތަފާތު ޒުވާނެކެވެ.

އެންމެ ކުޑައިރުއްސުރެވެސް ކުރެހުމަށް ޝައުގުވެރިކަމެއް ހުންނަ އިމްރާން ކުރަހަން ފެށީ ސުކޫލު ދައުރުގައެވެ. ގްރޭޑް އަށެއްގައި ކިޔަވަމުންދިޔަ އިރު ހުސް ވަގުތުތައް ފޫ ބައްދާލުމަށް އެކުވެރިޔަކާ އެކު ކުރަހަން ފެށި ދުވަހުން ފެށިގެން އެކަމަށް އޭނާ އަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. ސުކޫލު ދައުރުގައި އާންމުކޮށް ބައެއް ކަހަލަ ހިޔާލީ ކެރެކްޓާތައް ކުރެހި ކަމުގައިވީ ނަމަވެސް ސުކޫލު ފެންވަރުގެ އެއްވެސް ކުރެހުމުގެ މުބާރާތެއްގައި އޭނާ ބައިވެރިއެއް ނުވެއެވެ. އިމްރާން ބުނި ގޮތުގައި ސަބަބަކަށްވީ، އެ ކަމަށް އާ ވުމުން ކުޑަކޮށް ޖެހިލުންވެ ލަދު ގަތުމެވެ. ނަމަވެސް ސުކޫލުން ބޭއްވި އެގްޒިބިޝަން ތަކުގައި އޭނާގެ ކުރެހުންތައް ދައްކާލާފައިވާނެ ކަމަށް އިމްރާން ބުންޏެވެ.

"ހަމަ އެކަނި ޑޫޑުލްސް އެއް ނޫން ކުރަހާ އުޅުނީކީ، އެންމެ ފުރަތަމަ ފެށީ ކެރެކްޓާ ޑިޒައިން ކުރަން، އެއީ ގްރޭޑް އަށެއްގައި އުޅުނު އިރު، އަމިއްލަ އަށް ދަސް ކުރީ، މީހަކު ހެލްޕެއްނުވޭ އަސްލު މިކަމަކަށް، އެކަމް ދެން ބަލާ މޫވީސް ތަކުން ރިފަރެންސް ނަގައިގެން އިމްޕްރޫވް ކުރީ، އޯލެވެލް ހެދި އަހަރު އާޓުން ރާއްޖެއިން އެއްވަނަ ލިބުނު އެންޑް ވޯލްޑް ޓޮޕް ޓެންއިން ތިންވަނަ ޕްލޭސް ލިބުނު، ސުކޫލުދައުރުގައި ކުރެހުން ކޮމްޕެޓިޝަން ތަކަކު ބައިވެރިއެއް ނުވަން، އެކަމަކު އެގްޒިބިޝަން ތަކުގައި ހުންނާނެ ހުރެހުންތައް ދައްކާލާފަ،" އިމްރާން ބުންޏެވެ.

އިމްރާންގެ އަޖައިބެއްފަދަ ރީތި ކުރެހުންތަކުގެ ސަމާލުކަން މީހުންނަށް ލިބެން ފެށީ ރެޑްބުލް މުބާރާތުގައި ބައިވެރިވެ ބޭރު ދުނިޔެއަށް އޭނާގެ ހުނަރު ދައްކާލަން ލިބުނު ހިސާބުން ނެވެ. އޮފީސް ރައްޓެއްސެއް ދިން ހިޔާލަކުން ރެޑްބުލް ވީއާރް ޑޫޑުލް ކުރެހުމުގެ މުބާރާތުގައި ބައިވެރިވެ އޭގެއިން އެއްވަނަ ހޯދައި ދުނިޔޭގެ އޯޑިއަންސަށް އޭނާގެ ކުރެހުންތައް ދައްކާލަން ފުރުސަތު ލިބުނެވެ. އޭނާއަށް އެންމެ ބޮޑު ހުނަރަކަށްވީ ވީއާރް ޑޫޑުލް ކުރަހަން ޖެހުމެވެ. އެއީ ތްރީޑީ ކުރެހުމަކަށް ވާތީ އެވެ. ނަމަވެސް ސެންފްރެންސިސްކޯގައި އޮތް ވީއާރް ޑޫޑުލް މުބާރާތުގައި އިމްރާން ބައިވެރިވެ ޖަޖްންގެ ސަމާލުކަން އޭނާ އަތުލި އެވެ. އަދި ދެ ޖަޖުން އޭނާގެ ކުރެހުމަށް ތައުރީފް އޮއްސާލި ކަމަށް އިމްރާން ބުންޏެވެ.

"އެއީ ވޯކްގަ އުޅުނު އިރު ލަންޗަށް ކަމަނަ ކިޔާ ރެސްޓޯރެންޓަކަށް ދިޔަ ގަޑީގައި، ދެން އެތަނަށް ދިޔައިރު އެތާ އިނީ އޭގެ (ވީއާރް ޑޫޑުލް ކޮމްޕެޓިޝަން) އިސްތިހާރެއް ބައިންދާފަ، ވޯކް ފްރެންޑެއް ބުނީ އޭގައި ބައިވެރި ވާންވީ ނޫންހޭ، ދެން އެދުވަަހު އޭގަ ބައިވެރި ވެގެން އަސްލު ޗާންސް ލިބުނީ، ފުރަތަމަ މިކޮޅުގަ ބޭއްވި ކޮމްޕެޓިޝަނުން އެއްވަނަ ލިބުނީ، ދެން ބޭރަށް ދިޔައީ، ސޭންފްރެންސިސްކޯ އަށް، އެ ތަނުގައި އޮތް މުބާރާތުން އެހެން ކުއްޖަކު މޮޅުވީ އެކަމަކު ދެ ޖަޖެސްގެ ފަރާތުން ޝައުޓްއައުޓެއް ލިބުނު، އެމީހުންނަށް ވަރަށް ކަމުދިޔަ އޭތި، އެއްވަނަ ނުލިބުނުކަން،" އިމްރާން ބުންޏެވެ.

ރެޑްބުލްގެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުން ވެގެން ދިޔައީ އިމްރާންއަށް އެ ދާއިރާއިން ބޮޑު ތަރުހީބެއް ލިބި އާ ދޮރުތަކެއް ހުޅުވިގެންދިޔަ ކަމަކަށެވެ. އެދުވަހުގެ ފަހުން އޭނާއަށް ކުރެހުމަށް ގިނަ ބަޔަކު އެޕްރޯޗް ކުރަން ފެށިއެވެ. އޭނާގެ އިންސްޓަގްރާމް އަށް ފޮޓޯ ލުމާއެކު މީހުންގެ ތައުރީފް އޭނާގެ ކުރެހުމަށް ބަންޑުން ކޮށްލަ އެވެ. މި ދުވަސްކޮޅު ވަޒީފާއެއްގައި ނޫޅުނު ކަމުގައިވީ ނަމަވެސް އޭނާ މިހާރު ކޮށް އުޅެނީ ފްރީލޭންސަށް އެއްޗެހި ކުރުހާ ދިނުމެވެ. އާންމު ގޮތެއްގައި މިހާރު ކުރަހާ އުޅެނީ ޕޯޓްރެއިޓް ކުރެހުން ތަކެވެ. މަދުން ނަމަވެސް ކާޓޫންގެ އިތުރުން، އިތުރު ވައްތަރުތައް ކުރުހާ އުޅޭ ކަމަށް އޭނާ ބުންޏެވެ. އެންމެ ބޮޑު އޮފާ އަކަށް އައިސްފައިވަނީ ކޮމިކް ފޮތެއްގެ މަސައްކަތް ކުރުމެވެ. އަދި އެ ފޮތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިމްރާން ބުންޏެވެ.

"ވީއާރް ޑޫޑުލް އާއި ޑޫޑުލް އާ ވަރަށް ތަފާތު އަސްލު، ޑޫޑުލް އަކީ ޓޫ ޑިމެންޝަނަލް އެއްޗެހި، ވީއާރް އަކީ ތުރީ ޑީ، އެއީ ހަމަ މުޅިން އަލަށް ކުރަހަން ދަސްކުރުން ކަހަލަ ކަމެއް، މުޅިން ތަފާތު ކަމެއް، ވަރަށް ފަހުން ބަޔަކު އެޕްރޯޗް ކުރި ކޮމިކް އެއް ހަދަންވެގެން، ބޮޑު ތަކުރުފާނުން އެ ސްޓޯރީއަށް، އޭތި ކޮމިކް އެއްގެ ގޮތުގައި ގެންނަން. އޭތި ފަށަން ކަމަށް މިއުޅެނީ، ދެން ފުދޭ ވަރަކަށް ބޮޑު ޗާންސްއެއްގެ ގޮތުގައި މި ބަލަނީ، ބޮޑެތި ޕްރޮޖެކްޓްސް ތަކަށްވުރެ ބޮޑަށް ކުދިއެއްޗެހި މި ލިބެނީ، ވަގުތު ހޭދަވާ ގޮތަށް ބަލާ ނަމަ ކެރެކްޓާ ޑިޒައިން ކުރާ ވަގުތެއް އަސްލު ބޮޑަށް ނަގާނީ، ކޮންމެ ކެރެކްޓާއެއްވެސް ކުރުހާއިރު އެމީހެއްގެ ބެކްސްޓޯރީއަށް ބަޮލައިގެން ކުރުހަނީ، ބައެއް ފަހަރު ދުވަހެއްވެސް ނަގާފާނެ އެއް ކެރެކްޓާ އަކަށް،" އިމްރާން ބުންޏެވެ.

ދުނިޔޭގެ މޮޅު ކުރެހުންތެރިންގެ ހިތްގައިމު ކުރެހުންތައް ވިކޭ އަގުތަށް ފެނުމުން ކުރަހަން ނޭންގޭ މީހަކުވެސް އެކަން އަޖުމަބަލައިލަން ކުރާ ހިތްވާނެ ކަން ޔަގީނެވެ. ބައެއް ކަހަލަ ކުރެހުންތަކުން މާނަ ދޭހަވާ ގޮތުން އެ ކުރެހުމެއްގެ އަގު އަރައިގެން ދެއެވެ. ހަމަ ގައިމުވެސް އެހެން ގައުމުތަކުގައި މި ދާއިރާއަކީ ކެރިއާއެއް ބިލްޑްކުރަން ވަރަށް ރަނގަޅު ދާއިރާ އެކެވެ. އާންމުދަނީގެ ގޮތުންނާއި ލިބިގެންދާ ފުރުސަތު ތަކަށް ބެލި ކަމުގައިވީ ނަމަވެސް މި ދާއިރާ އަކީ ވަރަށް ފުރިހަމަ ދާއިރާ އެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ކުރެހުމުގެ ދާއިރާއިން ކެރިއާ ބިލްޑް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފުރުސަތުތައް މަދުވެފައި ލިބޭ އާންމުދަނީ ކުޑަވުމެވެ. ރާއްޖޭގައި އާޓް ވެލިއު ކޮށް އެކަމަށް ބޮޑު ހޭދައެއް ކުރަން ބޭނުންވާ މީހުން ނޫޅޭ ކަމަށް އިމްރާން ބުންޏެވެ. އެއީ ތެދެއް ކަމުގައި ވެދާނެ އެވެ. މިއީ އިމްރާން އަށް މިދާއިރާއިން ކުރިއަށްދާން މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

"މީހުންގެ ޕޯޓްރެއިޓް އާންމު ގޮތެއްގައި ކުރުހާ އުޅެނީ، މާ ބޮޑޫ އެއްޗެއް އަސްލު ނުއެއް ލިބޭ، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 2000 ރުފިޔާ ލިބެނީ، ކެރިއާއެއް ގޮތަށް މިކަން ކުރަން ނުވިސްނަނީ ރާއްޖޭގައި މި ދާއިރާއިން އެހާ ބޮޑަށް ކުރިއަށްދާން ފުރުސަތެއް ނެއް، އެކަމަކު ބޭރު ތަންތާ އުޅޭ ހަމަ ޑޫޑޫލް ކުރެހުން ތެރިން ޕްރޮފެޝަނަލް، މިތަނުގައި އަދި އެހާބޮޑަށް އެކަން ކުރިއަރާފަ ނެތީމަ ނުވިސްނަން އެހާ ބޮޑަކަށް، އަސްލު މަދުން ނަމަވެސް އުޅޭ ކުރެހުން ތެރިން، އެކަމަކު އެމީހަކު އަމިއްލަ ކަން ކަމުގައި އުޅެނީ، މިކަމުގައި އެންމެން އެކުވެގެން މިކޮޅުގައި ލީޑް ނަގާނެ މީހަކު ނެތީމަ ބޮޑަށް ކުރި ނާރަނީ، އޮތޯރިޓޭޓިވް މީހުން މިކަމާ އުޅެގެން ވާނީ އަސްލު، ފިއުޗާއެއް ނެއް ކަމަށް ގަބޫލު ކުރަނީ އަސްލު މީހުން އެހާ ވިލިންގެއް ނޫން ކަންނެ އެހާ ބޮޑު އެއްޗެއް އެޔަށް ޕޭ ކުރާކަށް، ބޭރު ތަންތާގައި އަސްލު އާޓް ވެލިޔު ކުރޭ ރާއްޖެއާ ބަލާފަ،" އިމްރާން ބުންޏެވެ.

ކެރިއާއެއް މިކަމުގައި ބިލްޑް ކުރެވެން ނެތުމުން އިމްރާންގެ ވިސްނުން ހުރީ ކުރެހުމާއި ގުޅުން ހުރި ދާއިރާއަކުން ކުރިއަށްދާ ށެވެ. އެއީ އާކިޓެކްޗާ އެވެ. އަންނަ އަހަރު މެދުތެރޭގައި ކިޔަވަން ފަށާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ކުރެހުން ދޫކޮށް ނުލާނެ ކަމަށް އޭނާ ބުންޏެވެ. އަބަދުވެސް ކުރެހުމަށް ޕެޝަން ހުންނާނެ ކަމަށާއި ވަޒީފާއަށްދިޔަ ނަމަވެސް އެކަމަށް ވަގުތު ހޯދައިގެން އެކަން ކުރާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ހުރީ ކުރެހުން ހުއްޓާލުމުގެ އަޒުމެއްގައެއް ނޫނެވެ. އަބަދުވެސް އެކަން ކުރާ ހިތުން ކުރާނެ ކަމުގެ އަޒުމުގަ އެވެ.