މީހުން

މި މީހާ ކަށިން ނެރުނީ ގަދަ ހިތްވަރު

'ދި ހެމާ' ޖިމް ދޮރުމައްޗަށް ސައިކަލް މަޑުކޮށްލިއިރު މެންދުރު ބާރަ ޖެހީ އެވެ. ޖިމްގެ ދޮރު ކައިރީގައި ހުރި ލަކުޑި ގޮނޑިއެއްގައި އިށީނދެގެން ކޮނޑުގައި ދަބަހެއް އަޅުވައިގެން އެ އިނީ ރާއްޖޭގެ އެންމެ ރީތި ހަށިގަނޑުގެ ވެރިޔާ އެވެ. މި އަހަރުގެ "މިސްޓަ މޯލްޑިވްސް" ގެ ޝަރަފު ހޯދި، މުހައްމަދު ޔާމީން، ނޫނީ އާންމު ނަމުން ނަމަ އެއީ 'ޔާމްބެ' އެވެ. ފެނުމާއެކު ފުރަތަމަ ވެސް އެހީ ސުވާލެކެވެ.

"ކާ ގަޑި ޖެހިއްޖެ. މާގިނައިރެއް ނުވާނެ ދޯ؟،"

މިސްޓަ މޯލްޑިވްސް މި ސުވާލު ކުރާނެތާ އެވެ. މި ސުވާލު ކުރަން ވެސް ޖެހޭނެ އެވެ. މި ޝަރަފަކީ ހަމަ ހުރެފައި އެއް ދުވަހަކުން، ދެ ދުވަހަކުން ލިބޭނެ އެއްޗެއް ނޫނެވެ. މިކަމަށް ލައްކަ ގުރުބާނީތައް ވާން ޖެހެ އެވެ. ބަރާބަށް އެންމެ ކެއުމެއް ވެސް ވައްޓައިނުލައި ގަޑިން ގަޑި އަށް ކާން ޖެހެ އެވެ. ބަރާބަރަށް ނިދަން ޖެހެ އެވެ. ދެން އޮތީ، ކަސްރަތު ކުރުމުގެ ވާހަކަ އެވެ. ކޮންމެ ދުވަހަކު އެތަށް ގަޑިއިރެއްގެ ސަމާލުކަން ދީގެން ހަށިގަނޑު ކޮށައި، ރީތި ބައްޓަމަކަށް ގެނެވޭނީ ވަރަށް ވެސް ގިނަ ގުރުބާނީ ތަކަކުންނެވެ. ކިތަންމެ ތަދެއް ވިއަސް "ނޯޕެއިން، ނޯގެއިން" އޭ ބުނެ، ހިތްވަރު ކުރުމަކީ އެއީ ތިހީކުރާހާ އާދައިގެ ކަމެއް ނޫނެވެ.

"ވަރަށް ބުރަ ކަމެއް މިއީ. މުބާރާތް ކައިރިވަމުން އަންނައިރާއި މުބާރާތަށް އަރަން ވެސް ތަފާތު ވޯކް އައުޓެއް ކުރަން މި ޖެހެނީ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން މި ކަމަށް މަސައްކަތް ފަށަން ޖެހޭ. ފައުންޑޭޝަން ފުރަތަމަ ބިލްޑް ކުރަން މި ޖެހެނީ. އެހެން ނޫނީ މިކަމެއް ނުވާނެ،" ޔާމްބެ ބުންޏެވެ.

"މިއީ ވަރަށް ޑިސިޕްލިން ވާން ޖެހޭ ކަމެއް. ކާން ޖެހެނީ ވަކި ވަރަކަށް ކޮންމެ ދުވަހަކު ވެސް. އެ ދުވަހެއްގައި ކުރަން ޖެހޭ ކަމެއް އެ ދުވަހެއްގައި ކުރަން ޖެހޭ. ނިދުމާއި ކެއުން އަދި ރެސްޓުގެ އިތުރުން ވޯކްއައުޓް ޑިސިޕްލިން ވަރަށް މުހިންމު."

މިގުރުބާނީ ތަކުން ޔާމްބެ އަށް ދިން ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ނަމަވެސް މިހާރު ވަރުގަދަ ހަށިގަނޑެއްގެ ލިބިފައި ހުއްޓަސް ޔާމްބެއަކީ ކުރިން ބޮޑީބިލްޑް ކުރި މީހެއްވެސް ނޫނެވެ. ޔާމްބެ ކުރިން ކުޅުނީ ވޮލީ އެވެ. މާލެ، ކައިރީގައި އޮންނަ ޝެރެޓަން ފުލްމޫން ރިސޯޓުގެ ވޮލީޓީމްގައި ޔާމްބެ ފެންނާނެ އެވެ. ނަމަވެސް ވޮލީގެ ތެރޭގައި އުޅޭއިރު ވެސް ޖިމް ހަދަން ޖެހުމަކީ މި ދާއިރާ އަށް ޔާމްބެގެ ޝައުގުވެރިކަން އެނބުރެން ދިމާވި ސަބަބެއް ކަމަށް އޭނާ ދެކެ އެވެ.

ދެން އޮތީ، ޔާމްބެގެ ހަށިގަނޑު ބިޔަކޮށް ހުރުމަށް ކެއުން ބެހެއްޓި ގޮތުގެ ވާހަކަ އެވެ.

"އެއްގޮތަކަށް ވެސް ހަވާދުލީ އެއްޗިއްސެއް ނުކަން. ފުރަތަމަ ތަނަކަށް [ރެސްޓޯރެންޓަކަށް] ދާން ޖެހިގެން ދިއުމުގެ ކުރިން ބަލަނީ އެތަނުގައި ބޭނުންވާ އެއްޗިހި ހުރިތޯ؟ ޔާމްބެ ބޭނުން އެއްޗެއް ތައްޔާރު ކޮށްދެވޭނެތޯ؟ ބަލާފައި ދަނީ. އެހެން ނޫނީއްޔާ ރައްޓެހިންނާއެކު ތަނަކަށް ދިއަޔަސް ގޮސް ބޮއިލަނީ ކޮފީއެއް." 29 އަހަރުގެ ޒުވާން ބޮޑީ ބިލްޑަރު ބުންޏެވެ.

ޔާމްބެގެ ކެއުމުގެ ސަފުހާތައް އުކާއިރު ފާހަގަ ކޮށްލަން ޖެހޭ އެހެންކަމެއް އެބައޮތެވެ. އެއީ ޔާމްބެ ކާން ބޭނުންކުރާ އެއްޗިހި ތައްޔާރު ކުރަނީ ވެސް އަމިއްލަ އަށެވެ.

"ކޮންމެ ދުވަހަކު ހޭލައިގެން، ހެނދުގެ ސަޔަށް ބޭނުންވާ އެއްޗިހި ތައްޔާރު ކޮށްފައި ޖިމަށް ދަނީ. ޖިމް ނިންމާފައި ގެ އަށް ގޮސް ސައިބޮނީ ވެސް،" ' ދި ހެމާ' ޖިމްގެ އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރާ ޔާމްބެ ބުންޏެވެ.

ދެން މި އޮތީ މިސްޓަ މޯލްޑިވްސްގެ އެއް ދުވަހުގެ ޑައިރީ އެވެ. މުބާރާތް ކައިރިވަމުންދާނަމަ ފުރަތަމަ ހޭލާ ގޮތަށް ދާނީ ޖިމަށެވެ. ކާޑިއޯ ހަދާށެވެ. އަދި ހެނދުގެ ސަޔަކީ ޕާނާއި ބިސް އަދި އޯޓްމީލް ފަދަ ބާވަތްތަކެވެ. އަދި ސަޔަށް ފަހު ރެސްޓުކޮށްލާނެ އެވެ. އަދި އެ އަށް ފަހު ޔާމްބެ ވަންނާނީ ބަދިގެ އަށެވެ. ކީއްކުރަން ކަން އެނގޭ ހެއްޔެވެ؟ މިސްޓަ މޯލްޑިވްސްގެ މެންދުރުގެ ކެއުން ތައްޔާރު ކުރާށެވެ. މި ކައްކަނީ އަމިއްލަ އަށެވެ.

މިސްޓަ މޯލްޑިވްސްގެ ނަސޭހަތަކީ މި ދާއިރާ އަކީ ޒުވާނުން ކުރި އަށް ދާން ރަނގަޅު ދާއިރާއެއް ކަމުން ގިނަ ކުދިން ނުކުތުމެވެ. މި ދާއިރާއިން މީހާގެ އަހުލާގު ވަކިގޮތަކަށް ބައްޓަންވެ، މީހާ ޑިސިޕްލިން ކޮށްލާނެ ކަމުގެ މުޖައްރިބުކަން ޔާމްބެ ދެ އެވެ.

"ޒުވާން އިރު ފަށައިގެން ކުރި އަށް ދާންވީ. މިގޮތަށް ފަށައިފިނަމަ 10 ވަރަކަށް އަހަރުން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެމ" ށ. ފުނަދޫ އަށް އުފަން، ޔާމްބެ ބުންޏެވެ.

"ވަކި ދުވަސް ވަރެއްގައި ފަށަން ހުރެގެން ވާނެ ކަމެއް ނޫން މިއީ. މިކަން މިއަދުވެ ސް ހަމަ ފަށަންވީ. ފަށާނީ ނިއު އިޔާގައޭ ކިޔައިގެން ތިބޭނެ ކަމެއް ނެތް. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ރަނގަޅު ކަމެއް މިއީ."

ޔާމްބެ ބުނި ގޮތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ދެވަނަ ލިބުމަކީ މި އަހަރު އެއްވަނަ ހޯދަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ.

"ވަރަށް މަސައްކަތް ކުރިން. ގިނަ ސެކްރިފައިޒް ތަކެއް ވާން ޖެހޭ ކަމެއް މިއީ. މި އަހަރު ވިން ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތް،" ބަރުދަނުގައި 81 ކިލޯ ހުންނަ ބިޔަ ހަށިގަނޑުގެ ވެރިޔާ ކުރި ހިތްވަރު ކިޔައިދިނެވެ.

ޔާމްބެ މިހާރުގެ އަމާޒަކީ ކޮރެޔާގައި އޮންނަ 51 ވަނަ ބޮޑީބިލްޑިން މުބާރާތާއި މޮންގޯލިޔާގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕެވެ. މިސްޓަ މޯލްޑިވްސްގެ މިހާރު އަމާޒަކީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމެވެ. މި ހިސާބަށް އައުމުގައި ގިނަ ބަޔަކު ވަނީ ޔާމްބެ އަށް އެހީތެރިކަން ވެސް ވެފަ އެވެ. މީގެތެރޭގައި އެންމެ ހާއްސަކޮށް ފާހަގަ ކުރަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ޑޮކްޓަރު ޝަކީބާއި ދި ހެމާ ޖިމްގެ ޗެއާމަން އަހްމަދު މުއާޒް (މުއާ) އެވެ. އަދި އާއިލާ އެވެ. މި ފަރާތްތަކަށް ޔާމްބެ ޝުކުރު ބަންޑުން ކޮށްލަނީ ހިފެހެއްޓުމެއް ނެތް ގޮތުގަ އެވެ.