ވަޒީފާ ގައި ހަރުނުލުން، މިއީ ވަޒީފާ ދޭ މީހާ މިއަދުގެ ޝަކުވާ އެވެ. އަދި ވަޒީފާ އަށް ކަމޭނުހިތުމާއި ނިކަން ކަމާވެގެން ނޫޅުން މިއީ އެ އަށްފަހު އަންނަ ޝަކުވާ ތަކެވެ. އެކަމަކު ކައިމޫ ހޮޓެލްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިހާރު ހުންނެވި، އިބްރާހިމް އަލީ އާއްމުނަމުން ނަމަ "ޑޮން" އާ މެދު މި ޝަކުވާ ކުރާނެ މީހަކު ނެތެވެ. އޭނާގެ ވަޒީފާގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އުޅުއްވީ އަމިއްލަ ކަމެއްގެ ގޮތުގައި ދެމިކެންނެވެ. މަސައްކަތަށް ކަމޭ ހިތި އެވެ. ޓޫރިޒަމް ދާއިރާގައި އަލީ އުޅޭތާ، 38 އަހަރު ފާއިތުވެގެން ދާއިރު މި ދާއިރާ އެންމެންގެ ލޯބި އޭނާ ހޯއްދެވީ އިހުލާސްތެރިކަމުންނެވެ.
"އެންމެ ފުރަތަމަ މަސައްކަތް ފެށީ އޮފީސް ސާފު ކުރާ މީހަކަށް. މި ހިސާބުން ކުރިއަށް ދިޔައީ،" އުމުރުން 17 އަހަރުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ފެށި އަލީ ވާހަކަ ފެށީ މި ހިސާބުންނެވެ.
އަލީ ފުރަތަމަ މަސައްކަތް ކުރެއްވީ ބަރޮސް އައިލެންޑް ރިސޯޓެވެ. ގްރޭޑް 9 ނިންމާފައި އެ ރިސޯޓާ ގުޅުނުއިރު އެންމެ ސަމާލުވީ ވެރިން ހަވާލުކުރާ މަސައްކަތް އެންމެ ފުރިހަމަ އަށް ނިންމުމަށެވެ. މަސައްކަތަށް ފަރުވާތެރިވުމަށެވެ.
"އަނެއްހެން މާކަގިނަ އެއްޗިހި ތަކެއް ކިޔަވައިގެނެސް ނޫން އަޅުގަނޑު މި ދާއިރާ [ޓޫރިޒަމް] ދާއިރާގައި މި އުޅެނީއެއް. މެލޭޝިޔާ އިން ކުޑަ ކޯހެއް ހަމައެކަނި ފުރިހަމަ ކުރީ. ފަހުން އިންޓަނެޓު އައުމުން ދެން ނެޓުން ބަލައިގެން އެއްޗިހި ދަސްކުރީ،" އަލީ ވިދާޅުވި އެވެ.
"މަސައްކަތުގެ ދާއިރާގައި ކޮންމެ މަސައްކަތެއް ކުރިއަސް އެކަމަށް އިންޓަރެސްޓެއް ނެތް މީހަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑަށްވެފައި ހުރި ގޮތަކީ އެންމެ ފުރަތަމަ ވަޒީފާ އިން ފެށިގެން ވެސް މި ކަމަށް ވަރަށް ބޮޑު ލޯބްތެއް ޖެހިއްޖެ، މި ކަމުން އެހެންވެ މި ކުރިއަށް ދެވުނީ. އަނެއް ކަމަކީ މަސައްކަތުގައި އުޅޭ މީހުން ބަލައި ގަތުން. ބަލައި ގަންނަ ކަމަށް ނުވާނަމަ ކުރިއަކަށް ނުދެވޭނެ."
އަލީ ފުރަތަމަ ވަޒީފާގައި ކުރީ މުޅިން ތަފާތު ތަޖުރިބާއެއް އެކެވެ. އަލަށް ވަޒީފާ އަކަށް ނުކުތްނަމަވެސް ހަވާލުކުރި މަސައްކަތް ޖެހިލުންނުވެ ނިކަން ފިރިހެންވެ ހުރެ ފުރިހަމަ ކުރެއްވި އެވެ،
"އަޅުގަނޑަށް ފުރަތަމަ ހަވާލުކުރީ ކުނި ކަހަން. އެކަމަކީ ކުރެވޭނެ ކަމަށް ބަލާފައި އެ މަސައްކަތް ވެސް ކުރިން. ދަލެއް ނުގަންނަން،" އަލީ ވިދާޅުވި އެވެ.
ދެން އޮތް ސުވާލަކީ އަލީ ޓޫރިޒަމް ދާއިރާ އަށް ނުކުމެވުނީ ކިހިނެއް ބާ އެވެ؟ ހިނިތުންވެލުމާއެކު އަލީ ވިދާޅުވީ މި ދާއިރާ އަށް ނުކުމެވުނީ ނޫން ކަމަށެވެ. ހަމަ ނުކުތީ ކަމަށެވެ.
"އަނެއްހެން މިއީ ހޯދަން މާ އުނދަގޫ ކަމެއް ނޫން މި ދާއިރާގެ ވަޒީފާ ތަކަކީ. އަޅުގަނޑު ގްރޭޑް ނުވައަކުން ކެނޑިގެން ނުކުތީ. ތަނެއްގައި ހިޕްލާފައި އިން އިއުލާނެއް ފެނިގެން ކުރިމަތިލީ. އަމިއްލަ އަށް ފެނިގެން ނުކުތީ. ވަޒީފާ އަށް ނުކުތް އިރު މައިން ބަފައިން ވެސް ދުނިޔޭގައި ތިއްބެވި. އަޅުގަނޑު ނުކުތީ ހަމަ ހިތަށް ފެނިގެން ވީއްޔޭ އަމިއްލަ އަށް ވަޒީފާއަށް ނުކުންނަން. މިހެން ހިތަށް އަރައި."
ބަރޮސް އައިލެންޑް ރިސޯޓުގައި އަލީ، ގިނަ ވަޒީފާ ތަކެއް ފުރުއްވި އެވެ. މިގޮތުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ރިސެޕްޝަންގައި މަސައްކަތް ކުރެއްވި އެވެ. އަދި ރެސްޓޯރެންޓް ވޭޓަރަކަށް ވެސް އުޅުއްވި އެވެ. ޑައިވް ކޮމްޕްރެސަރު ބޯއީގެ އެސިސްޓެންޑުގެ މަގާމު ވެސް ފުރުއްވި އެވެ. ރިސޯޓުގެ އޮޑި ފަހަރު ދުއްވުމުގެ ތެރޭގައި ވެސް އުޅުއްވި އެވެ.
އެ ރިސޯޓަށް ފަހު، އަލީ ދެން ބަދަލުވީ ހެލެނގެލި ރިސޯޓަށެވެ. މި ރިސޯޓު އޮޕަރޭޝަނަށް ގެނައިއިރު އަލީ މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން ކުންފުނަދޫ، މާލެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ކުރުނބާ މޯލްޑިވްސްގައި އަށް އަހަރު މަސައްކަތް ކުރެއްވި އެވެ.
"މި [ޓޫރިޒަމް] ދާއިރާގައި އެންމެ ގިނަ އެއްޗިހި ދަސްކުރީ ވެސް ބަނޑޮހުން. މިތަނުގައި އުޅެމުން މެލޭޝިޔާގައި ކުރު ކޯހެއް ފުރިހަމަ ކުރީވެސް. އެތަނުގައި ހުރެގެން އަމިއްލަ އަށް ކޯސް ހޯދީ،" އަލީ ވިދާޅުވި އެވެ.
ކުރުނބާގައި އުޅުއްވުމަށް ފަހު ދެން އަލީ ބަދަލުވީ ލެގޫނާ މޯލްޑިވްސް ރިސޯޓަށެވެ. މި ރިސޯޓުގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ. އެއަށްފަހު ކައިމޫ ހޮޓާ ހިންގާ ކުންފުންޏާ ގުޅިވަޑައި ގެންނެވި އެވެ. މި ކުންފުނީގައި އުޅޭތާ 22 އަހަރުވީ އެވެ.
"މި ދާއިރާއަކީ މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެއް ދާއިރާ. ހުރިހާ ގޮތަކުން ވެސް. ހާއްސަކޮށް ޒުވާނުންނަށް،" އަލީ ވިދާޅުވި އެވެ.
އަލީ ގަބޫލު ކުރައްވާ ގޮތުގައި ޓޫރިޒަމް ދާއިރާގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް ވަރަށް ހާއްސަ ދުވަސް ތަކެވެ. ނަމަވެސް އަލީގެ ހަޔާތުގައި އެންމެ ހާއްސަ ދުވަސްތަކުގެ ތެރޭގައި ކުރުނބާގައި މަސައްކަތް ކުރެއްވި ދުވަސްވަރު މަގާމުގެ ކުރިއެރުން ލިބެމުން އައި ގޮތް ފާހަގަ ކުރައްވަ އެވެ.
އަލީ ޓޫރިޒަމް ދާއިރާގައި 38 އަހަރު ވެއްޖެ އެވެ. ސުވާލަކީ މިހާރުގެ ކުދިންނަށް ވަޒީފާގައި ހަރުނުލަނީ ކީއްވެގެން ހެއްޔެވެ؟
"މިއީ ހަމައެކަނި މި ދާއިރާ [ޓޫރިޒަމް] ގައި އޮތް ކަމެއް ނޫނެއް ނޫންތޯ؟ ގިނަ ދާއިރާތަކުގެ ވެރިންގެ ތިޔަ ޝަކުވާ އޮވޭ. މިހާރު ވާގޮތަކީ ވަޒީފާތައް ގިނައީ. މިހާރު ވާގޮތަކީ ވަޒީފާ ހުރި ތަންތަނުން މުސާރަ އަށް ބަލައި އެ ތަންތަނަން ކުދިން ބަދަލު ވަނީ. މިކަން ހައްލު ކުރެވޭނީ ލިބެން ޖެހޭ އެންމެ ދަށް މުސާރަ ކަނޑައެޅުން. އޭރުން އެނގޭނެ މި މުސާރަ ލިބޭނެކަން. މި ކަނޑައެޅީމަ ޓޫރިޒަމް ދާއިރާ އަށް އަންނަ ކުދިން ހިފެހެއްޓޭނެ. އޭރުން ވަޒީފާ އަށް އަންނަ ކުދިންނަށް އިތުބާރު ވެސް ލިބޭނެ،" އަލީ ވިދާޅުވި އެވެ.
އަލީ ގަބޫލު ކުރައްވާ ގޮތުގައި މި ދާއިރާގެ އެންމެ ބޮޑު ކާމިޔާބީއަކީ 38 އަހަރުގެ ހިދުމަތް ކުރައްވަން ލިބުނު ފުރުސަތެވެ. ގޮތުން މަޓާޓޯ އިން ދާދިފަހުން ދިން އެވޯޑުވެސް މިހާރު އޭނާއަށް ލިބިއްޖެ އެވެ. މި ދާއިރާގައި އުޅުއްވިއިރު އާއިލާ އަށް ދެވޭ ވަގުތު ކުޑަ ނަމަވެސް އެކަމުގެ ޝަކުވާއެއް ނެތެވެ.
"މުޅި ދާއިރާ އަށް ބަލާއިރު ވެސް އެންމެ ހާއްސަ ކަމަކީ މި ކުންފުނީގެ އިސްވެރިންގެ ހެޔޮކަން. އަޅުގަނޑަށް މި ކުންފުނީގައި މިހާ ގިނަ ދުވަހު އުޅެވުނީ އެންމެ އިސްވެރިންގެ ރަނގަޅު ކަމުން. ވެރިން ބަލައިގެންލެއް ބޮޑު،" އަލީ ވިދާޅުވި އެވެ.
"ކަނޑި އަހުމަދު މަނިކުގެ [މިހާރު މަސައްކަތް ކުރައްވާ ކުންފުނީގެ ވެރިޔާ] ގެ އަރިހުން ފުރުސަތު ލިބުނީ މި ވަޒީފާއަށް. އޭގެ ފަހުން އެ ބޭފުޅާގެ ދަރިން ވެސް އަޅުގަނޑު ބަލައިގެންފި. އެހެންވެ މި ތާނގައި މުހާގިނަ ދުވަހު އުޅެވުމުގެ ސިއްރަކީ."
ނިންމާލަމުން އަލީ ޒުވާނުންނަށް ދޫކޮށްލަނީ މެސެޖެކެވެ. ތިރީސް އަށް އަހަރު އެއް ދާއިރާގައި މަސައްކަތް ކޮށް މިސާލު ދައްކަވަމުންނެވެ.
"މި ދާއިރާގައި އޮތީ ހުސް ފުރުސަތު. މިސާލަކަށް ކައްކާ މީހެއް. ކައްކަން ބޭނުންވާ މީހާ އަށް އެބައޮތް ބޭނުން ހިސާބަކަށް ދެވުމުގެ ފުރުސަތު. ޑައިވިން ނޫނީ ވޯޓާ ސްޕޯސްޓް ކަމަށް ބެލިއަސް ރާއްޖޭގައި ހުރެގެން ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ނެގިދާނެ. އެހެންވެ ޒުވާނުން ނިކަން ކެރިގެން ނުކުނަންނަންވީ."