ލައިފްސްޓައިލް

ޒަރީނާ ރާއްޖޭގައި ހައިރާންވި ވާހަކަ ދުނިޔެ އަށް

Dec 18, 2019
5

ދުނިޔެ އަށް ރާއްޖެ އެނގެނީ އަގު ބޮޑު ތަނެއްގެ ގޮތުގަ އެވެ. ހަމައެކަނި އަގު ބޮޑު ރިސޯޓު ހުރި ގައުމެއްގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ގޮތުގައި ރާއްޖޭގައި ހުރީ ހަމައެކަނި އަގު ބޮޑު ވޯޓާ ވިލާތަކާއި އަގު ބޮޑެތި ރެސްޓޯރެންޓްތައް އެކަންޏެވެ. އެނޫން ކަމެއް މިތަނަކު ނެތެވެ.

އެކަމަކު ރާއްޖޭގައި އޮތީ ހަމައެކަނި މި ކަންތައް ނޫންކަން އެނގެނީ ރާއްޖެ ތަޖުރިބާކޮށްލީމަ އެވެ. "މޯލްޑިވްސް އެކްސްޕީރިއަންސް" ލިބުނީމަ އެވެ. ރާއްޖެ ތަޖުރިބާކޮށްލަން ފުރުސަތު ލިބުމުން ލިބެނީ ހަމަ ހައިރާން ކަމެވެ. މި ފަދަ ޝޮކެއް ލިބިފައި ވަނީ މެލޭޝިއާގެ ރައްޔިތަކަށެވެ. މި ފުރުސަތު ލިބުނީ މެލޭޝިއާގެ ކުންފުންޏެއްގައި މަސައްކަތް ކުރާ ޒަރީނާ ކިޔާ އަންހެނަކަށެވެ.

އޭނާ އަށް ނަސީބު ލައްވާލީ މި އަހަރުގެ މެލޭޝިއާގައި ބޭއްވި ވޯލްޑް ޓޫރިޒަމް ކޮންފަރެންސުގައި ރާއްޖޭން ބޭއްވި ކުއިޒެއްގަ ވޯލްޑް ޓޫރިޒަމް ކޮންފަރެންސުގައި ވާހަކަ ދާއްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުވާލެއް ކުރައްވަ އެވެ. އެ މަނިކުފާނުގެ ސުވާލަކީ މެލޭޝިއާގެ ޓޫރިޒަމް ބޯޑުގެ ޓެގްލައިންއަކީ "ޓްރޫލީ އޭޝިއާ" އެވެ. އެހެންވީ އިރު ރާއްޖޭގެ ޓެގްލައިނަކީ ކޮބައި ހެއްޔެވެ؟

އެ ވަގުތު އެތަނުގައި ސަތޭކައެއްހާ މީހުން ތިއްބެވެ. ހަމަ ވަގުތުން ޒަރީނާ އަތް ނަގައި އެއީ "ސަނީ ސައިޑް އޮފް ލައިފް" އޭ ބުނެ އެވެ. މިއީ ޒަރީނާގެ ނަސީބު އަތުގައި ހިފި ވަގުތު ކޮޅެވެ. އޭރު ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވެފައި އޮތީ މި ސުވާލަށް ޖަވާބު ދޭ މީހަކަށް ހަ ދުވަހުގެ ޗުއްޓީ ޕެކޭޖެއް ދޭށެވެ.

މި ޕެކޭޖުގައި ރާއްޖެ އަންނަ މީހަކަށް "މޯލްޑިވްސް އެކްސްޕީރިއަންސް" ފުރިހަމަ އަށް ލިބޭ ގޮތަށެވެ. ޒަރީނާގެ ނަން އިއުލާނުކޮށް ސްޓޭޖަށް އެރުވިއިރު އޭނާ ހުރީ އުފަލުން "ޝޮކް" ގަ އެވެ. ހައިރާންވެފަ އެވެ. ސްޓޭޖަށް އެރުވުމުން "އައި އެމް ޝޮކްޑް" އޭ އޭނާ ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ޒަރީނާގެ ދަތުރަށް ހަދާފައިވާ ވީޑިއޯ-

މި ފުރުސަތުގައި، އޭނާ ރާއްޖެ އައިސް އެއް ދުވަހު ލަގްޒަރީ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރި އެވެ. އަދި ސަފާރީއަކާއި ގެސްޓްހައުސްއެއް ތަޖުރިބާ އެވެ. މީގެ އިތުރުން ރާއްޖޭގެ ރަށަކަށް ގޮސް ރަށް ފުށުގެ ސާދާ ދިރިއުޅުން ބަލައިލި އެވެ. އަދި ދިވެހި ކެއުންތައް އިންސާފު ކުރި އެވެ. އަދި ރާއްޖޭގައި ހެނދުނު ސަޔަށް ތައްޔާރު ކުރާ މަސް ހުނި ހަދަން ދަސް ކުރި އެވެ. މިހުރިހާ ފުރުސަތަތަކާއެކު އޭނާ ހުރީ ހައިރާންކަމުގަ އެވެ.

ޒަރީނާ ރާއްޖެ އިން ދިޔައިރު ވެސް މި ހައިރާން ކަން ނުފިލަ އެވެ. އޭނާ ކުރިން ހީކުރީ ރާއްޖެ ވަރަށް އަގު ބޮޑުވާނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި ކުޑަ ބަޖެޓަކުން ވެސް ޗުއްޓީ ހޭދަ ކުރެވޭނެކަން އޭނާ އަށް އެނގުނެވެ. މިހާރު އޭނާ އެ ދަނީ ރާއްޖޭން މި ލިބުނު ހައިރާންކަން ދުނިޔެ އަށް ކިޔައި ދެމުންނެވެ. އޭނާގެ "މޯލްޑިވްސް އެކްސްޕީރިއަންސް" ހިއްސާކުރަމުންނެވެ.