ހަބަރު

ރައްޔިތުންގެ އުންމީދު ގުޅިފައި ވަނީ ސުޕްރީމް ކޯޓްގެ ނިޔާގެ މައްޗަށް: ސިނާން

ރާއްޖޭގެ މުސްތަގުބަލް ގުޅިފައި ވަނީ، ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ނެރޭ ހުކުމެއްގެ މައްޗަށް ކަމަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

ތިން މެންބަރެއްގެ ގޮނޑީގެ މައްސަލަ މާދަމާއަށް ކޯޓްގައި ތާވަލްކޮށްފައި ވަނިކޮށް ސިނާން މިއަދު "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެއަކީ ސުލްހަވެރިކަމުގެ ސުވަރުގެއެއްގެ ގޮތުގައި އެންމެން ބަލާ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ގެއްލުވާލާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވާ ހުކުމެއްގެ ސަބަބުން ރާއްޖޭގެ ސިޔާސީ މައިދާން އިތުރަށް ހަލަބޮލިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިނާން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖެ އިތުރަށް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށް ސިނާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަމާން ބަނދަރަކަށް ގެންދިޔުމުގެ ބާރު މިހާާރު އޮތީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަތް މަތީގަ އެވެ.

"އަޅުގަނޑު އުންމީދުކުރަނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ނުފޫޒުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނީ ތަރަހައިގެ ތެރޭގައި ކުރާނެ ހުކުމެއް ކަމަށް، ރައްޔިތުންގެ ވިންދާއި އިހުސާސަށް ވިސްނައި ވަޑައިގެން ސުޕްރީމް ކޯޓުން ނިޔާއެއް ކަނޑައެޅުއްވުމަކީ އަޅުގަނޑުމެން އެންމެން ވެސް އެދޭ ގޮތް، ސުޕްރީމް ކޯޓުގެ ނިޔާގެ މައްޗަށް ރައްޔިތުންގެ އުންމީދުތައް ބިނާވެފައި މިއޮތީ، ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ބިނާވެފައި އޮތީ ވެސް އެ ނިޔާގެ މައްޗަށް،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ، މި ސަރުކާރަކީ އެއްވެސް އުސޫލެއް ނެތި ނުފޫޒުގެ ބޭނުންކޮށް މުއައްސަސާތައް ނާޖާއިޒުގެ ގޮތުގައި ބޭނުން ކުރަމުންދާ ސަރުކާރެއް ކަމަށެވެ. އެހެން ނަމަވެސް މި ނުފޫޒުތަކަށް ބޯލެނބުމެއް ނެތި އިންސާފުވެރިކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މައްސަލަ ނިންމަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ. އަދި ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ތިން ބާރު ވަކިވެ މިނިވަންކަމާއެކު ހިންގަންޖެހޭ ނިޒާމަކަށްވާއިރު، އެއްވެސް ފަރާތަކުން ކުރާ ނުރަނގަޅު ނުފޫޒަކަށް ފަނޑިޔާރު ވެސް ބޯލަނބަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ގައިރު ގާނޫނީ އަމަލެއް، އަޅުގަނޑު އުންމީދުކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް އެފަދަ އެއްވެސް ނުފޫޒަކަށް ބޯލެނބުމެއް ނެތި މިނިވަންކަމާއެކު މި މުހިންމު މައްސަލަ ނިންމަވައިދެއްވައި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދެއްވާނެ ކަމަށް،" ސިނާން ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައިވަނީ ސިނާންގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައިދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ލަތީފާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އެ ހަ މެންބަރުންގެ ތެރެއިން ސައުދާއި އަމީތާއި ވަހީދު އަދި ލަތީފް ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އަމީތާއި ވަހީދު އަދި ސައުދު ވަނީ އެ ތިން މެންބަރުންގެ ސުލޫކީ މައްސަލައެއް ބަލައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ މާކުރިން ޕީޕީއެމްއިން އެ މެންބަރުން ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަލުން ސުލޫކީ މައްސަލައެއް ބަލައި، ޕާޓީން ވަކިކޮށްދޭން ޕީޕީއެމް އެދުނު ނަމަވެސް ދެވަނަ ފަހަރެއް ޕާޓީން ވަކިކުރެވޭނެ އެއްވެސް އުސޫލެއް ނޯންނާނެކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.

މެންބަރު ލަތީފްގެ ސުލޫކީ މައްސަލައެއް ބަލައި، އޭނާ ޕާޓީން ވަކިކޮށްފައިވަނީ ޕީޕީއެމްއިން ވަކިވުމަށް ލަތީފް އަމިއްލައަށް އެ ޕާޓީއަށާއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށެވެ. އަމިއްލަ ޕާޓީން ވަކިވާން އެދޭ ހިސާބުން ޕާޓީން ވަކިވާނެ ކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. އެހެންކަމުން ލަތީފްގެ ސުލޫކީ މައްސަލައެއް ޕީޕީއެމްއަށް ބެލޭނެ އުސޫލެއް ނޯންނާނެ ކަަމަށް އެ މެންބަރު ވެސް ވަނީ ޝަރީއަތުގައި ފާހަގަކުރައްވާފަ އެވެ.