ރިޕޯޓް

ހުކުމް ގާނޫނާ ތައާރުޒުވާކަމަށް ބުނުން، ބޮޑު ވާހަކައެއް

  • ސުޕްރީމް ކޯޓްގެ ހުކުމް ގާނޫނާ ފުށުއަރާ ކަމަށް އޭޖީ އޮފީހުން ބުނި
  • ގާނޫނާ ފުށުއަރާ ފަދަ ހުކުމެއް ކޯޓަކަށް އިއްވުމުގެ ބާރެއް ނުލިބޭ
  • ވަކީލުން ވިދާޅުވަނީ ގާނޫނާ ހިލާފު ހުކުމެއް ބާތިލްވާނެ ކަމަށް

ރައްޔިތުން ތަމްސީލް ކުރައްވާ މެންބަރުންގެ އިއްތިފާގުވެގެން ފާސްކޮށްފައި ހުންނަ ގާނޫނުތަކަކީ ވަރަށް ބާރުގަދަ އެއަށް އެންމެން ވެސް އަމަލުކުރަން ޖެހޭ އެއްޗެކެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ މައްޗަށް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ވެސް ދެވޭނެ ގޮތެއް ނެތެވެ. ފަނޑިޔާރުންގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީއާއި ގާނޫނަށެވެ. އޭގެ ބޭރުން ފަނޑިޔާރުންނަށް ވެސް ހުކުމެއް ނުކުރެވޭނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމެއް ގާނޫނުގެ މާއްދާއަކާ ތައާރުޒުވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު މިވަނީ ސުޕްރީމް ކޯޓްގައި ވިދާޅުވެފަ އެވެ. އެކަމަކު އެއީ އެންމެ މަތީ ކޯޓުގެ ނިންމުމެކެވެ. އިސްތިއުނާފުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އިއްވި ހުކުމާމެދު ބަންޑާރަ ނައިބުގެ އޮފީހުގެ "ހިތްނުތަނަވަސްކަން" އޮތްކަން ޝަރީއަތުގެ މިވަނީ ހާމަކޮށްފަ އެވެ. ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަކީ "ގާނޫނާ ހިލާފު" ހުކުމެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިވަނީ ނުސީދާކޮށް ވިދާޅުވެވިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ރިޔާއަތްކޮށް، އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ސީނިއާ ސްޓޭޓް އެޓާނީ މައާޝާ ލުތުފީ ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ)އާ ސުޕްރީމް ކޯޓުގެ ހުކުމް ތައާރުޒުވާ ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމާ އެ މާއްދާ ފުށުއަރާތީ އެ މާއްދާ ބާތިލުކުރަން ޖެހޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެކަމަކު މިއީ ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތް ހެއްޔެވެ؟

ގާނޫނީ ތަރަހައިގެ ބޭރުން ފަނޑިޔާރުންނަށް ވެސް ހުކުމް ނުކުރެއްވޭއިރު ގާނޫނެއްގެ މާއްދާއަކާ ސުޕްރީމް ކޯޓުގެ ހުކުމް ތައާރުޒުވާ ކަމަށް ދައުލަތުން ބުނާ ބުނުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ވާހަކައެކެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ގާނޫނާ ތައާރުޒުވާ ގޮތަށް ހުކުމް ނެރުއްވާނެ ކަމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އެއަށްވުރެ އެ ފަނޑިޔާރުންގެ ގާބިލުކަން ބޮޑެވެ.

ދައުލަތުން އެހެން ބުނާތީ އުފެދެނީ މި ސުވާލެވެ؛ އެ ހުކުމް ގާނޫނުގެ އެ މާއްދާއާ ތައާރުޒުވާ ނަމަވެސް، ބާތިލުވާނީ އެ މާއްދާ ހެއްޔެވެ؟ ނޫނީ ހުކުމް ހެއްޔެވެ؟ ހުކުމެއް ގާނޫނާ ހިލާފުވާނަމަ ބާތިލު ވާނީ އެ ހުކުމެވެ. ދަށު ކޯޓުތަކުން ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމްތައް މީގެކުރިން މަތީ ކޯޓުން ބާތިލުކޮށްފައި އެބަހުއްޓެވެ. ބާތިލުކުރަނީ އެ ހުކުމް ހިލާފުވާ ގާނޫނުގެ މާއްދާއެއް ނޫނެވެ. ހުކުމް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ގާނޫނުގެ މާއްދާއެއް ބާތިލުކުރުމަކީ ޝަރުއީ ނިޒާމް ދަންނަ އުސޫލެއް ވެސް ނޫނެވެ. ސުޕްރީމް ކޯޓުން މީގެކުރިން ކުރައްވާފައިވާ ހުކުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ގާނޫނާ ހިލާފު ކޮންމެ ކަމަކީ ބާތިލު ކަމެކެވެ. އަދި އެ ބާތިލާއެކު ތަރުތީބުވަމުން އަންނަ ކޮންމެ ކަމަކީ ވެސް ބާތިލު ކަންކަމެވެ.

ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމާއި ދައުލަތުން ބާތިލުކުރަން އެދޭ މާއްދާއާ ތައާރުޒެއް ނުވެ އެވެ. އެ ވަކީލުން އެހެން ވިދާޅުވާ ސަބަބު ވެސް އެބަ އޮތެވެ. ހުކުމަށްފަހު ހުކުމް ތަފްސީލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. އެ އަމުރުގައިވާ ގޮތުން ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ޕާޓީ ގެ އަސާސީ ގަވާއިދުގައި ނުވަތަ އެނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުންވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖްރާއާތަށް ތަބާވުން އިސްތިސްނާކުރެވިފައިނުވާނެ އެވެ.

"ހަގީގަތުގައި ސުޕްރީމް ކޯޓުގެ ނިންމުމާއި އެ ގާނޫނަކީ އެކީގަ ކިޔަން ޖެހޭނެ ދޭތި، އެހެން ކިޔާ ކަމަށްވާނަމަ ސިޔާސީ ޕާޓީ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) މި ކިޔަން ޖެހެނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަންކަމުގެ އިސްތިސްނާއެއްގެ ގޮތުގަ، އެ ނޫން ގޮތަކަށް އެ މާއްދާ ކިޔައި މާނަ ކުރެވިގެން ނުވާނެ،" ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ ތިން މެންބަރެއްގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ސުލޫކީ ކޮމެޓީއެއްގެ ހަތަރު މެންބަރުން އެކުވެގެން ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރެއްގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ގަބޫލު ކުރައްވާ ގޮތުގައި ސުޕްރީމް ކޯޓު ވެސް ދެކެވަޑައިގަންނަވަނީ އެހެން ކަމަށާއި އަމުރުގައި އެކަން ތަފްސީލްކޮށް ދީފައިއެވަނީ އެ ސަބަބަށްޓަކައި ކަމަށެވެ. ގަބޫލުކުރެވޭ ގޮތަކީ މިއީ އެވެ؛ ސުޕްރީމް ކޯޓުން ގާނޫނުގެ އެ މާއްދާ ބާތިލުކުރަން ބޭނުންވިނަމަ އެ ހުކުމާއެކު މާއްދާ ބާތިލުކުރީހެވެ. އެ މާއްދާއާ ހިލާފަށް ހުކުމެއް ނުނެރޭނެ އެވެ. ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވީ، ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އެ މާއްދާ އެ އޮތް ގޮތަށް ބާއްވައިގެން ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓު އެ ވިދާޅުވާ އެއްޗެއް ވަރަށް ސާފު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުނީ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގެ ހުކުމް ގާނޫނާ ތައާރުޒުވާ ކަމަށް ބުނަނީ މިހެންވެ އެވެ. ސުލޫކީ ފިޔަވަޅު އަޅައިގެން ޕާޓީން ވަކިކުރާ ހާލަތްތަކުގައި އެމީހަކު އިންތިހާބުވެފައިވާ މަގާމުން ވަކިނުވާނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެވެ. އެފަދަ ހާލަތްތަކުގައި ކަންކުރާނެ ގޮތާމެދު ހިޔާލު ތަފާތުވުންތައް އިތުރުވެފައިވާތީ އެވެ. މެންބަރުގެ ގޮނޑި ގެއްލޭނެތޯ ނޫންތޯ ބުނަން ދައުލަތަށް ވެސް "އޮޅުންއަރާތީ" އެވެ.

"ސުޕްރީމް ކޯޓުން ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނަކާ ހިލާފަށް ހުކުމެއް ނުވަތަ އަމުރެއް ކުރައްވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، އެ މާއްދާގައި އެ އޮންނަ ވާހަކައަށް ބަލާއިރު ސުލޫކީ ކޮމެޓީއިން އަޅާ ފިޔަވަޅެއްގެ ސަބަބުން މެންބަރުކަން ނުގެއްލޭނެ ކަމަށް އެ އޮންނަނީ، އެހެންވީމަ އެއަށް އިތުރަށް ކުރަންޖެހޭ ކަމަކީ ސުލޫކީ ކޮމެޓީގެ އުސޫލުތައް ޕާޓީތަކުން ހަރުދަނާ ކުރުން، އެއްވެސް ހާލެއްގައި ދައުލަތުން ސިޔާސީ ބޭނުމެއްގައި ގާނޫނުގައި އޮންނަ މާއްދާއެއް ބާތިލުކުރެވިގެން ނުވާނެ، އެ މާއްދާ ގާނޫނުގައި އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ މެންބަރުންނަށް ހިމާއަތް ދިނުން، މިސާލަކަށް ޕާޓީއެއްގެ ސުލޫކީ ކޮމެޓީގައި ތިބޭ ތިން މެންބަރެއްގެ އަތް މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ވަރުގެ ނިންމުމެއް ނިންމުމުގެ ފުރުސަތު ނުދިނުން، ދައުލަތުން އެ މާއްދާ ބާތިލުކުރަން އެދޭނަމަ އެއީ ގާނޫނުގެ ނާޖައިޒު ފައިދާ ހޯދުން ކަމަށް ބަލަންޖެހޭނީ، އުއްމީދުކުރަނީ ސުޕްރީމް ކޯޓުން އެކަމަށް ރިއާޔަތް ކުރައްވާނެ،" ގާނޫނީ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.

އިންތިހާބުވެފައިވާ މަގާމުން މީހާ ވަކިނުވާނެ ކަމަށް ބުނެފައިވާ މާއްދާ ދައުލަތުން ބާތިލުކުރަން ބޭނުން ވަނީ، ސުލޫކީ ފިޔަވަޅެއް އަޅައިގެން ސުލޫކީ ކޮމެޓީގެ ނިންމުމެއްގެ މައްޗަށް ރިޔާއަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ބަންޑާރަ ނައިބު ވެސް މިހާރު ގަބޫލުކުރައްވާތީ ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ. އެހެންނޫންނަމަ އެ މާއްދާ ބާތިލުކުރަން ނޭދޭނެ ކަމަށް ވިދާޅުވި އެވެ. މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށްދާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ޕާޓީން ވަކިކޮށްފައިވަނީ ސުލޫކީ ފިޔަވަޅު އެޅުމަށްފަހު ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ. ދައުލަތުން ބާތިލުކުރަން ބޭނުންވާ މާއްދާއަކީ އެ މެންބަރުން ދިފާއުގައި ވެސް ނަންގަވާ މާއްދާއެކެވެ.

މެންބަރުންތަކެއް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެއްގެ ތެރެއިން ގާނޫނެއްގެ މާއްދާއެއް ބާތިލުކުރަން ކުއްލިއަކަށް ދައުލަތުގެ ބަންޑާރަ ނައިބު ހުށަހެޅުމުން ވެސް ވަކީލުން ސުވާލު އުފައްދަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތުން ގާނޫނުގެ މާއްދާއެއް ބާތިލުކުރަން އެދޭނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހަޅަންޖެހޭނީ ވަކި ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނުވަތަ އެ މާއްދާ ބާތިލުކުރަން އިސްލާހު ހުށަހަޅަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ ދުސްތޫރީ މައްސަލާގެ ހުކުމުގައި އެ މާއްދާ ބާތިލުކުރެވޭނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.