ލައިފްސްޓައިލް

މި ޒުވާނާގެ ހުނަރުވެރިކަމުގެ ވާހަކަ ދައްކާ ކޮޅުންނުލާނެ

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެންމެ ގިނަ ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަތީ "ބިލީވް ޔޫ ކޭން"ގެ ނަމުގައި އެކި ދާއިރާތަކުން ކާމިޔާބު ޒުވާނުންތަކެއް ފީޗާކޮށް އެ ޒުވާނުންގެ ވާހަކަތައް ކުރު ގޮތަކަށް ގެނެސް އެހެން ޒުވާނުންނަށް ހިތްވަރު ދިން ވީޑިއޯ ކޮޅުތަކެކެވެ. ރީތި ހިތްގައިމު ލޮކޭޝަންތަކުގައި އެ ވީޑިއޯތައް ގެނެސްދީ ތަފާތު މެސެޖުތައް ގެނެސްދިން އެ ޓީމަކީ ވަރަށް ޒުވާން، ޅަ ޓީމެކެވެ.

އެ ޓީމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ އެ ވީޑިއޯތައް ނަގާ އެޑިޓްކޮށް އާންމުންނަށް ގެނެސްދިނުމަށް އެންމެ ބުރަ މަސައްކަތެއް ކުރާ ޒުވާން ފޮޓޯ ގްރާފަރު މުހައްމަދު އަކްމަލް އެވެ. ވީޑިއޯގެ ދާއިރާގައި އަދި މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް ފޮޓޯގްރަފީގެ ދާއިރާގައި އަކްމަލް އަކީ އާ ނަމެއް ނޫނެވެ. ފޮޓޯގެ ދާއިރާގައި އަކްމަލް މަސައްކަތް ކުރާތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ.

ހަތަރު ވަރަކަށް އަހަރު ކުރިން އަމިއްލަ ކެމެރާއެއް ލިބުނު ހިސާބުން އަކްމަލް އޭނާގެ ފޮޓޯ ނެގުމުގެ ހުނަރު އިތުރަށް ތަރައްގީކޮށް ފޮޓޯގެ ދުނިޔޭގައި އޭނާގެ ނަމަކީވެސް މަގުބޫލު ނަމަކަށް ހަދަން މަސައްކަތް ފެށީ އަމިއްލަ އަށް ޔޫޓިއުބް ޓިއުޓޯރިއަލް ބަލައިގެންނެވެ. އަމިއްލައަށް ފޮޓޯތައް ނަގާ އެކްސްޕީރިއަންސް ކޮށްގެންނެވެ.

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް އާންމުންގެ މެދުގައި މަގުބޫލުކަމެއް ހޯދި އަކްމަލް މިހާރު ހުރިހާ ވައްތަރެއްގެ ފޮޓޯއެއްވެސް ނަގަ އެވެ. އައުޓް ޑޯ ފޮޓޯތަކާއި އިންޑޯ ފޮޓޫ ޝޫޓުތަކެވެ. ވެޑިން ފޮޓޯތަކުގެ އިތުރުން ކުޑަކުދިންގެ ފޮޓޯ އަދި އާއިލާ ފޮޓޯ ނެގުމަކީވެސް އަކްމަލްގެ ހިތާ ގުޅިފައިވާ ކަމެކެވެ.

"އެންމެ ފުރަތަމަ ފެށުނީ ރައްޓެހިންނާއެކީ އުޅޭއިރު އެހެން ބޭރުގައި ފޮޓޯ ޝޫޓުތައް ނަގައިގެން. ކެރިއާއެއް ގޮތުގައި ފެށީ އޭލެވެލް ނިންމާފައި ދެ ވަރަކަށް އަހަރު ކުރިން،" އަކްމަލް ކިޔައިދިނެވެ.

"އުމުރުން 14 އަހަރުގައި ދައްތައެއް ކެމެރާ ހޯދީ ދައްތައަށް. އޭރު ދަސްކުރީ، އިންޓްރަސްޓްވެސް އުފެދުނީ. އަމިއްލަ ކެމެރާއެއް ހޯދީ އޭ ލެވެލް ނިންމާފައި."

ފޮޓޯ ނެގުމަށް ހުރި ޝައުގުވެރިކަމުގައި މިއަދު އަކްމަލް ހުރީ އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްކޮށްގެންނެވެ. ފުރަތަމަ 500 ރުފިޔާއަށް ފޮޓޯ ޝޫޓަކުން ފަށައިގެން މިހާރު އަކްމަލް ފޮޓޯ ޝޫޓެއް ނަގައިދެނީ 1،000 ރުފިޔާ އަށެވެ. ސޯޝަލް މީޑީއާގައި އޭނާގެ ފޮޓޯ ހިއްސާކުރާ މިންވަރު އިތުރުކުރާ ވަރަކަށް އަކްމަލް ލައްވާ ފޮޓޯ ނަގަން ބޭނުންވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މަހެއްގެ މައްޗަށް ރަނގަޅު އާމްދަނީއެއް އެކަމުން އޭނައަށް ލިބެ އެވެ. އެހެން ނަމަވެސް އަކްމަލް މިހާރު އަންނަނީ އޭނާގެ ފޮޓީގްރަފީ ކެރިއަކު ޕާޓް ޓައިމް ކެރިއަރަކަށް ބަދަލުކޮށް އާކިޓެކްޗާ ދާއިރާއިން ކުރިއަށް ދިއުމަށް އޭގެ ފުރަތަމަ މަރުހަލާ ކަޑައްތު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

"އެހެން މީހަކަށް ޑިޕެންޑުނުވެ ދަސްކުރަން އުޅެފިއްޔާ މިކަންވާނެ. ފިއުޗާވެސް އެބައޮތް މިދާއިރާގައި. އަދި ޕްރޮފެޝަނަލް ފޮޓޯގްރާފަރުން އެބަޖެހޭ އަލަށް ފަށައިގަނެގެން މިއުޅޭ ކުދިންނަށް ދަސްކޮށްދޭން. ހިލޭ ފޮޓޯ ޝޫޓުތައް ނަގައިދީ އެ ކުރާ ކަންތައްތައް ހުއްޓުވޭނީ އެގޮތަށް ކޮމިއުނިކޭޝަން ބައިވެސް ރަނގަޅުކޮށްގެން. ދަސްކުރާ ކުދިންނަށް އެނގޭ މީހުން ބުނެދީގެން މި ދާއިރާ ކުރިއެރުވޭނީ،" އަކްމަލް ބުންޏެވެ.

ވީޑިއޯ ނެގުމަށް އެންމެ ފުރަތަމަ އަކްމަލް ދެކޮޅު ހެދި ނަމަވެސް މިހާރު އަކްމަލް ބޮޑަށް ޝައުގުވެރިވަނީ ވީޑިއޯގްރަފީ އަށެވެ. އެކަމަކު އަކްމަލް ފޮޓޯ ނެގުން ހުއްޓައެއް ނުލާނެ އެވެ. ވީޑިއޯ އާއެކު ފޮޓޯ ނެގުމުގެ ދާއިރާއިންވެސް އަކްމަލް ކުރިއަށްދާނެ އެވެ. އާކިޓެކްޗާ ކިޔެވުން ނިންމާލުމަށްފަހު ފޮޓޯގްރަފީގެ ދާއިރާއިން ކިޔަވާ އެދާއިރާވެސް އަކްމަލް ފެންނާނެ އެވެ.

"އަކްމަލް ތެންކިއު ބުނެލަން ބޭނުން ހެއްދެވި ފަރާތަށާއި، ފެމެލީ، ފްރެންޑްސް ދެން ބީވައިސީގެ ޕްރެސިޑެންޓް އަމަން އަދި އިބްތިއަށް، އަދި ސިނާހު އަށްވެސް. ސިނާޙު އެއީ ފޮޓޯގްރަފީ ފެށިއިރު އަކްމަލް އަށް އެންމެ އެހީވި އެކަކު" އަކްމަލް ބުންޏެވެ.