ލައިފްސްޓައިލް

ދުނިޔޭގެ އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެއްސަކަށް

ދުނިޔޭގެ އޭރޯޕްރެސް ޗެމްޕިއަން ޝިޕްގައި ބައިވެރިވެވޭ މުބާރާތެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ. ކޮފީ ލެބް އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ "ވެސްޕާ މޯލްޑިވސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2017"ގެ ނަމުގަ އެވެ. މިއީ ރާއްޖޭގައި އެއިރޯޕްރެސް ޗެމްޕިއަންޝިޕެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވާ އެ މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތްތަކަށް ދެކުނު ކޮރެއާގެ ސޯލްގައި ބާއްވާ ވޯލްޑް އޭރޯޕްރެސްގައި ބައިވެރިވެ ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ މުބާރާތް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު ލަންޑަނުގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކޮންމެވެސް ގައުމެއްގައި އެ މުބާރާތް ބާއްވަ އެވެ. ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި މިއަހަރު 50 ގައުމަކުން ބައިވެރިވެ އެވެ.

"ކޮފީއަކީ ރާއްޖޭގައި މަގުބޫލު އެއްޗެއް، އެހެންވީމަ ދުނިޔޭގައި ފެންވަރުގައި ކޮފީ އިން ރާއްޖެ ތަމްސީލުކުރުމަކީ ކޮފީ ލެބްގެ އެއް އަމާޒު، އޭރުން ރާއްޖެއަށް ބޭރު ދުނިޔެއިން ބޮޑު އެކްސްޕޯޝާއެއް ވެސް ލިބޭނެ، އަޅުގަނޑު އުއްމީދުކުރަނީ ކޮފީގެ ދާއިރާއިން ވީހާ ވެސް ގިނަ ޒުވާނުން ނުކުމެއް ހަރަކާތްތެރިވާނެ ކަމަށް،" ކޮފީލެބްގެ ސީއީއޯ އަހްމަދު މުހައްމަދު (އަފްރާހު) ވިދާޅުވި އެވެ.

ވެސްޕާ މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަން ނިންމާފައިވަނީ "ދަ ކޮމަންސް ރޫމް" ގަ އެވެ. އޭރޯޕްރެސް ޗެމްޕިއަންޝިޕަކީ އޭރޯޕްރެސް ބޭނުންކޮށްގެން އެންމެ މީރުކޮށް ކޮފީ ހަދާ ފަރާތެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމާ ގުޅޭ މައުލޫމާތު ކޮފީ ލެބްގެ ފޭސްބުކް ޕޭޖުންނާއި ހުޅުމާލޭގައި ހިންގާ ކޮފީ ލެބްގެ "ފެމެލީ ރޫމް" ކޮފީ ޝޮޕުން ލިބޭނެ އެވެ.

ކޮފީލެބުން މިހާރު ވެސް އަންނަނީ ޒުވާނުން އެ ދާއިރާއަށް ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.