ދިވެހި ސިނަމާ

ފިލްމީ ދާއިރާގައި ނުޒޫގެ "ނުފޫޒު" ގަދަކޮށްފި

ނުޒުހަތު ޝުއައިބު (ނުޒޫ)ގެ ނުފޫޒު ފިލްމީ ދާއިރާގައި ގަދަކޮށްފިއޭ މި ބުނަނީ ގޯސް މާނައެއްގައެއް ނޫނެވެ. މާޗު މަހުގެ ފަހުކޮޅު ފިލްމީ ދާއިރާގައި ފިޔަޖަހައިގަތް ގޮތަށް ނުޒޫ އަރައިގެން ދިޔައީ އެވެ. އެންމެ ފުރަތަމަވެސް ލީޑު ރޯލުން ފަަށައިގަނެ ދުވަސްވީ ގިނަ ތަރިންތަކާއި އަރާހަމަކުރަން ނުޒޫ ގިނަ މަސައްކަތެއް ކޮށް އެކަން ކާމިޔާބުވެސް އެބަކުރެ އެވެ.

ނުޒޫގެ އެކުވެރިއެއް ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އެހީތެރިކަމާއެކު ލިބުނު ފުުރުސަތެއްގައި މިދިޔަ އަހަރުގެ މެދު ތެރެއަށް އައި އިރު ފިލްމު "މަލިކާ" ޝޫޓުކޮށް ނިންމާލި ނަމަވެސް އޮން ސްކްރީންއަށް ފިލްމު އައީ މި އަހަރުގެ ތެރޭގަ އެވެ. ނުޒޫ އާންމުންނަށް ފެނިގެން ދިޔައީ "މަލިކާ" އިންނެވެ. މަދު ދުވަސްތަކެއްގެ ތެރޭގައި އޭނަ މިވަނީ ގިނަ ފުރުސަތުތަކެއް ހޯދާފަ އެވެ. މަލިކާ ރިލީޒް ކުރުމުގެ ކުރިންވެސް އޭނައަށް ތިން ފިލްމަކުން ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މަލިކާ ރިލީޒް ކުރުމުގެ ކުރިން އިތުރު ފިލްމެއް ނުކުޅޭނެ ކަމަށްބުނެ ވި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުުރުމަށް އެ ފުރުސަތުތައް ދޫކޮށްލީ އެވެ. އެ ފިލްމު ތަކުގެ ތެރޭގައި މި އަހަރު ރިލީޒްކުރި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "މީ ލޯތްބަކީ"ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް މިހާރު ނުޒޫގެ ވިސްނުން ހުރީ ލިބޭ އެއްވެސް ފުރުސަތެއް ގެއްލުވާ ނުލާ ވަގުތު ހުންނަ ގޮތަށް ބަލާފައި ހުރިހާ ފުރުސަތެއްގެ ބޭނުންވެސް ހިފާށެވެ. ފިލްމީ ދާއިރާގެ އެންމެ އުހަށް ވާސިލްވާން އޭނަ ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުންމީދީ ބަތަލާއެއްވެސް މެ އެވެ.

ނުޒޫ މިހާތަނަށް ފެނިގެން ގޮސްފައިވަނީ "މަލިކާ" އަދި "ނޯޓީ 40" އިންނެވެ. އަންނަ މަހު ރިލީޒްކުރާ "ހައްދު"ގެ ހާއްސަ އައިޓަމް ސޯންގަކުން ނުޒޫ ފެންނައިރު ޑާކްރެއިން އިން އަންނަ އަހަރު އަޅުވަން ތައްޔާރުވަމުން އަންނަ "ވަކިން ލޯބިން" ގައިވެސް ނުޒޫ ފެނިގެންދާނެ އެވެ. އެ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް އެބަދެ އެވެ.

މަދު ދުވަސްތަކެއްގެ ތެރޭގައި ގިނަ ފުރުސަތުތަކެއް ނުޒޫއަށް ލިބިގެން ދިޔައީ ގައިމުވެސް އޭނާއަކީ އެކްޓިންގެ ދާއިރާގއި ހުނަރުވެރި ޒުވާނެއް ވީމަކަން ޔަގީނެވެ.

"ނުޒޫ އަކީ ވަރަށް އިންޓެލިޖެންޓް އާދަޔާ ހިލާފަށް މޮޅު ކުއްޖެއް. އަދި ވަރަށް ޑެޑިކޭޓެޑްވެސް ކުއްޖެއް، ވަކިން ލޯބިންގެ ޝޫޓިން އަށް ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދަން ފެށިފަހުން ބޮޑަށް އެކަން އެނގިގެން ދިޔައީ، ފިލްމުގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށްދާއިރު ވަރަށް ބޮޑަށް ހިންހަމަޖެހޭ ނުޒޫގެ ޕާފޯމަންސް އާ ދޭތެރޭ،" ނުޒޫ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ވަކިން ލޯބިން"ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.

މިވަރަކުން އަދި ނުޒޫގެ ހުނަރުވެރިކަމުގެ ވާހަކަ ދެއްކުން ހުއްޓާލެވޭކަށް ނެތެވެ. ނުޒޫ މިއީ ކުޅަދާނަ ނެށުން ތެރިއެކެވެ. އެނިމޭޝަން ގްރޫޕްގެ މެންބަރެކެވެ. މިހާރުވެސް ވަގުތު ވާވަރަކުން ނުޒޫ އެ ގްރޫޕާއެކު ނަަށަ އެވެ. ނުޒޫގެ ނެށުމުގެ ހުނަރު އަންނަ މަހު އަޅުވާ "ހައްދު" އިން ފެނިގެންދާނެ އެވެ. މިހާރުވެސް އެ ފިލްމުގެ ޓްރެއިލާތަކުން ކުދިކުދި މަންޒަރުކޮޅު ފެނިއްޖެ އެވެ. ނެށުމަކީވެސް ނުޒޫގެ ހިތާ ގުޅިފައިވާ ކަމެކެވެ. ސްކޫލް ނިންމާފައި ނަށާ ގްރޫޕަކާއި ނުޒޫ ގުޅުނު ސަބަބަކީވެސް އެއީ އެވެ.

އެހެން ނަަމަވެސް ލަވަތަކަށްވުރެ ބޮޑަށް ނުޒޫ ބޭނުންވަނ ފިލްމު ނުވަތަ ޑްރާމާ ކުޅޭށެވެ. ބޮޑަށް ބުރަވާނީ އެ މަސައްކަތްވީމަ އެވެ. އެހެންނަމަވެސް ފިލްމުން ބޭރުގައި ނުޒޫ މިހާރު ފަސް ލަވަ ކުޅެފި އެވެ. އެއީ ވީޓީވީގެ "ރަންތަރި ޝޯ" ގަ އެވެ.

އުފެދޭ ސުވާލަކީ މިހާ ހަލުވި ސްޕީޑެއްގައި އަރައިގެން ގޮސްފައި، ފިލްމު އިންޑަސްޓްރީއަށް ނުކުންނަ ގިނަ ތަރިންހެން ވަކި ހިސާބަކުން ގެއްލޭނީ ހެއްޔެވެ؟ އުންމީދީ ހުޅުކޮޅެއް ދިއްލައިދީފައި އެއް ފަރާތް ވެދާނަން ހެއްޔެވެ؟

"ނުޒޫއެއް ނުގެއްލޭނަން. ނުޒޫ ހަރަކާތްތެރިވާނީ އެންޓަޓެއިންމަންޓްގެ ދާއިރާގައި، ފިލްމު ކުޅުމާއި، ނެށުން ނުވަތަ ލަވަ ކިއުމުގައި،" އުމުރުނ 28 އަހަރުގެ ބަތަލާ ބުންޏެވެ.

ލަވައިގެ ވާހަކަ ކުރިން ނުބުނެވޭ ދޯ އެވެ. އެނިމޭޝަން ބޭންޑުގައި ނުޒޫ ލަވަވެސް ކިޔަ އެވެ. ކުރިއަށް އޮތްތަނުގައި ލަވަކިޔަން ލިބޭ ފުރުސަތެއްވެސް ނުޒޫ ދޫކޮށްނުލާނެ އެވެ.