ކަންނެލި މަސްވެރިކަމަށް ރަށުން ފުރައިގެން ދާން ޖެހެނީ ގިނަ ދުވަސް ތަކަކަށެވެ. ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހެނީ ކަނޑުމަތީގަ އެވެ. ރަށު ފަސްގަނޑުގައި ހޭދަކުރާ ދުވަހަށްވުރެ ގިނަވާނީ ކަނޑުމަތީގައި ހޭދަކުރާ ދުވަހެެވެ. މަސްވެރިންގެ މުޅި ދިރިއުޅުން އޮންނަނީ ކަނޑުމަތީގަ އެވެ. މަސްވެރިކަމުގަިއ ހޭދަކުރާ ވަގުތަށްފަހު މުނިފޫހިފިލުވަން ކުރެވޭނެ މާގިނަ ކަންތައްތަކެއް ނުހުރެ އެވެ. އެހެން ނަމަވެސް ޒަމާނީ ތަރައްގީ މަސްވެރިކަން ކުރާ ދޯނިތަކަށްވެސް އައިސްފައިވުމުން ޓީވީ އާއި ލެޕްޓޮޕް ފަދަ ތަކެތިން ސީރީޒް އާއި ފިލްމު ބެލުން ފަދަ ކަންކަން ކުރެވެ އެވެ. ކުޅިވަރުގެ ގޮތުގައިވެސް ރާޒުވާ ނުވަތަ ތާސްބައި ފަދަ ކުޅިވަރުތައް ކުޅެ އެވެ. ލަވަ ކިޔުމާއި ނެށުންވެސް އޮވެ އެވެ.
އެހެން ނަމަވެސް ދިވެހި ޒުވާނުންގެ ލެޔާ ގުޅިފައިވާ ފުޓުބޯޅަ ކުޅެން މީގެކުރިން އެއްވެސް ބަޔަކު ހިޔާލު ކުރި ހެނެއް ހިއެއް ނުވެ އެވެ. އެހެން ނަމަވެސް ގެމަނަފުށީގެ މަސްވެރިން މިވަނީ ދަތުރުގެ ތެރޭގައި ފުޓްސަލް މުބާރާތެއް ބާއްވާފަ އެވެ. ތްރީ އޮން ތްރީ އަށް ކުޅޭއިރު އެ ދަނޑުގެ ދިގު މިނަކީ 25 ފޫޓެވެ. ބޯޅަ މޫދަށް ވެއްޓިދާނެތީ ދެ ފަރާތުން ހުރީ އެންދަމާ ދާ ވެސް ދަމާފަ އެވެ. ކުޑަ ކުޑަ ދެ ގޯލުވެސް ބަހައްޓާފައި ހުއްޓެވެ. މެޗު ކުޅެން ފަށަނީ ބޮޑެތި މުބާރާތް ފަށާ އުސޫލުން ޝަރަފްވެރި މެހެމާނު ދެ ޓީމާ ސަލާންކޮށްފަ އެވެ. ޝަރަފްވެރި މެހެމާނަކީ ދޯނީގެ ކެޔޮޅެވެ.
ޓީމު ބަހާފައިވަނީ ޒުވާނުން އަދި ދުވަސްވީ މީހުން ވަކިންނެވެ. ރެފްރީގެ ކަށިގަނޑާއެކު މެޗު ފެށިގެން ދިޔައިރު ނިކަން ފޯރިގަދަ އެވެ. ބައެއް ކުޅުންތެރިންނަށް ކާޑުވެސް ދެއްކި އެވެ. ރީނދޫ ކާޑު ދައްކާފައި، ރަތްކާޑު ދައްކާ ހިސާބަށް މެޗުގެ ފޯރި ގަދަވި އެވެ. ކުޅުންތެރިން ތިބީ ރަސްމީކޮށް ޖޯޒީގައި ބޫޓަށްވެސް އަރައިގެންނެވެ.
އެއްގޮތަަކަށްވެސް އެއީ ސަކަރާތް ޖަހާލާ މަޖާކޮށްލަން ކުޅެލި މެޗެއްހެން ހީނުވެ އެވެ. ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދިޔަ ސީރިޔަސް ކަމުންނާއި ދެ ޓީމުން ކުރަމުންދިޔަ ސަޕޯޓުންނެވެ. މެޗުގެ ފޯރި ވަރަށް ގަދަ އެވެ.
މަސްވެރިކަން ކުރަން ކަނޑުމައްޗަށް އެރުމަކީ މުނިފޫހި ފިލުވުމާއި ސަކަރާތްޖެހުމާއި މަޖަލުން މަހުރޫމުވާނެ ކަމެއް ނޫނެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުން މިއަދު އެކަމަށް ހެކިވެ އެވެ. އެ ޒުވާނުން ބުނާގޮތުގައި މާބުރައެއްވެސް ނޫނެވެ. އެހާމެ ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ފުޓްބޯޅަ ވެސް ކުޅެވެ އެވެ.