ރިޕޯޓް

އަޒީމާގެ އިސްތިއުފާ އާއި އާންމުންގެ ރުޅިގަނޑު

ޑރ. އަޒީމާ އާދަމަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ދުވަސްވަރު ގަވަރުނަރުކަން ކުރެއްވި ބޭފުޅާ އެވެ. ސަރުކާރުގެ ތެރެއިން ބޮޑު ހިޔާނާތެއް "ފެންމަތިވެ" ދައުލަތުގެ 1.2 ބިލިއަން ރުފިޔާ ގެއްލިފައިވާއިރު ކަޅު ފައިސާގެ ތުހުމަތުތައް އެމްއެމްއޭއަށް ވަރަށް ބޮޑަށް އޮތީ އަމާޒުވެފަ އެވެ.

ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާގެ "ސްޓީލިން ޕެރެޑައިސް" ރިޕޯޓްގައި ވެސް އެމްއެމްއޭއަށް ކަޅު ފައިސާ ދޮވުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެގޮތުން އިންވެސްޓް ކުރުމުގެ ނަމުގައި ރާއްޖެއިން ބޭރުން 1.5 ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ ގެނެސް އެމްއެމްއޭ އަށް ވެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ތުހުމަތުކުރި އެވެ. އެ ތުހުމަތުތައް އެމްއެމްއޭއިން ދޮގު ކުރި އެވެ. ހަމަ އެ ރިޕޯޓްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަޒީމާއާ ދެމެދު ބަދަލުކުރެވުނު ޓެކްސް މެސެޖްތަކެއް ވެސް ވަނީ ދައްކާފަ އެވެ. އެކަމާ ގުޅޭ ގޮތުން އަޒީމާ ސީދާ އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމްއެމްއޭ އިން ބަޔާނެއް ނެރެ ބުނެފައި ވަނީ އެއީ ހުސްބުހުތާނު ދޮގު ކަމަށެވެ.

ކަޅު ފައިސާގެ ތުހުމަތުތައް އަބަދުވެސް އަޒީމާ ދޮގު ކުރައްވަމުން ގެންދެވި ނަމަވެސް ސަރުކާރުގެ ތެރެއިން ހިނގާފައިވާ ބޮޑެތި ހިޔާނާތްތަކުގެ ސަބަބުން އެކަމަނާއަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކެއް ނުހުއްޓެ އެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުން ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވާއިރު އެކަމުގައި އެމްއެމްއޭގެ ބޮޑު އިހުމާލެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ގެންދަނީ ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ވާހަކަ އަނެއްކާވެސް ވަނީ ބާރަށް ދެކެވެން ފަށާފަ އެވެ. "ވަގު" ފައިސާތަކެއްގެ ވާހަކަ ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. ފައިސާގެ ބޮޑެތި ހިޔާނަތްތައް ހިނގާފައިވާ ކަމަށް ރައީސް ވެސް އިއުތިރާފްވާއިރު އެ މައްސަލާގެ މިނިވަން ތަހުގީގެއް ކުރުމަށް ދަނީ ގޮވާލަމުންނެވެ.

އަދީބުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން އެ ކޮރަޕްޝަނުގައި ބައިވެރިވާ ކަމަށް ސީދާ ތުހުމަތެއް ކުރެވޭ މި ދަނޑިވަޅުގައި އަޒީމާ ވަނީ އިސްތިއުފާ ދެއްވައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ދަތުރު ހައްދަވާފަ އެވެ. އެކަމަނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ނިންމީ މީގެ ދުވަސްތަކެއް ކުރިން ފިރިކަލުން އަލީ ނަސީރު ނިއުޔޯކްގައި ހުންނަ އދ.ގެ ސަފީރުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. އެކަމާ ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަނާ "ފިއްލަވަން" އުޅުއްވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތާއެކު އަޒީމާ މީގެކުރިން ވިދާޅުވީ، "ފިލާކަށް ނޫޅެން، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަކުރުމުގެ ވިސްނުމެއް ވެސް ނެތް،" ކަމަށެވެ.

ރައީސް ޔާމީނަށް ބޮޑު ތުހުމަތުތަކެއް ކުރެވޭއިރު އެކަމުގެ މިނިވަން ތަހުގީގެއް ކުރުމަށް ބާރު އަޅަމުން ދަނިކޮށް އެމްއެމްއޭގެ ގަވަރުނަރުގެ ހައިސިއްޔަތުން އަޒީމާއަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ހާމަނުކޮށް ރާއްޖެއިން ވަޑައިގަތުމާ ދެކޮޅަށް މިހާރު ދަނީ އަޑުއުފުލަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މައްސަލާގައި ބަޔާން ދެއްވުމަށް އަޒީމާއަށް ގޮވާލައްވާފަ އެވެ. އަޒީމާ މިރޭ އެމެރިކާއަށް ފުރާވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ބޮޑެތި ތުހުމަތުތައް ކުރެވޭއިރު، އެ ބޭފުޅުން އެ ތުހުމަތުތަކަށް ސާފުކޮށް ޖަވާބުދާރީވާން ޖެހޭނެ އެވެ. ރައްޔިތުންގެ ހިތުގައި ޝައްކެއް ނޯންނަ ވަރަށް ކަންކަން އޮޅުންފިލުވައިދޭން ޖެހޭނެ އެވެ. ހަޑި އަމަލެއްގައި ބައިވެރިވެފައިނުވާކަން ސާފު ހެއްކާއެކު ސާބިތުކޮށްދޭން ޖެހޭނެ އެވެ.

ގައުމުގެ ޝަރަފުވެރި މަގާމެއް އަދާކުރައްވައި، ގައުމަށް އެތައް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަޒީމާއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ހިތުގައި ހުރި ޝައްކުތައް ފިލުވައިދިނުމަށްފަހު ރާއްޖެއިން ވަޑައިގަތުމެވެ. ކަމަނާގެ ހިދުމަތްތަކުގެ އަގު ތާރީހުގައި ރަން އަކުރުގައި ލިޔެވިގެން ދާނީ އޭރަށެވެ.