ރިޕޯޓް

އަޒީމާގެ ވަކިވުމާއި ކަރުނަ "ހިލުނު" ވަގުތު ކޮޅު!

ގަވަރުނަރު ޑރ. އަޒީމާ އާދަމް އިސްތިއުފާގެ ބަޔާން ދެއްވާ ވަގުތު ކައިރިވެއްޖެ އެވެ. ނޫސްވެރިންގެ ކެމެރާތައް ތައްޔާރުކޮށް މި ތާރީހީ ވަގުތުގެ އިންތިޒާރީގައި "ފޫ ހަރާލައިގެން" ތިއްބެވެ. އަހަރެން ފަހަތް ބަލައިލީމެވެ. ފަހަތު ގޮނޑިބަރީގައި މަޑު މޮޅިކަމާއެކު ދިހަ ވަރަކަށް މީހުން ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ހިތާމަ އެވެ. ހިތްދަތި ކަމެވެ. ދޭތެރެ ދޭތެރެ އިން ލޯ ފޮހެލާތަން ވެސް ފެނެ އެވެ. ހިން ދިރުވައިލަ އެވެ. މިއީ މަރުކަޒީ ބޭންކުގެ އެންމެ ސީނިޔަ މެނޭޖުމަންޓުގެ ޓީމުގެ މުވައްޒަފުންނެވެ. ޑރ. އަޒީމާއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ރައްޓެހިންނެވެ. މިއަދު އެމީހުންގެ ލޮލުން ކަރުނަ ނުފެނުނަސް ހިތުން ދިޔައީ ރޮވެމުންނެވެ.

"ވަރަށް ހިތާމަވެރި ވަގުތު ކޮޅެއް މިއީ، ވަރަށް ދެރަވޭ، މިއީ އެމްއެމްއޭ އާއި ގައުމަށް ވެސް ލިބޭ ގެއްލުމެއް،" ގަވަރުނަރު އަޒީމާއާއެކު އެމްއެމްއޭގައި މަސައްކަތް ކުރެއްވި ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާމިރާ "އަވަސް" އަށް މިއަދު ވިދާޅުވި އެވެ.

އުމުރުން 19 އަހަރުން ފެށިގެން މަރުކަޒީ ބޭންކުގައި ހިދުމަތް ކުރައްވަމުން ދިޔަ، ޑރ. އަޒީމާ ވަނީ ރާއްޖޭގެ މާލީ ދާއިރާ އަށް ގިނަ ހިދުމަތް ތަކެއް ކޮށްދެއްވާފަ އެވެ. ހާއްސަކޮށް މާލީ ދާއިރާ އަށް އަންނަ ޒަމާނީ ބަދަލުތަކާ އެއްގޮތަށް ރާއްޖެ ބައްޓަން ކުރުމުގެ އިސް މޭސްތިރިއެއްގެ ދަރުރު އެކަމަނާ އަދާކުރެއްވި އެވެ. ނަމަވެސް އާއިލާއެކު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުމާއެކު މިއަދުން ފެށިގެން އެމްއެމްއޭއާ ދުރަށް ވަޑައިގަތީ އެވެ. ނަމަވެސް ހިތާ ދެކޮޅަށެވެ.

އިސްތިއުފާގެ ބަޔާން ދެއްވި ވަގުތު ކޮޅު އަޒީމާ އަށް ދަތިތަކާ ކުރިމަތިވީ މިހެންވެ ކަމަށް ވެސް ވެދާނެ އެވެ. ހާއްސަކޮށް ބަޔާނުގައި އަންނަ "މިއަދުން ފެށިގެން އިސްތިއުފާ ދޭން" މި ވާހަކަ އަޒީމާ އަށް ވިދާޅުވެވުނީ އުނދަގުލާއެކު އެވެ.

އިސްތިއުފާ ދެއްވާފައި މިރޭގެ ވަގުތެއްގައި ޑރ. އަޒީމާ އެމެރިކާ އަށް ފުރާވަޑައިގަންނަވާނެ އެވެ. އަޒީމާ ވަކިވެވަޑައިގެންނެވި ނަމަވެސް އެމްއެމްއޭގެ މުވައްޒަފުން އަޒީމާގެ މަސައްކަތް އަބަދު ވެސް ބަލައިގަންނާނެ އެވެ.

"އެކުވެރިއެއް، ޕްރޮފެޝަނަލް ބޭފުޅެއް"

"ވަރަށް ހިދުމަތް ކުރެއްވި، ހާއްސަކޮށް ގަވަރުނަރުގެ މަގާމަށް ވަޑައިގަތުމާއެކު އެމްއެމްއޭއަކީ މޮޑާން ސެންޓްރަލް ބޭންކްއަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި، އަޅުގަނޑުމެންނަށް ވެސް ތިން އަހަރު ނިމިގެން ދިޔައިރު ބަލައިލީމަ މި އެނގުނީ، އައިސްފައިވާ ބަދަލުތައް، ރާއްޖޭގެ އިގްތިސާށް މިހާރު އައިސްފައިވާ ބަދަލުތަކުން ވެސް އެނގޭ،" އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު މިއަދު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ދެރައެއް މިއީ. އަޒީމާ ވަރަށް ގިނަ ކަންތައް ތަކެއް ކުރައްވަން ފައްޓަވާފަ އެ ވަޑައިގަންނަވީ. އުންމީދު ކުރަނީ ދެން އަންނަ މެނޭޖުމަންޓަކުން ވެސް މިކަންތައް ކުރިއަށް ގެންދަވާނެ ކަމަށް،"

އަޒީމާއާއެކު މަސައްކަތް ކުރެއްވި ގިނަ މުވައްޒަފުންގެ މެދުގައި އޭނާއަކީ މަގުބޫލު ބޭފުޅެކެވެ. ހާއްސަކޮށް އެންމެންނާ ވެސް ގުޅޭ މަޖާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އެކަކުން ފެށިގެން އަޒީމާއާއެކު މަސައްކަތް ކުރެއްވި އެސިސްޓެންޑް ގަވަރުނަރު އިދްހާމް ހުސެއިން ވިދާޅުވީ އަޒީމާއަކީ ވަރަށް ޕްރޮފެޝަނަލް ބޭފުޅެއް ކަމަށެވެ.

"ސްޓާފުންނަށް ވަރަށް ސްޕޯޓިވް ވާނެ. މަސައްކަތެއް ހަވާލުކުރާއިރު ވެސް ދުރަށް ވިސްނަވާނެ. އެހެންވީމަ މަސައްކަތް ހަވާލު ކޮށްފަ ދުލެއް ނުކުރާނެ. އެހެންވެ މި ކޮލިޓީ ހިފަހައްޓާނެ،" އިދްހާމް "އަވަސް" އަށް މިއަދު ވިދާޅުވި އެވެ.

އެސިސްޓެންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ ވިދާޅުވީ އަޒީމާއަކީ ދޫކުރުމެއްނެތި، ހިތްވަރާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ވަރަށް ކުއިކް ޑިސިޝަންތައް ނަންގަވާނެ. އެއްކަމެއް ނުވިނަމަވެސް ދުލެއް ނުކުރާނެ. އެކަމެއް ވޭތޯ ވަރަށް މަސައްކަތް ކުރައްވާނެ. ދިރާސާ ކުރައްވާނެ. ވާނެ ގޮތެއް ބަލަން ޖެހޭނެ،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަޒީމާއާއެކު މަސައްކަތް ކުރެއްވި ދުވަސްތަކުގައި އެންމެ ފާހަގަ ކުރެއްވޭ އެއް ދުވަސްވަރަކީ ނިމިދިޔަ އަހަރު ކަމަށެވެ.

"މިދިޔަ އަހަރު ބޭންކްތަކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ދިމާވެގެން އެޅުއްވި ފިޔަވަޅުތައް ފާހަގަ ކުރެވޭ. ބޭންކް އޮފް މޯލްޑިވްސްގެ ބޭރުގައި ކިޔޫ ހެދިގެން ދިޔަ. އެކަމުގައި ގަވަރުނަރު އެމްއެމްއޭގެ ތެރޭގައި ސެޓަޕް ހެދި. މިއީ ތިން ދުވަހުގެ ކަމެއް. ރައްޔިތުން ވަރަށް އުފާ ކުރެއްވި ކަމެއް މިއީ. މިކަން ވަރަށް ފާހަގަ ކުރެވޭ،" މަރިޔަމް ވިދާޅުވި އެވެ.

ގަވަރުނަރު އަޒީމާގެ ވަކިވުން ވެގެން ދިޔައީ އެމްއެމްއޭގެ މުވައްޒަފުންނަށް ލިބިގެން ދިޔަ ހިތް ދަތިކަމަށެވެ. އެކަން މުވައްޒަފުންގެ ބަހުން ވެސް އެނގެ އެވެ. ކޮންމެއަކަސް އަޒީމާގެ ވަކިވުމާއި ކަރުނަ "ހިލުނު" ވަގުތު ކޮޅުގެ އަސަރު ގަދަ އެވެ.