ހަބަރު

މާލެއިން ވިއްކާ ބިންތައް އިއްތިހާދުގެ ސަރުކާރެއްގައި އަތުލަނީ

Aug 16, 2017
18

މާލެއިން ބިން ވިއްކުމުގައި ކޮރޮޕްޝަންގެ އަމަލެއް ހިންގާފައިވާ ނަމަ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި މާލީ ބަދަލަކާ ނުލާ އެ ބިންތައް އަނބުރާ ނަގާނެ ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ބިން ވިއްކުމާ ގުޅޭ ގިނަ ކަންކަން ހިންގާފައި ވަނީ އިންތިހާއަށް ކޮރޮޕްޝަން ހިމެނޭ ގޮތަށް ކަމަށާއި މިހާރު ވެސް މާލޭގައި ބިންތައް ދިގު މުއްދަތަށް ދީފައިވަނީ ރައީސް ޔާމީންގެ ގާތްތިމާގެ މީހުންނަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކޮރޮޕްޝަން ހިމެނޭ ގޮތަށް ވިއްކާ ބިންތައް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގަން ނިންމާފައިވާ ކަމަށާއި އެހެންކަމުން ބިން ގަންނަ ފަރާތްތަކުން އެކަމަށް ވަރަށް ސަމާލު ވެގެން ކޮރޮޕްޝަން ހިމެނޭތޯ ރަނގަޅަށް ބެލުމަށް ލަތީފް އިލްތިމާސް ކުރި އެވެ.

"ބިން ވިއްކުމުގެ ހަމައެކަނި ބޭނުމަކީ މިވަގުތު ސަރުކާރު ނިމުމަކަށް ދާތީ އޭގެ ކުރިން ސަރުކާރުގައި ތިބި އިސް ބޭފުޅުންނަށް މާލީ މަންފާއެއް ހޯދުން، ސަރުކާރަށް ފައިސާ ނެތުމުގެ ސަބަބުން ސަރުކާރަށް ނަގާ ފައިސާގެ ގޮތުގައި މާލޭގެ ތަންތަން ވިއްކާގެން ސަރުކާރަށް ނަގަން ކުރާ ކަމެއް މިއީ،" ލަތީފް ވިދާޅުވި އެވެ. "މިއީ އެއްގޮތަކަށް ވެސް ހެޔޮވާ ވަރުގެ ކަމެއް ނޫނުް، މިއިން ބިމެއް ބައްލަވާގަންނަ އިރު ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކިރިޔާވެސް ނުރަނގަޅުކޮށް އެކަންކޮށްފި ނަމަ ބަދަލަކާ ނުލާ އެ ބިންތައް ނަގާނަން،"

ލަތީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކާއި ފަޅުތައް ވެސް ދިގު މުއްދަތަކަށް ވިއްކުމުގައި ހިޔާނާތް އެކުލެވޭ ކަމަށް ސަރުކާރުގެ އިދާރަތަކުން ވެސް ބުނަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ރަށްތަކާއި ފަޅުތައް ވެސް އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި ދައުލަތަށް އަނބުރާ ނަގާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.