ދިވެހި ސިނަމާ

ނޯޓީ 40 ޝްވެކް ސިނަމާގައި އަޅުވަނީ

މި މަހުގެ ދެ ވަނަ ދުވަހު "ނޯޓީ 40" ރިލީޒްކޮށް ރެޔާ ހަމައަށް 14 ޝޯ އެޅުވިއިރު އެ ފިލްމު ވީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށެވެ. ސާދަ ޝޯ އަށްފަހު އޮލިމްޕަހުން ޖާގަ ނުލިބުނީ އެވެ. ނަމަވެސް ފިލްމު ބަލަން ބޭނުންވާ ގިނަ ބަޔަކު އަދިވެސް ތިބުމުން ޕްރޮޑަކްޝަން ޓީމުމް މިވަނީ ނޯޓީ 40 ޝްވެކް ސިނަމާގައި އަޅުވަން ނިންމާފަ އެވެ.

ނޯޓީ 40 ގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް މިރޭ ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން އެ ފިލްމު ޝްވެކް ސިނަމާގައި އަޅުވަން ނިންމާފައިވާ ކަމަށާއި އެ ސިނަމާގެ އަންނަ ހަފްތާގެ ޝެޑިއުލް ނެރޭއިރު ނޯޓީ 40 ހިމެނޭނެ ކަމަށެވެ. ޓިކެޓް ޝްވެކް ސިނަމާއިން ވިއްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

"މިހާރު ޝްވެކްގައި އަޅުވަން ނިންމާފައި. މާލެ ޝްވެކްގެ އިތުރުން ހުޅުމާލޭގައި ގާއިމްކުރި ޝްވެކްގައި ވެސް އެޅުވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" ޝަފީގް ބުންޏެވެ.

ޝްވެކްގައި އަޅުވާނީ ނޯޓީ 40ގެ ކިތައް ޝޯ ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ޝަފީގު ބުނީ އާންމުންގެ ތަރުހީބު ލިބޭ މިންވަރަކަށް އަޅުވާނެ އެވެ. ޝަފީގް އިތުރަށް ބުނީ އަންނަ މަހު ރިލީޒްކުރާ "ހައްދު" އަށް ފަހު އޮލިމްޕަހުން އެންމެ އަވަހަށް ޖާގަ ލިބޭ މުއްދަތެއްގައިވެސް ފިލްމު އަޅުވަން ތައްޔާރުވަމުންނެވެ.

ފިލްމުން ފެނިގެން ދިޔަ ތަރިިންގެ ތެރޭގައި އަހްމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން، ޔޫސުފް ޝަފީއު، ފާތިމަތު އާޒިފާ (އަޒޫ)، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނުގެ ހުނަރުވެސް ވަނީ ދައްކާލާފަ އެވެ.

ނޯޓީ 40 އަކީ މިހާތަނަށް އެ ފިލްމެއްގައި އެންމެ ގިނަ ރަހަތައް އެކުލަވައިގެން ގެނެސްދިން އެއް ފިލްމެވެ. އެ ފިލްމުން އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މިހެން ގޮސް ހުރިހާ ރަހައެއް ފެނިގެން ދިޔަ އެވެ.

ނޯޓީ 40 އަކީ އުމުރުން 40 އަހަރުން މަތީގެ ބަޔަކަށް ދިމާވާ ކަންތައްތަކެވެ. އެމީހުންގެ ޒުވާން އުމުރުގައި ހިނގާފައިވާ ބައެއް ހާދިސާތައްވެސް ފެނިގެންދާނެ އެެވެ. އެ ފިލްމުގެ ބޮޑު ބައި ނަގާފައިވަނީ ށ. މިލަންދޫގަ އެވެ. މާލޭގައިވެސް މަދު މަންޒަރުތަކެއްވަނީ ނަގާފަ އެވެ.