ދިވެހި ސިނަމާ

ޝިބާން އާއި ޔުނާނު: ބެލުންތެރިންގެ ހިތް އަތުލާނީ ކާކު؟

ދިވެހި އާ ފިލްމެއް އިއުލާނުކޮށްފިއްޔާ އޭގެ ތަރިންނަކީ ކޮބައިކަން ނުބުނި ނަމަވެސް ކޮބައިކަން އެންމެންނަށް އެނގޭ ދުވަސްވަރެއް ދިޔަ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ނޫން ތަރިއެއް ފިލްމު އިންޑަސްޓްރީގައި ނޫޅެނީއޭ ހީވާ ހިސާބަށްކަން އޮންނަނީ ގޮސްފަ އެވެ. ސަބަބަކީ، ޔޫއްޕެއަށް ލިބުނު ވަރުގެ މަގުބޫލުކަމެއް ހޯދުނު އެހެން ތަރިއެއް ނެތީ އެވެ. މައްސަލައަކަށްވީ ހުރިހާ ފިލްމެއްގައި ކަހަލަ ގޮތަކަށް ޔޫއްޕެ ފެނުމެވެ.

ލީޑު ރޯލުން ޔޫއްޕެއަށް ފަހު ދެން އައީ ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މިދިޔަ ދެތިން އަހަރެއް ވަންދެން ޖުމައްޔަލް މި އަންނަނީ ދިވެހި ސިނަމާތަކުގައި ރަސްކަން ކުރަމުން އެވެ. އަންހެން ބަތަލާއިން ފިލްމީ ދާއިރާގައި ތިބި ނަމަވެސް ލީޑު ރޯލުން ޖާގަ ދެވޭ ފެންވަރުގެ ޒުވާން ތަރިއަކަށް ފިލްމީ ދާއިރާގައި ހުރީ ޖުމަލް އެކަންޏެވެ. ޑާކްރެއިން އެންޓަޓެއިންމަންޓްގެ ހުރިހާ ފިލްމެއް ޖުމަލް އަށް ހާއްސަވެފައިވާ ކަހަލަ އެވެ.

ޖުމަލް އާ ވާދަކުރުމަށް މި އަހަރު އިންޑަސްޓްރީއަށް މި ނުކުންނަނީ މުޅިން އާ ދެ ތަރިންނެވެ. މުހައްމަދު ޔުނާނު އަދި އަހްމަދު ޝިބާން އެވެ. މިދެތަރިން މި ނިކުންނަނީ ރާއްޖޭގެ އެންމެ ކުކުޅަދާނަ ދެ ޑައިރެކްޓަރުންގެ އިރުޝާދާ އެކު އެވެ. މުޅިން އާ ދެ ތަރިންނަށް ފިލްމުން ފުރުސަތު ދީފައިވަނީ ގިނަ ޓްރޭނިންތަކެއްވެސް ދީފަ އެވެ.

އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން ފިލްމު އިންޑަސްޓްރީގައި މީހާގެ ރީތިކަމަކީވެސް ކުރިއަށް ދިއުމަށް ލިބޭނެ ޕްލަސް ޕޮއިންޓެކެވެ. ފިލްމު އިންޑަސްޓްރީގައި އެންމެ ކުރީގައި އުޅޭ ތަރިންނަކީ ރީތި ތަރިންތަކެކެވެ. ޔުނާނު އަދި ޝިބާން އަކީވެސް އެ ޝަރުތު ވަރަށް ރަނގަޅަށް ފުރިހަމަވާ ދެ ތަރިންނެވެ. ހުނަރުގެ އިތުރުން ފިލްމަށް އެ ދެ ތަރިންނަށް ފުރުސަތު ލިބުނު އެއް ސަބަބަކީވެސް އެއީ އެވެ.

"މި ފިލްމަށް ޔުނާން ނެގީ އޭނާގެ ހުނަރާއި ޝައުގުވެރިކަމާއި ހުރިހާ ކަމަކަށް ބަލާފައި ލުކްސް އަށްވެސް ބަލަން ޖެހޭނެތާ، ފިލްމު ކުޅޭ ކަހަލަ ލުކް އެއް ހުންނަ ކުއްޖެއް ބޭނުންވީ،" ޔުނާނު ފިލްމަށް ނެގި އެއް ސަބަބެއްގެ ގޮތުގައި ނަހުލާ ބުންޏެވެ.

"ހަމަ ޔަގީނުންވެސް 100 ޕަަންޓް ޕާފޯމަންސް ފެނިގެންދާނެ. ބެލުންތެރިންނަށް ކަމުދާ ވަރަށް އޭނަގެ ޕާފޯމަންސް ފެންނާނެ،" ޝިބާންގެ އެކްޓިން އާ މެދު ހައްދުގެ ޕްރޮޑިއުސަރު އަބްދުލް ފައްތާހުގެ ހިޔާލަކީ އެއީ އެވެ.

މިހާތަނަށް މި ދެ ތަރިންގެ އެކްޓިންގެ ހުނަރު ކޮންމެވެސް ވަރަކަށް ފެންނާނެ އެވެ. "ހައްދު"ގެ ދެ ޓްރޭލާއެއްވެސް ދޫކޮށްލައިފި އެވެ. އޭގެ އިތުރުން ފަހަކަށް އައިސް ބައެއް އިޝްތިހާރުތަކުންވެސް ޝިބާން ފެނިގެން ގޮސްފައިވެ އެވެ. އެ އިޝްތިހާރު ތަކަށްވުރެ ފިލްމުގައި ފެނިގެންދާ އެކްޓިން އެތައް ގުނައެއް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އޭނާދެ އެވެ. އޭނާ ބުނާ ގޮތުން ފިލްމުގެ ޝޫޓިންތައް ފެށީ ޓްރޭނިންތަކަކަށްވެސް ފަހުގަ އެވެ. އެހެންވީމާ ބަދަލު ފެންނާނެ ކަމަށް އިންތިޒާރު ކުރަމާ ހިނގާށެވެ.

ފިލްމު "ބޮސް"ގެ ޝޫޓިން އެއްކޮށް އަދި ނުނިމެ އެވެ. އެންމެ ފަހު މަންޒަރުތައް ނެގިނަމަވެސް އަދި ޓްރެއިލާއެއް ފެންނަ ގޮތެއް ނުވެ އެވެ. އެކަމަކު މި އަހަރު އޮފީސްތަކުގެ ޑްރާމާ މުބާރާތުން އެމްޑަބްއެސްސީ އިން ބައިވެރިކުރި ޑްރާމާގައި ޔުނާނު ފެނިގެން ގޮސްފައިވެ އެވެ. އެ ޑްރާމާގައި ޔުނާނު ދައްކާފައިވާ އެކްޓިން އަށް ވުރެ "ބޮސް"ގައި ޔުނާނުގެ އެކްޓިން އެތައް ގުނައެއް ރަނގަޅުވާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

ނަހުލާގެ އުންމީދީ ފިލްމް، ބޮސްއަށް ޔުނާން ނެގި ސަބަބާ ގުޅޭ ގޮތުން އޭނާ ބުނަނީ؛ "މި ފިލްމަށް ޔުނާން ނެގީ އޭނާގެ ހުނަރާއި ޝައުގުވެރިކަމާއި ހުރިހާ ކަމަކަށް ބަލާފައި ލުކްސް އަށްވެސް ބަލަން ޖެހޭނެތާ، ފިލްމު ކުޅޭ ކަހަލަ ލުކް އެއް ހުންނަ ކުއްޖެއް ބޭނުންވީ،" މިއީ ނަހުލާގެ ބަހެވެ. ފައްތާހުގެ ތަފާތު ފިލްމް ހައްދުގެ ތަރިއަކަށް، ޝިބާން ނެގި ސަބަބާ ގުޅޭ ގޮތުން ފައްތާހު ބުނާ އެއްޗެއް ވެސް ބަލައިލަން ހިނގާށެވެ.

"އަޅުގަނޑުމެން ޝިބާން ޗޫޒް ކުރީ، އަސްލު މިހާރު އެބަޖެހޭދޯ ފިރިހެން ތަރިންވެސް ޝޭޕް އަކާއި ފިގާއަކާއި މިހުރިހާ އެއްޗެހި ހުންނަން. އެއީ ބޮލީވުޑް ހޮލީވުޑް ތަންތާގައި ލީޑް އެކްޓަރުންނަކީ ސަޅި މީހުން. ހުސް. ހަމައެކަނި ރާއްޖޭގައި މިބައި މަދުވެގެން މިއުޅެނީ. ރާއްޖޭގައި ވެސް އަންހެން ތަރިން ވަރަށް ސަޅި ތަރިން އެބަތިބި. އެކަމަކު ފިރިހެން ތަރިން އަޅުގަނޑު ބުނާނީ ވަރަށް މަދޭ. އެކަމަށް ނީޑް އިމްޕްރޫވްމަންޓް" ކުރިން ދިން އިންޓަވިއުއެއްގައި ފައްތާހު ބުނެފައިވެ އެވެ.

ދެން އޮތީ ބެލުންތެރިން ނިންމާ ގޮތެކެވެ. ބެލުންތެރިންނަށް އެންމެ ކަމުދަނީ އެތަނުން ކޮން ތަރިއެއް ހެއްޔެވެ؟

ޝިބާން އަދި ޔުނާނުގެވެސް އެންމެ ފުރިހަމަ އެކްޓިން ފެނިގެންދާނީ ފިލްމު ރިލީޒް ކުރީމަ އެވެ. އަންނަ މަހު ހަ ވަނަ ދުވަހު "ހައްދު" ރިލީޒް ކުރާއިރު އޮކްޓޫބަރު 24 ގައި "ބޮސް" ރިލީޒް ކުރާނެ އެވެ. ދެ ފިލްމަށްވެސް ދާން ވާނެ އެވެ. މި ދެ ތަރިންގެ ތެރެއިން ވިދާލާނީ ކޮން ތަރިއެއްކަން އިނގޭނީ އޭރުން އެވެ.