ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތަށް ސަރުކާރު ހިންގާ، ޕީޕީއެމްއިން ތައްޔާރުވެއްޖެ އެވެ. އެ ޕާޓީން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތަކީ، ދެ ކުޅިވަރެއްގެ މައްޗަށް ކުރިއަށްދާ މުބާރާތެކެވެ.
"ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ"ގައި ނަމުގައި ބާއްވާ މި އަގުބޮޑު މުބާރާތުގައި ފިރިހެނުންނަށް ހާއްސަކޮށްފައިވަނީ ފުޓްސެލް އެވެ. އަންހެންނުނަށް ހާއްސަކޮށްފައިވަނީ ވޮލީ ބޯޅަ އެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ބާއްވާ މި މުބާރާތް ފެށޭނީ އަންނަ އޮކްޓޯބަރު މަހު އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކޮންމެ ރަށަކުން ވެސް ފުޓްސަލް އަދި ވޮލީގައި ބައިވެރިވެވޭނީ އެއް ޓީމަކަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް ވިދާޅުވީ، މި ސަރުކާރުގެ އުސޫލަކީ އާބާދީއަކަށް ބެލުމެއް ނެތި ކޮންމެ ރަށަކަށް ވެސް ތަރައްގީގެ މަޝްރޫއުތައް ގެންދިޔުން ކަމަށެވެ. އެހެންކަމުން ޕީޕީއެމްއިން ވެސް ހަރަކާތްތައް ކުރިއަށް ގެންދަނީ އެ އުސޫލަށް ބަލައިގެން ހުރިހާ ރަށަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.
މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ތިން ބުރެއްގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރަކީ ރަށްރަށުގައި މެދުގައި ބާއްވާ ބުރެވެ. ދެވަނަ ބުރަކީ ޒޯން މުބާރާރެވެ. ހަ ޒޯނަކަށް ބަހާލައިގެން އެ ބުރު ކުރިއަށްގެންދާއިރު ފައިނަލް ބުރު އޮންނާނީ ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި މާލޭގަ އެވެ.
އަދުރޭ ވިދާޅުވީ، މިއީ ޕީޕީއެމްގެ ހަރަކާތެއް ނަމަވެސް މުބާރާތް ކުރިއަށް ގެންދާނީ ސިޔާސީ ހަރަކާތަކަށްވުރެ ބޮޑަށް ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދޭ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަތޮޅުގައި ތިބި ހުނަރުވެރި ޒުވާނުންގެ ހުނަރުތައް ދައްކާލުމަށް މިއީ ވަރަށް ފަހި ފުރުސަތެއްކަން އަދުރޭ ފާހަގަކުރެއްވި އެވެ.
މުބާރާތަށް ބޮޑެތި އިނާމްތަކެއް ކަނޑައަޅާފައިވާއިރު، އެ އަތޮޅެއްގެ ރަށްރަށުގެ މެދުގައި ބާއްވާ މުބާރާތްތަކުގެ ޗެމްޕިއަން ޓީމަކަށް 50،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 30،000 ރުފިޔާ ލިބޭނެ އެވެ. އަދި ތިންވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ ލިބޭނެ އެވެ. ޒޯން މުބާރާތްތަކުގެ ޗެމްޕިއަން ޓީމަކަށް އެއްލައްކަ ރުފިޔާ ދޭން ނިންމާފައިވާއިރު، ދެވަނަ ޓީމަކަށް 75،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 50،000 ރުފިޔާ ލިބޭނެ ކަމަށް ވެސް ޕީޕީއެމްއިން ބުނެ އެވެ.
މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ދެލައްކަ ރުފިޔާ ދޭން ނިންމާފައިވާއިރު ދެވަނައަށްދާ ޓީމަކަށް ދޮޅުލައްކަ ރުފިޔާ އަދި ތިންވަނަ ޓީމަކަށް 75،000 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ.