މި އަހަރުގެ އަލްހާ އީދު ކައިރިވަމުން އަންނައިރު އެންމެ ބާރުބޮޑީ އަންނައުނު ވިއްކާ ފިހާރަތަކަށެވެ. އީދަށް އާ ހެދުން ގަތުމުގަ އެވެ. އެންމެ ނިކަމެތި މީހާ އިން ފެށިގެން އެންމެ މުއްސަނދި މީހާވެސް އެމީހެއްގެ ފެންވަރުން ދަރިންނަށް އީދު ހެދުން ހޯދަ އެވެ.
އީދާ ދިމާކޮށް އެންމެ ތަފާތު ކަމެއް ކުރިއަށް ގެންދިޔަ އެއް ފިހާރައަށް ބޭވޮޗް ސްޓައިލް ވާނެ އެވެ. އީދަށް ހާއްސަ ސޭލެއް އެޅުވީކީ ނޫނެވެ. އެ ފިހާރައިން ކުރި ކަމަކީ ހާއްސަ އެހީއަށް ބޭނުންވާ ތިން ކުދިންނަށް އީދު ހެދުން ސްޕޮންސާ ކޮށްދިނީ އެވެ. ފިހާރައަށް އައިސް އެކުދިން ބޭނުން ހެދުމެއް ނަގައިގެން ގެންދިއުމަށް ފުރުސަތު ހުޅުވާލާ އެކުދިންނަށް އީދު ހެދުން ހޯދައިދިނީ އެވެ.
އެކުދިންނަށް އީދު ހެދުން ހޯދައިދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އިންސާނީ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ދިވެހި ޒުވާނާ އަހްމަދު ހިޝާން އެވެ.
ހިޝާން ބުނި ގޮތުގައި އީދަކަށް ތައްޔާރުވުމުގައި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައިވެސް އޭނައަށް ނުލިބޭ އުފާވެރިކަމެއް ލިބުނީ ބޭވޮޗްގެ ފަރާތުން ހާއްސަ އެހީއަށް ބޭނުންވާ އެ ތިން ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުންނެވެ.
ބޭވޮޗް ފިހާރައިން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެ ވެދިން އެހީތެރިކަމަކީ އެހެން ވިޔަފާރިތަކުން ބަލައިގަންނަން އެންމެ އެކަށީގެންވާ ނަމޫނާ އެކެވެ. ގިނަ ދުވަސްވުމުން ނުވިކި ހުންނަ އަންނައުނާއި ބޫޓު ފަދަ ތަކެތި ހަލާކުކޮށްފައި އުކާލުމުގެ ބަދަލުގައި ހެޔޮ އަގުގައި ދޫކޮށްލައި ނުވަތަ އެގަދަ ކުދިންނަށް ހަދިޔާ ކުުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.
ހިޝާން އަކީ އުމުރުން ދުވަސްވީ މީހުންނާިއ ނުކުޅެދޭ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ހިޝާން ވަނީ އިޖުތިމާއީ ހިދުމަތުގެ ދާއިރާ އިން، ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާއި މީހުންނަށް ހިދުމަތްކޮށް އެ މީހުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ ހިތްވަރަށް ގައުމީ އެވޯޑް ހާސިލްކޮށްފަ އެވެ.
ދިވެހި މުޖުތަމައުން މިއަދު ފެންނަނީ ހާއްސައެހީއަށް ބޭނުންވާ ކުދިން ބާކީކޮށްލުމުގެ ބަދަލުގައި އެކުދިން ބަލައިގަނެ އެއީވެސް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރާ މަންޒަރެވެ. ތައުލީމީ ދާއިރާ އަދި ވަޒީފާގެ ދާއިރާގައިވެސް އެކުދިންނަށް އަންނަނީ ފުރުސަތުތަކެއް ގާއިމްކޮށްދެމުންނެވެ.