ގާތްގަނޑަކަށް 29 ވަރަކަށް އަހަރު ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދިން މޭޖާ އަހްމަދު އާތިފް އަވަހާރަވުމަކީ މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ޝޮކެކެވެ. ގަބޫލުކުރަން އުނދަގޫވި ހަގީގަތެކެވެ. ސިފައިންގެ ޑްރާމާތަކަށާއި ގައުމީ ލަވަތައް ވިދާޅުވެފައިވެ އެވެ. އޭގެއިތުުރުން ސިފައިންގެއަށްވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އާތިފް ވަނީ ސިފައިންގެ ކޮޕްސް ބޭންޑުގައި އިސްދައުރެއް އަދާކުރައްވާ 29 އަހަރު އެ ބޭންޑަށް ހިދުމަތް ކުރައްވާފަ އެވެ. އޭގެ ފަހުން ގިނަ ލަވަ މުބާރާތްތަކުގައި ޖަޖުކަން ކޮށްފައިވެ އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްްގެ ގާލާ ރައުންޑުގެ އެއް ޝޯ އާތިފް އަށް ހާއްސަކޮށް އަދި ގެސްޓު ޖަޖެއްގެ ގޮތުގައި އާތިފް ބައިވެރިވެފައިވެ އެވެ. ސިފައިންގެ އައިޑޮލް މުބާރާތުގައިވެސް އާތިފް ޖަޖުކަން ކޮށްފައިވެ އެވެ.
އާތިފްގެ ލަވަތަކުގެ ތެރެއިން އެންމެ މަގުބޫލު ފަސް ލަވަޔަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ލަވަޔަކީ ސިފައިންގެ ޑްރާމާއަކަށް ކިޔާފައިވާ "ދޭނަން ހިތާ ޖާނާ" އެވެ. އާތިފް އަވަހާރަވުމުން ގިނަ ބަޔަކު އެމީހުންގެ ހިތާމަވެރި ޝުއޫރުވެސް ފާހަގަކޮށްފައިވަނީ އެ ލަވައިގެ ބައިތަކުންނެވެ. ފަހުގެ ލަވަކިޔުންތެރިން އޭގެ ކަވާ ލަވާތައްވެސް ކިޔާފައިވެ އެވެ.
ގައުމީ ލަވަތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ "ޖޯޝޭ ގެނައިމީ" އެ ލަވަ އެވެ. ގިނަ ޝޯތަކުގައި އާތިފްގެ އެ ލަވަޔަށް ނަށަ އެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގައިވެސް އަބަދުވެސް އިވޭ ލަވަ އެކެވެ. ސްކޫލް ކޮންސެޓްތަކުގައިވެސް އެ ލަވަޔަކީ އާންމު ލަވަ އެކެވެ. އެ ލަވައިގެ ކަވާ ލަވަތައްވެސް އެހެން ލަވަކިޔުންތެރިން ކިޔާފައިވެ އެވެ.
"ދަންދަން ދަން ދަން ދަން ވެލަންދެން ހުރިއްޔާ" މިއި ނަވާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވެ ދިވެހިންގެ ތެރޭގައި ވައިގެ ހިފައިގެން ދިޔަ ލަވަ އެކެވެ. ދެހާސް ސާދަ ވަނަ އަހަރު ދި ޓީވީން ގެނެސްދިން ތަރިންގެ ރޭ ޝޯގައިވެސް އެ ލަވައިގެ ކަވާއެއް ކިޔާފައިވެ އެވެ.
އާތިފްގެ މަޝްހޫރު އެހެން ލަވައަކަށް ބަލާއިރު "މަސްތުވެއްޖޭ ފެނިފާ މިތުރާ" އެއީވެސް ނިކަން މަގުބޫލުވި ލަވަ އެކެވެ. ބާރަށް ސްޕީކަރން ގެ ތަކުގައި ލަވަ ޖަހައި އުޅުނު އެ ދުވަސްވަރު އެންމެ ގިނައިން އިވުނު އެއް ލަވަޔަކީ އެއީ އެވެ. އެ ލަވަ ވައިގައި ހިފައިގެން އައީ 2000ގެ ކުރީކޮޅުގަ އެވެ.
"އޭ މަލާ ތިޔައީ މަގޭ" އެ ލަވައަކީވެސް އާތިފްގެ ރީތި ލަވަ އެކެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ރީތި ލަވައެކެވެ. އެ ދުވަސްވަރު ޓީވީތަކުންވެސް އެންމެ ގިނައިން ގެނެސްދިން އަދި ޔޫޓިއުބް މެދުވެރިކޮށް މިހާރުވެސް ގިނަ ބަޔަކު އަޑު އަހާ ލަވަ އެކެވެ. އެ ލަވައަކީ 2000ގެ ކުރީކޮޅު މަޝްހޫރުވި ލަވަ އެކެވެ.
އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. އޭނާ އަވަހާރަވި އިރު ހުންނެވީ ހަނިމާދޫގައި ހުންނަ ސިފައިންގެ އިސްވެރިޔާގެ މަގާމުގަ އެވެ. އާތިފްގެ ހަށގަނޑު މާލެ ގެނެސް ރޭ ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.