މިއުޒިކް

އާތިފްގެ ހަނދާނުގައި ލަވަފޮށިން ހާއްސަ ޕްލޭލިސްޓެއް

މިއުޒިކް އިންޑަސްޓްރީއަށް އަގު ހުރި ހަނދާންތަކެއް ދޫކުރެއްވި މޭޖާ އަހްމަދު އާތިފް އިއްޔެ ވަކިވެއްޖެ އެވެ. އެހެން ނަމަވެސް އެ ހަނދާންތަކާއި އެ އަޑު ދުވަހަކު ވެސް ފޮހެވިގެން ނުދާނެ އެވެ. އާތިފްގެ ޖަނާޒާގައި ގިނަ ބަޔަކުވެސް ބައިވެރިވި އެވެ. އާތިފްގެ ލަވަތައް އަޑުއަހާ މީހުންގެ އަދަދު މަދެއް ނުވެ އެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ލަވަތައް އިތުރަށް އަޑުއަހަން ފަށައިފި އެވެ. އާތިފްގެ "ދޭނަން ހިތާ ޖާނާ" އަނެއްކާވެސް ވައިގައި ހިފައިފި އެވެ.

އާތިފްގެ ހަނދާނުގައި "ލަވަފޮށި" ން ވަނީ އޭނާގެ ހާއްސަ ޕްލޭލިސްޓެއް ފީޗާކޮށްފަ އެވެ. އެއީ އާތިފް އަމިއްލައަށް ތައްޔާރު ކޮށްފައިވާ ޕްލޭލިސްޓެއް ކަމަށް ލަވަފޮށިން މައުލޫމާތުދެ އެވެ. އެ ޕްލޭލިސްޓުގައި ވަނީ ޔަގީނުންވެސް އާތިފްގެ އެންމެ ފެވަރިޓް ލަވަތައް ކަމަށް ބެލެވެ އެވެ.

އެ ހާއްސަ ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކުގެ ތެރޭގައި "ދަން ދަން ދަން"، "ދޭނަން ހިތާ ޖާނާ"، "ވާށޭ މަށާ އެހީ"، "އިހުސާސެއް ވޭހޭ"، "އޭ މަލާ" އަދި "ކައިވެނީގެ އަމާޒު" ކަހަލަ ރީތި ލަވަތައް ހިމެނެ އެވެ.

އާތިފް ވަނީ ސިފައިންގެ ކޮޕްސް ބޭންޑުގައި އިސް ދައުރެއް އަދާ ކުރައްވާ 29 އަހަރު އެ ބޭންޑަށް ހިދުމަތް ކުރައްވާފަ އެވެ. އޭގެ ފަހުން ގިނަ ލަވަ މުބާރާތްތަކުގައި ޖަޖުކަން ކުރެއްވި އެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގާލާ ރައުންޑުގެ އެއް ޝޯ އާތިފަށް ހާއްސަކޮށް އަދި ގެސްޓު ޖަޖެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތެވެ. ސިފައިންގެ އައިޑޮލް މުބާރާތުގައި ވެސް އާތިފް ޖަޖުކަން ކޮށްދެއްވި އެވެ.

އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. އޭނާ އަވަހާރަވި އިރު ހުންނެވީ ހަނިމާދޫގައި ހުންނަ ސިފައިންގެ އިސްވެރިޔާގެ މަގާމުގަ އެވެ. އާތިފްގެ ހަށގަނޑު މާލެ ގެނެސް ރޭ ބޭއްވި ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ.

ލަވަފޮށި އެޕްލިކޭޝަނުން މިހާރުވެސް އަޑުއަހާލަން އެންމެ ބޭނުންވާ އެންމެ ރީތި ލަވަތަކުގެ ޕްލޭލިސްޓުތައް ތައްޔާރު ކުރެވޭނެ އެވެ. އަދި ރައްޓެހިން ތައްޔާރުކޮށްފައި ހުންނަ ޕްލޭ ލިސްޓުތަކުން ލަވަ އަޑުއަހައި ވެސް ލެވޭނެ އެވެ. އެހެން ވީމާ އެންމެ ގަޔާވާ ލަވަތަކާ އެކު އަވަހަށް ޕްލޭލިސްޓުތައް ހަދާލާށެވެ. އަދި އެއަށް ފަހު ސޯޝަލް މީޑިއާގައި ބޭނުން ނަމަ ލަ ލިސްޓް ޝެއާކޮށްލެވޭނެ އެވެ. އަދި ފަހުން އަޑުއަހާލަން ލަވަފޮށިން ލަވަ ޑައުންލޯޑުވެސް ކޮށްލެވޭނެ އެވެ.