ވިޔަފާރި

ފެރީތަކަށް ބަރާބަރަށް ފައިސާ ދައްކަން: އެމްޓީސީސީ

ފެރީތަކަށް މަހުން މަހަށް ބަރާބަރަށް ފައިސާ ދައްކަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފި އެވެ.

އެމްޓީސީސީން ވިލިމާލެ-މާލެއާ ދެމެދު ދަތުރުކުރަން ކުއްޔަށް ހިފާފައިވާ ދޯނި ފަހަރަށް ކުލި ނުދައްކާ ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު "އަވަސް" ވިދާޅުވީ ބަރާބަރަށް ފައިސާ ދައްކަމުންދާ ކަމަށާ އެފަދަ މައްސަލައެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ.

"ފެރީތަކަށް ބަރާބަރަށް މަހުން މަހަށް މިދަނީ ފައިސާ ދެމުން. ހަމަ ގައިމުވެސް ފެރީތަކުގެ އޯނަރުންނަށް އެމްޓީސީސީ އިން ފައިސާ ދެން. ވެދާނެ ފެރީގެ އޯނަރުން ބައެއް ފަހަރު ނުދީ ހުރީ ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީއިން ދަނީ މާލެ- ހުޅުމާލޭގެ ވިލިމާލެ- މާލެއާ ދެމެދުވެސް ފެރީގެ ހިދުމަތް ދެމުންނެވެ. ނަމަވެސް އެމްޓީސީސީން ދެމުން ގެންދާ ދަތުރުފަތުރުގެ ނިޒާމުން އެ ކުންފުންޏަށް ދަނީ ގެއްލުން ވަމުންނެވެ.