ހަބަރު

ސިންގަޕޫރު ކުންފުންޏަކުން ހުޅުމާލޭގައި ހިލަ އާއި ހިލަވެލި ވިއްކަން ފަށައިފި

ސިންގަޕޫރު ކުންފުންޏަކުން ހުޅުމާލޭގައި ހިލަޔާއި ހިލަވެލި ވިއްކަން ފަށައިފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިލަޔާއި ހިލަވެލި ޖަމާކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ނޫސްވެރިންނާ މިއަދު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހުޅުމާލޭގައި ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކާ ކުންފުނިން މުދާ ގެންނަނީ މެލޭޝިއާ، ކެމްބޯޑިއާ އަދި ވިއެޓްނާމުން ކަމަށެވެ. އެކުންފުނިން ވިއްކާ މުދަލުގެ އަގު ވެސް ރާއްޖޭގައި ކުރިން ވިއްކާ ވަރަށް ވުރެ ހެޔޮވާނެ ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި ކުރިއަށް ވުރެވެސް އަގު ހެޔޮކޮށް މިހާރު މި ލިބެނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކޮންސްޓްރަކްޝަން މެޓީރިއަލް ވިއްކަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ތަކެތި ބަހައްޓައިގެން ވިއްކުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ވެސް އެބަ އޮތް ކަަމަށެވެ. އަދި ވިދާޅުވީ އެތަނުގައި މުދާ ވިއްކަން ފެށުނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިމިގްރޭޝަންގެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

"އަޅުގަނޑުމެން މި ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ހުޅުވާލާފައި. އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުންޏަށް ވެސް މިކަން ކުރެވިދާނެ. ވާދަވެރި ގޮތެއްގައި މާކެޓްގައި ވީހާ ގިނައިން ލިބެން ހުރުމަކީ އަގުހެޔޮވެގެންދާނެ ކަމެއް. ޝަރުތަކީ ހަމަ ތިން މަސްދުވަހުގެ ސްޓޮކް ގެނައުން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއަށް ހިލަޔާއި ހިލަވެލި ގެނެސްފައިވާ ކުންފުނިން ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ހުރިހާ މަޝްރޫއުތަކަކަށް ތިން މަސްދުވަހަށް ފުދޭހާ މުދާ ޖަމާކޮށްފައި ކަމަށެވެ.

ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ( އެސްޓީއޯ) އިން ހިލަޔާއި ހިލަވެލި ރާއްޖެއަށް އެތެރެކުރަމުން ދަނިކޮށް އެހެން ކުންފުންޏެއް މެދުވެރިކޮށް އެބާވަތްތައް ގެންނަން ނިންމެވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ސްޓޮކް ޖަމާކޮށްފައި ބެހެއްޓުން ކަމަށެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މިކަމަށް ސްޓޮކް ޖަމާކޮށްފައި ބެހެއްޓުން. އެއީ ވިޔަފާރިވެރިން ވެސް އަދި ކޮންސްޓްރަކްޝަން ސެކްޓަރުން ވެސް މިކަން ބޭނުންވާ ގޮތަކީ،" ސައީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ކޮންސްޓްރަކްޝަން މެޓީރިއަލް ޖަމާކޮށް ވިއްކަން ހުޅުމާލޭ ފޭސް 2ގައި ގާއިމްކޮށްފައިވާ ސަރަހައްދަކީ ވަގުތީ އިންތިޒާމެއް ކަަމަށެވެ. އޭނާ ވިދާޅުވީ އެތަނުގައި ހަމަޖައްސާފައި ވަނީ ދެ އަހަރެއް ތިން އަހަރަކަށް ބޭނުން ކުރެވޭނެ އިންތިޒާމެއް ކަަމަށެވެ. އެގޮތުން ބޮޑެތި އުޅަނދުތައް ކައިރިކޮށް ފަސޭހައިން މުދާ ބޭލޭނެ އިންތިޒާމު އެ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.