އިމްޕޯޓް އެކްސްޕޯޓް

ޖުލައި މަހުގެ އިމްޕޯޓް 3.1 ބިލިއަން ރުފިޔާއަށް

Aug 21, 2017
  • ޖުލައި މަހު އިމްޕޯޓު 24 ޕަސެންޓް އިތުރު
  • އެކްސްޕޯޓު 29 ޕަސެންޓް އިތުރު
  • އިމްޕޯޓު ޑިއުޓީ 20 ޕަސެންޓް އިތުރު

މިދިއަ ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 24 ޕަސެންޓް އިތުރުވެއްޖެ އެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖުލައިމަހު މި އަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 15 ޕަސެންޓް ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި އެކުވެރި އަރަބި އިމާރާތުން 14 ޕަސެންޓް އިންޑިއާއިން 13 ޕަސެންޓް އަދި މެލޭޝިޔާއިން ހަތް ޕަސެންޓް ވަނީ އެތެރެކޮށްފަ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ހުސްވި ޖުލައިމަހު 20 ޕަސެންޓް އިތުރުވެފައެވެ. މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.

މިދިއަޖުލައިމަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 29 ޕަސެންޓް މައްޗަށް ގޮސްފައެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައިމަހު 157 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މި މުއްދަތުގައި މިއަދަދު ވަނީ 202 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 43 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.