ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގެ ބަޔާންތައް މީޑީއާގެ ވަސީލަތްތަކުގައި ޝާއިއު ކުުރުމަކީ މަނާ ކަމެއް ކަމަކަށް ވާތީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ތަކުރާރު ނުކުރުމަށް އަދި އެ ފަދަ އަމަލުތައް ކުރާ ފަރާތްތަކަކީ ގާނޫނީ ވަކީލުން ކަމުގައިވާނަމަ އެ ވަކީލުންގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީ ގޮތަކަށް ބާތިލް ކުރާނެ ކަމުގެ އިންޒާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދީފި އެވެ.
ޑީޖޭއޭ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް، ކޯޓުތަކުގެ ގާނޫނާއި، ސުޕްރީމް ކޯޓުގެ ގަވާއިދާއި، ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި، ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާއި ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގެ އުއްތަމަފަނޑިޔާރާއި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުން ފަތުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ. ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ހައްގުތަކަށް އިހުތިރާމުކުރާ ޒިންމާދާރު އަދި ބިނާކުރަނިވި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަރައްގީކޮށް، ނަގަހައްޓައި ދެމެހެއްޓުމައްޓަކައި ގާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ޝަރުއީ ދާއިރާއިން އުފުލަމުން ގެންދާނެ ކަމަށެވެ. ޑީޖޭއޭ އިން ވަނީ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައި ހުރިހާ އެންމެންގެވެސް އަމަލުތަކާއި ބަސްމަގު ބެލެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގިނަ ދިމިގްރާތީ މުޖުތަމައުތަކެކޭވެސް އެއްފަދައަކުން އަނެކާގެ ހައްގުތަކަށާއި މުޖުތަމއުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމްކުރަންޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެއް ކަމަށެވެ.
"އަދުލު އިންސާފު ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުން އަދާކުރައްވާ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސް އެޅިދާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އެއްވެސް މަގްސަދަކައްޓަކައި އަމަލުކުރަމުން ގެންދާކަމުގައި ވާނަމަ، ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް ޝަރުއީ ދާއިރާއިން އަޅަމުންގެންދާނެކަން އާއްމުކޮށް އެންގީމެވެ." ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.