ރިޕޯޓް

ބިދޭސީން އަތުން ފީ ނެގުމަކީ އެހާ ގޯސް ކަމެއްތަ؟

ސަލްޓަން ޕާކު ގިނަ ބަދަލުތައް ގެނެސް ތަރައްގީ ކުރުމަށް ފަހު "ރަސްރަނި ބަގީޗާ" ގެ ނަމުގައި ރޭ ހުޅުވައި އެ ޕާކަކީ ދިވެހިންނަށް ހާއްސަ ޕާކަކަށް ބަދަލު ކޮށްލި އިރު އެތަނަށް ވަންނަ ބިދޭސީންގެ އަތުން "އެންޓްރެންސް ފީ" އެއް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވުމާއެކު ސޯޝަލް މީޑިއާގައި އެކަން ވަނީ ބޮޑު ބަހުސަކަށް ބަދަލުކޮށްލާފަ އެވެ.

އެއް ބަޔަކަށް އެކަންވީ އެންމެ ރަނގަޅު އެންމެ އެކަށީގެންވާ ކަމަކަށެވެ. އަނެއް ބަޔަކަށް އެކަން ވަރަށް ރަނގަޅު ކަމަކަށްވި އެވެ. އަދި ބައެއް މީހުންނަށް އެކަންވީ ނާއިންސާފު އަދި ނަސްލީ ތަފާތު ކުރުކަމަށެވެ. އިންސާނިއްޔަތާ ހިލާފު ކަމަކަށެވެ. ރާއްޖެ އައިސް އުޅޭ ބޭރު މީހުންނަށް އެއްވެސް ފީ އަކާއި ނުލާ ވަދެވެން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ބައެއް ދިވެހިން ބިދޭސީންނާ ދޭތެރޭ އަމަލު ކުރަމުންދަނީ އިހާނެތި ގޮތަކަށް ކަމަށާއި އެފަދަ ޕާކުތަކަށް ފީ ނަގައިގެން ވަދެވުމަކީ ވެސް އެމީހުންނާ ދޭތެރޭ ނާއިންސާފުން ކުރެވޭ ކަމެއް ކަމަށް ބައެއް މީހުން ހިޔާލު ފާޅުކުރި އެވެ.

"ބިދޭސީން އަތުން އެތަނަށް ވަންނަން ފީއެއް ނެގުމަކީ ރަނގަޅު ގޮތެއް ނޫން، އެއްވެސް ގައުމެއްގައި ރެސިޑެންޓް ޕޮޕިއުލޭޝަން އާއި ދޭތެރޭ މި ލެވަލްގެ ޑިސްކްރިމިނޭޝަން ގެންގުޅެވިގެންނެެއް ނުވާނެ، ވަގުތީ ނޫނީ ޓޫރިސްޓު ވިސާއަށް ވަކި ފީއެއް ޕާކުތަކަށް ވަނުމަށާއި ހާއްސަ ހިދުމަތްތަކަށް ނެގި ނަމަވެސް ވޯކް ވިސާގައި ނުވަތަ ލޯންގްޓާމް ވިސާގައި އުޅޭ މީހުންވެސް މުނިފޫހި ފިލުވުމާއ ފަންޑަމެންޓަލް ހިދުމަތްތައް ތަފާތުކުރުމަކާއި ނުލާ ލިބެން ޖެހޭނެ،" ސޯޝަލް މީޑީއާގައި ހިޔާލު ފާޅުކުރަމުން މީހަކު ބުނެފައިވެ އެވެ.

ރަނގަޅެވެ. ރާއްޖޭގައި އުޅޭ ބިދޭސީންނާ މެދު ނަސްލީ ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ ގޮތަށް ބަލައިލާއިރު އެއީ އާންމު އުސޫލުކެވެ. ރަސްރަނި ޕާކަކީ 800 އަށްވުރެ ގިނަ އަހަރުވަންދެން ރާއްޖޭގައި ރަސްކަން ކުރެއްވި ބޭބޭފުޅުން ރަސްކަން ކުރެއްވު ގަނޑުވަރުކޮޅުތައް ހުރި ތަނެވެ. އެތަންތަން ތަޅާލާ އެތަނުގައި "ސަލްޓަން ޕާކު"ގެ ނަމުގައި ޕާކެއް ތަރައްގީ ކުރީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގަ އެވެ. ހިތްގައިމު ރީތި ޕާކެއް އެތަނުގައި އޭރު ތަރައްގީ ކުރި ނަމަވެސް ފަހުން އައި ސަރުކާރުތަކުގައި އެތަނަށް މާބޮޑު އަޅާލުމެއް ނުދިނުމުން އެތަން ވީރާނާވެގެން ދިޔައީ އެވެ.

ދެވަނަ ފަހަރަށް އެތަން މަރާމާތުކޮށް ހިތް ފަސޭހަ ތަނަކަށް ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީނުގެ މި ސަރުކާރުންނެވެ. ވެރިރަށް މާލޭގެ އެންމެ ހާއްސަތަނަކީ އެއީ އެވެ. އެއީ މާލޭގެ ހިތެވެ. އެތައް އަހަރެއް ވަންދެން ރަސްކަން ކުރި ބިމުގެ އިތުރުން އެއީ މާލޭގެ ހަތަރު އަވަށް ކަމުގައިވާ ހެންވޭރާއި މާފަންނާއި މަންޗަންގޮޅި އާއި ގަލޮޅު ގުޅޭ ތަނެވެ. އެފަދަ ތަނަކަށް ވަންނަން ބޭނުންވާ ބިދޭސީންގެ އަތުން ފީ ނެގުމަކީ އެހެން ގައުމުތަކުގައިވެސް ބޭނުންކުރަމުންދާ އުސޫލުކެވެ. އަވަށްޓެރި އިންޑިއާ، ލަންކާ ފަދަ ގައުމުތަކުގައިވެސް އެފަދަ ޕާކުތަކަށް ބިދޭސީންނަށް ވަދެވެނީ ޓިކެޓް ނަގައިގެން ނުވަތަ ހާއްސަ ފީއެއް ދައްކައިގެންނެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން އެންމެ ގިނައިން ޒިޔާރަތްކުރާ އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ޗައިނާ ބޮޑުފާރަށްވެސް އެރެނީ ޓިކެޓް ނަގައިގެންނެވެ.

"ބޭރު މީހުންނަށް ޓިކެޓް ނަގައިގެން ވަދެވުމަކީ އެންމެ ރަނގަޅު ނިންމުމެއް، މިހާރުވެސް ކިތައް ޕާކު އެހެރީ ހިލޭ ވަދެވޭ، އެތަންތަނުގައި ބިދޭސީންނަށް ތިބެވޭނެ، މިހާރު އަހަރުމެންނަށް ދަރިން ގޮވައިގެން ހަމަޖެހިލައިގެން ޕާކުގައި ވަގުތު ހޭދަކުރެވޭނެ،" އެހެން މީހަކު ބުނެފައިވެ އެވެ.

"ބަލާބަލަ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކު، އެއޮއް ބޮޑު ތަނުން ބަންދު ދުވަހެއްގައި ދިވެއްސަކަށް ޖާގައެއް ނުލިބޭ، އަނެއްކާ މި ބިދޭސީން ކައިރިން ހިނގާލާފައި ދިއުމަކީވެސް އުނދަގޫކަމެއް، މުޅިތަން އޮންނާނީ ނުބައި ވަހަކުން އެއްވަސްވެފައި، ކުދިން ގޮވައިގެން އެތަނަށް ގޮސް އުޅޭއިރު އިށީނދެލާނެ ތަނެއް ނުލިބޭ،"

މާލޭގައި ފީ އަކާއި ނުލާ އެންމެނަށް ވަދެވޭ ޕާކުތައް އެބަހުއްޓެވެ. ފީއެއް ނަގަން ޖެހެނީ ރަސްރަނި ޕާކަށް ވަންނަން އެކަންޏެވެ. އެހެން ކަމުން އެތަނަށް ނުވަދެވުނަސް ބިދޭސީންނަށް ވެސް ހިތްހަމަ ޖައްސާލަން ދާނެ އެހެން ތަންތަންވެސް އެބަހުއްޓެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކަށްވެސް ދެވިދާނެ އެވެ. ރަސްރަނި ޕާކަށް ވަންނަން ބިދޭސީންނަށް ފީއެއް ދައްކަން ޖެހުނަސް އަދި އަގު ކަނޑައެއް ނާޅަ އެވެ. އެ ފީގެ ސަބަބުން އެތަނަށް ވަންނަ ބިދޭސީން މަދުވެ ދިވެހިންގެ ތަނަކަށް ރަސްރަނި ޕާކު ވާނެ އެވެ.