ހަބަރު

ކެސިނޯގައި 30 ދިވެހިން، އެންމެން އަލަށް!

ކޮލަމްބޯއިން: Mundoo Adam Halym
Aug 23, 2017
35

މައި ދޮރާއްޓާ ދިމާ ދެފަރާތުން ޕާކް ކޮށްލާފައި ވަނީ ބީއެމްޑަބްލިޔޫ ހުދު ކާރު ތަކެވެ. ކޯޓް ފަޓުލޫނާއެކު ދޮރުމަތީގައި ފަސް މީހަކު ތިއްބެވެ. އެމީހުންގެ ތެރެއިން ފުރޭނި، ހުޅުވާލާފައިވާ ފެންޑާގެ ރަން އަލީގެ ތެރެއަށް ގެއްލިގެން އެދަނީ އެހާ ދޮން، އެހާ ބިޔަ ފިރިހެނުންނެވެ. ލެވެންޑާގެ މީރުވަހުން އަހަރެންގެ ހިއްސުތަކަށް ވާން ކުރުވާފައި ބޮނޑި މަސްގަނޑު އުކަމުން ހީނލުމަކާ އޮޅިލުމަކާއެކު ވަދެގެން އެދަނީ އަދި މާ ދޮން ކުޑަކަޅުވާ ތަކެވެ. އެ ފަރިކަން ލޮލަށް ގެއްލުމަކީ ހިތާމައަކަށް ވެދާނެތީ އެންދެރި ކުލައިގެ އަހަރެން ވެސް ކުރިޔަށް ފިޔަވަޅު އަޅަނީ އެވެ. މިތަނަށް އަހަރެން ވަދެގެންދާއިރު ފަތުރާލާފައިވާ ރަން އަލީގެ ތެރެއަށް މިރޭ ފާޅުވާ ކޭތައަކަށް ވާނީ އިސްކޮޅު ނެތް ކުޑަކުޑަ މުންޑޫ އެވެ. ކޮލަމްބޯގެ މެދުތެރޭގައި 1998 ވަނައަހަރު ގާއިމުކޮށްފައިވާ މި ބެލާޖިއޯ ކެސިނޯއަކީ މި ސިޓީގެ ނައިޓްލައިފްގައި އެންމެ މަޝްހޫރު އަދި ބޮޑު މަގުބޫލު ކަން ހޯދާފައިވާ ގޭމިން އެރީނާ، ނުވަތަ ޖުވާހާނާ އެވެ. މައި ހޯލަކާއެކު ތަނަވަސް ދެ ފެންޑާ އެވެ. އިތުރު ފިޔަވަޅެއް ކުރިޔަށް ނާޅައި އަހަރެން މަޑުކޮށްލީ އެ މާހައުލުގައި ހައިރާންވެ އަންތަރީހާ ގާތްވުމުން ދެން ކުރާންވީ ކަމެއް ނޭނގިގެނެވެ. ކުއްލިއަކަށް އިސްކޮޅުން ދިގު މީހަކު އަހަންނާ ދިމާއަށް ގުދުވެލައި "ސާހިބާ" އޭ ގޮވައިލި އެވެ. ވަރަށް ވެސް އަދަބުވެރި އެވެ. ހިނިތުން ވެލީމާ ދެންވެސް އައީ ސުވާލެވެ.

"ސާހިބާ އެވެ! ކޮން ގައުމެއްތޯ އެވެ؟ ސާބިހާގެ ޕާސްޕޯޓް އެބައޮތްތޯ އެވެ؟ އަޅުގަނޑަށް ސާހިބާގެ އައިޑީ ކާޑް ބަލައިލެވިދާނެތޯ އެވެ؟"

"ނޫން، ޕާސްޕޯޓް ވެސް އައިޑީ ކާޑެއް ވެސް ނުގެނެވޭ!"
"ސާހިބާ ތިޔައީ ދިވެއްސެއްތޯ؟"
"އާދެ، އާދެ! ދިވެއްސެއް،"

އަހަންނަކީ ދިވެއްސެއްކަން ޔަގީންވުމާއެކު އެތެރެއަށް ވަދެގެންދިއުމުގައި ހުރަހެއް ނެތެވެ. ފުރަތަމަ ނަޒަރުން އަޅައިގަތީ އެންމެ ގާތުގައި ހުރި މޭޒެވެ. ބޮޑެތި އަދަދުން ފައިސާ ބަހައްޓައި ވަށާލައިގެން ބެޓް ކުރަމުންދިޔަ އެ މޭޒުގައި ދެމީހަކު ފިޔަވައި ދެންތިބީ ޔޫރަޕްގެ މީހުންނާއި އިންޑިއާގެ މީހުނެވެ. ޝަހުސިއްޔަތުގެ ގޮތުން ބޮޑެތި މަހުޖަނުންހެން ހީވެއެވެ. އެތަނުގައި ތަފާތު ބަޔަކަށް ތިބީ ދިވެހި އަންހެނެކާއި ފިރިހެނެކެވެ.

އަހަރެން ބަލާން ހުއްޓާ އޯޕަން ކުރި ބެޓްގައި ދިވެހި އަންހެންމީހާ އެއްފަހަރާ 30،000 ރުޕީސްއިން މޮޅުވެގެން އޭނާގެ ގާތުގައި އިން ދިވެހި ފިރިހެން މީހާގެ ގައިގައި އޮޅުލައިގަނެ އަތް ޖަހައިލީ "ހޭ މޮޅުވީ" އޭ ބުނަމުންނެވެ. ބުރުގާ އަޅައިގެން އިން ޒުވާން އަންހެން މީހާ އަތްޖެހި އިރު އޭނާގެ ދެ އަތުގައި އޮތް ރަންތަނޑިބައި ރޫޅިލައި އެއް ތަނޑު އަނެއް ތަނޑުގަނޑާ ތޮޅިލި އަޑު ކެސިނޯއަށް ފަތުރާލާފައިވާ މިއުޒިކުގެ ތެރެއަށް ވަދެ ހުސްވެގެން ދިޔައީ ރީތި ރާގެއް ހެނެވެ.

ފިރިހެން މީހާ އަހަންނާ ދިމާއަށް ބަލައިލީ މޭޒުގެ ވަށައިގެން އަހަރެން ހިނގަން ފެށިތާ އިރުކޮޅެއް ފަހުން ފިސާރި ބޮޑާ ކަމާއި ކިބުރުވެރި ކަމާއެކު އެވެ. ނަމަވެސް ކުއްލިއަކަށް ބަލާލާފައި އޭނާގެ ކިބުރިވެރިކަން ބަނޑަށް ވިރުވާލާފައި ފުންމައިގެން ތެދުވެ، "ބްރަދާ ކަލޭ ހެއްޔޭ؟" އަހައި އަހަރެންގެ ކަނާތު މުލަނދަޑީގައި ހިފައިފި އެވެ. އެހާ ބާރަށް މަގޭ މުލައްދަނޑީގައި މީހަކު އަދި ނުހިފަ އެވެ.

އެއީ ފޮނި ގޮތެއް ހުންނަ އަޅުގަނޑުގެ ގާތް ރައްޓެއްސެކެވެ. މެދުމިނުގެ ވިޔަފާރިވެރިއެކެވެ. ހޮޓާ ހިންގުމާއި އެހެންވެސް ބައެއް ވިޔަފާރިތަކުގައި ހިނގާ ނަމެކެވެ. ވިޔަފާރީގައި ވަރަށް ގިނަ ފަހަރަށް ވިދިފައި އަލުން ތެދުވެ ދުއްވައިގަންނަ މީހެކެވެ. އޭނާއާ ޖެހިގެން މަޑު ނުލަކާއި ގަދަ ރީނދުލެއް އެކުވެފައިވާ ބުރުގާއެއް ތެރޭގައި ފޮރުވިގެން އިނދެ، އިރުއިރުކޮޅާ އަހަންނަށް ބަލާލައި ތުއި ތަނޑީގެ ފަރިދައްކާން އިނީ ވިހި ބާވީހުގެ ޒުވާން އަންހެނެކެވެ. ވަރަށް ރަނގަޅަށް އޭނާ ދަންނަމެވެ. މާލޭގެ މަޝްހޫރު ފޮތި ފިހާރައެއްގައި ގައިމަށް ހައެއްކަ އަހަރު އުޅުނެވެ. ގާރީ ކޯހެއް ވެސް ހެދި އެވެ.

އެ މޭޒު ވަށާލައިގެން ތިބި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ ގާތުގައި ތަނޑި ދިގު، ރާ ގެލަހެއް ހުއްޓެވެ. -- ރާ ގެލަހަކީ ވައިންގްލާހެވެ. ގެލަސް ނަގާފައި އެވަނީ ގްލާސް އިންނެވެ-- އެކަމަކު އަހަރެންގެ ރަހުމަތްތެރި "ދެމަފިރިން" ކައިރީގައި ހުރީ އެންމެ ގެލަހެކެވެ. ދެ މީހުން ވެސް ބުއީ އެއް ގެލަހުންނެވެ.

މިތާގައި ދިގަށް މިވާ މެދު ފެންޑާގެ އެކި ދިމާއަށް ބަލަމުން ދިޔައިރު މޭޒެއްގައި ވަރަށް އަޑުގަދަ ކޮށްލައިގެން އުޅޭތީ ބަލައިލެވިއްޖެ އެވެ. ރީތިކޮށް ސާފުކޮށް އެތާނގައި އިނގިރޭސިން ޝަކުވާ އޮއްސަމުން ގެންދެވީ ދިވެހި ރާއްޖޭގެ ޒުވާން ބޭފުޅެކެވެ. ގޮތް ހުރި، މީހުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ބޭފުޅެއްގެ ބޭފުޅެކެވެ. ވަޒީފާގެ ގޮތުން އެއީ ފާޑެއްގެ ޑިޕްލޮމޭޓެކޭ ވެސް ބުނެވިދާނެ އެވެ.

އެ އެމެންގެ ތެރޭގައި ބިރެއްނެތި އޭނާ އުފުލާ ޝަކުވާއަކީ އޭނާގެ ބެޓް އޮޅުވާލައިގެން ބަދަލު ކޮށްފައިވާ ކަމަށެވެ. ނުބައި ގޮޅިއަކަށް އަރުވައި ޓައި ކުރުވުމުން އޭނާއަށް ގެއްލުން ވެފައިވާ ކަމަށެވެ. އެތިބަހާ އިސްކޮޅުން ދިގު ބިޔަ ބޮޑެތި މީހުންގެ މައްޗަށް އޭނާ އަޑު ގަދަކޮށްލާފައިވާތީ ފޭކޮށްލައިގެން އެތެރެއަށްވަދެ އެފަދަ މާހައުލެއްގެ ބަހުރުވައިން "ބްރަދާ ކިހިނެއްވީ ހެއްޔޭ؟" އަހައިފީމެވެ. އަހަރެން ހަމަ ފެނުމާއެކު މަޑުމަޑުން ހަމަ އިސްކޮޅަށް ތިރިވެލާފައިވާ "މީނދަ ޅއ މަކަރު ޖައްސައިގެން މަ އުޓުވާލީ" އޭ ބުނެފި އެވެ. އަހަންނަކަށް ހަމަ ވާނުވާއެއް އެއަކުން ނޭނގުނެވެ.

ސެކިއުރިޓީންނާއި މެނޭޖަރުން މުޅިތަން ވަށާލައި ދެ ފަރާތުގެ ވާހަކަ އަޑު އެހުމަށް ފަހު ނިންމީ ވިޑިއޯފުޓޭޖް ބަލާފައި ގޮތެއް ނިންމާށެވެ. ވީޑިއޯ ބަލައިގެން ނުކުތް ނަތީޖާއަކީ އޭނާގެ ޝަކުވާއަކީ އުފެދުމުގައި ބާތިލު ޝަކުވާއެއް ކަމަށެވެ.

އޭނާއާއެކު އަހަރެން އިރުގަނޑެއް ވަންދެން އުޅުނީމެވެ. އޭނާ ބެޓް ކުރައްވަނީ އެކި ފަހަރު އެކި ބޯޑުގަ އެވެ. ހުރިހާ ފެންޑާއެއްގައި ވެސް އުޅުއްވަ އެވެ. މުޅި މި ކެސިނޯއަށް ވަދެގެން އަންނަ ރީތިހާ ކުދިންގެ ތެރެއިން މަދު ކުއްޖަކު ނޫނީ އޭނާގެ ގައިގައި ބައްދާލާ ދޮނެއް ދީފައި ނޫނީ ނުދާކަން ފާހަގަ ކުރެވުނެވެ. މުޅި މި ކެސިނޯގެ ތެރޭގައި ވެސް އޭނާހާ އެކްޓިވްކޮށް ވައްތަރު ޖައްސަޖައްސާފައި ޖުވާ ކުޅޭ މީހަކު ނެތެވެ. އިރުއިރުކޮޅަށް ފުންމައި ގަނެ އެވެ. ހާލުން ހާލުން ދުއްވައިގަނެ އެވެ. ފާޑަކަށް ފެލިގެންފައި މާދުރުގައި ތިބޭ އަންހެނުންގެ ގައިވެސް އޮޅުލައިގެންފާނެ އެވެ. މިތަނުން ފެންނަ އިންޑިއާ ފާޑުގެ އިސްތަށި ބޯ ތުނބުޅި ހުރި ގިނަ މީހުން އޭނާއާ ދިމާއަށް ބަލަނީ ނުރުހުމުގެ ލޮލަކުންނެވެ. މިތާނގެ ސެކިއުރިޓީންނާއި މެނޭޖަރުންނާއި ސުޕަވައިޒަރުން އޭނާއަށް މުހާތަބު ކުރަނީ އަދަބުވެރި ކަމާއެކު މާތްކޮށެވެ.

އޭނާގެ ކިބައިން އަހަރެން ނެއްޓެން ބޭނުންވީ މާ ވާހަކަ ގިނަ ކަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މާ އަނގަ ގަދަވެގެން އުޅޭނީ އެއްޗެއް "ބޮވި" ގެނެވެ. އެކަމަކު ނަށާ ގެލަހެއްގެ ތަނޑީގައި އޭނާ ހިފިތަނެއް އަހަންނެއް ނުދެކެމެވެ. އެހެންވިޔަސް އެވަރަށް ސިނގިރޭޓް ހުލި ކުރި މީހަކު ވެސް ތަނަވަސް މި ކެސިނޯގެ ތެރެއަކުން ނުދެކެމެވެ. ހާދަ ސިނގިރޭޓެއްގައި އަލިފާން ރޯކުރިއެވެ.

މި ކެސިނޯގެ ތެރޭގައި ދިވެހިންގަނޑު ފުނިޖެހިފައި އޮތް ބޯޑުތަކާ ދިމާއަށް އަހަންނަށް ދެވުނީ އިރުގަނޑެއްވެ ކުޑައިކޮށް ވާނުވާ އެނގޭން ފެށި ފަހުންނެވެ.

އެނގުނީ ކޮން ކަމެއް ހެއްޔެވެ؟ އެއް ކަމަކަށް ބުއިންތައް ހިލެ އެވެ. ކެއުން ހިލެ އެވެ. ސިނގިރޭޓް ހިލެ އެވެ. ރަޖިސްޓްރީވީމާ ގެންގޮސް ގެނެސް ދިނުން ބީއެމްޑަބްލިޔޫ ކާރުގަ އެވެ. މައްޗަށް އޮތް ތަޅުމުގައި ހިލޭ ބަނޑު ފުރާލެވޭ ސުފުރާއެއް ކޮންމެ ރެއަކު ތައްޔާރުވެފައި އޮވެ އެވެ. ވަކި ގަޑިއަކަށް އަގު ދީފައި ހިލޭ ކޮށްލެވޭ ކުދީންނެވެ. ދިވެހިން ތޮއްޖެހިފައިވާ ދިމާއަށް އަހަރެން ދިޔައީ މަތީ ތަޅުމުގައި ކާނެ ވަރަކަށް ކާން އޮތް ސުފުރާއިން ރަނގަޅުހެން ހީވާ ދެތިން ކުކުޅު ފަޔާއި ބަތާއި އެކި ފާޑުފާޑުގެ ރިހަ އާއި ސަޓަނިން ތަށި ފަރުބަދަ އަކަށް ހަދާލައި އަތްލައި މޮޑެލައި ކައިގެނެވެ. ކެއީ އެހެން އެއްވެސް މީހަކު އުޅޭ ގޮތެއް ނުބަލައި އަހަރެން ގޮތުގައި ދެބަނޑަށެވެ. ކުކުޅުފައިތައް ކައިލުމުން އަހަރެންގެ ދުރު ދަތްތަކުގައި ހިފާލި ކުޅުކުޅު މަސްތައް ފިލުވާލައި ސާފުވެލަން ވަގުތުކޮޅެއް ނެގި އެވެ.

މިހާރު މިހުރީ މައި ފެންޑާގެ ކަނާތް ފަޅީފައި އޮންނަ ދިގު ފެންޑާގަ އެވެ. ވަރަށް ގާތުން އަޅައިގަތް މޫނެއްގެ ސަބަބުން ވަރަށް ކޮސްވެއްޖެ އެވެ. ކުޅިވަރުގެ މައިދާނުގައި ވަރަށް އަހުލާގު ހުރި، މިހާރު ރިޓަޔާކޮށްފައިވާ ސިނިއާ ކުޅުންތެރިއެކެވެ. ދެ ކުޅިވަރެއްގައި މެޑަލްތަކާއި ތަށިތައް ހޯދާފައިވާ އަދިވެސް ޒުވާންކަމުގައި ހުންނަ ސްޕޯޓްސްމަނެކެވެ. އަހަރެން ހަމަ ފެނުމާއެކު ޖީބަށް އަތް ޖަހާލައިގެން އޭނާގެ ނަލަ ހިނގުމުގައި ގާތަށް އަތުވެއްޖެ އެވެ. ގައިގައި ތަތްވެފައި އެވަނީ ގައިމުވެސް އަހަރެން ދަންނަ އޭނާގެ ރީތި އަންހެނުންނެއް ނޫނެވެ. އެކަމަކު އެއީ ކޮނޑާއި ބޮނބިފަޅިމައްޗާއި މޭމަތިން ބައެއް ގާތްގަނޑަކަށް ހިލޭ ކޮށްލާފައިވާ ރީތި ދިވެހި އަންހެން ކުއްޖެކެވެ. ތަތްވެލައިގެން ހުރި އިރު އޭނާގެ ކަނދުރާއާ ދިމާއަށްވާ ގޮތަށް މޭ މަތީން ޖަހާފައިވަނީ ޓެޓޫގެ ކޮކާލެކެވެ. އެ ކޮކާ ހީވަނީ ދޮން ހިސާބުން އުދުއްސައިގެންފާނެ ހެނެވެ. އެ ސްޕޯޓްސްމަން އަހަންނާ ވާހަކަ ދައްކަން ފެށުމާއެކު އަންހެންކުއްޖާ އަމިއްލައަށް "އަސްރާ އެބަ އަންނަން" ކަމަށްބުނެ ދުވެލާފައި ކަހަލަ ގޮތަކަށް އަރައިގެން ދިޔައީ މައްޗަށެވެ.

"ކޮން ކަމެއް؟" އަހަރެން އަހައިލީމެވެ.
"މިދެން ހަމަ ބަލައިލަން ވަދެލީ؟ މިކަން ވެސް އޮންނަންވާނު، އަލަށް މިއައީ،"
"އެއީ ކޮން ކުއްޖެއް؟"
"ނޭނގެ މިތަނުން މިރޭ ދިމާވީ!"
"އެހެންތަ؟ ގަދަ، ކުރިޔަށް ގެންދޭ"

ދެން ފެނުނީ ވަރަށް ރަނގަޅަށް ލިޔެ އުޅުނު ކުރީގެ ނޫސްވެރިޔެކެވެ. ދެހާސް އެގާރައިގެ ހިސާބުގައި ނިއުސް ކޮންފަރެންސްތަކުގައި ވަރަށް އަޑުގަދަ ކޮށްލި ތަންކޮޅެއް ދޮށީ އުމުރުގެ ނޫސްވެރިއެކެވެ. އެނގިފައިވާ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމާ ހަމައިން ރާއްޖެ ނައިސް މުޅީން އުޅެނީ ސްރީލަންކާގެ މިނިވަން ޖައްވުގަ އެވެ. އޭނާ ހުރީ ކާޑް ޖަހައިގެން ޖުވާ ކުޅޭ މެޝިނެއް ކައިރީގަ އެވެ. އަހަރެން ބަލާން ހުއްޓާ ކުޑަކުޑަ ފައިސާ ކޮޅަކުން 80،000 ރުޕީސް ހަދައިގެން އޭނާ ނައްޓާލަނީ އެވެ.

ލާރި ހަދާލައިގެން ނައްޓާލަމުން އަހަރެން ގައިގައި އޮޅުލައި ގެންފައި ފުރަތަމަ ބުނީ ނުކުޅެން ހެއްޔޭ އެވެ. އެއަށް ޖަވާބެއް ނުދެނީސް ބުނި އެއްޗަކުން އަހަރެން ވަރަށް ހައިރާންވި އެވެ. މިތާނގެ ތެރެއިން މިހާތަނަށް ބައްދަލުވި ކޮންމެ ދިވެއްސަކު ވެސް ބުނަނީ ވަނީ ބަލައިލަން އަލަށް ކަމަށެވެ. އެކަމަކު އެހެން ވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން ލޯމަތީގައި އެންމެން މިއޮށް ޖުވާ ކުޅެނީ އެވެ. ޖެހުނު އެއްޗެއް ބޮނީ އެވެ. ޒުވާބު ކުރަނީ އެވެ. ގާގޯޅިވެ ލެނބެނީ އެވެ.

ދެންވެސް ބައްދަލުވީ އާދައިގެ ނަމެއް ނޫނެވެ. މަޝްހޫރު އެއް ކެމެރާމަނެވެ. ކެމެރާ ކުރީ އޭނާއޭ ބުނެފިއްޔާ ދިވެހިން ކޮޅަށް ތެދުވެލައި އަތްޖަހާލާނެ ފަންނާނެކެވެ. ރަނގަޅު އާއިލާއެއްގެ، އަދި ރަނގަޅު އާއިލާއެއް ބިނާކޮށްފައިވާ މިހާތަނަށް އަހަންނަށް އެނގިފައިވާ ގޮތުން ދުވަހަކުވެސް ހަޑިއެއް ހާވާފައި ނެތް މީހެކެވެ. އޭނާގެ ވާހަކަ ގެންދިޔައީ ސީދަލަށެވެ.

"މާތްކަލާކޯ އާދަނު މިތަނަށް ވެއްދީ ކާކު؟" އެ ސުވާލު ކުރަމުން އޭނާ އިނގިލި ޖެއްސީ އަހަރެން ގޮވައިގެން ދިޔަ މީހާގެ މޭމަތީގަ އެވެ. އެއީވެސް މަޝްހޫރު ނަމެކެވެ. އޭނާގެ ދިން ޖަވާބަކީ މިއީ އެވެ:

"ކެސިނޯތަކަށް ޓާކޫރު ހެދިފައި ޝަކްތީ ކަޕޫރު ވަންނަ އިރު ހުންނަ ގޮތަށް ހުދު ބޫޓަށް އަރައިފައި ހުރީ އަހަރެމެން ދެމީހުންގެ ތެރެއިން ކާކު؟ އާދަނުދޯ ހުދު ބޫޓުގައި ހުރީ،"

އަހަރެމެން ހެމުން ހެމުން ދިޔައިރު ފުރުޓް ތައްޓަކާއެކު މޭޒެއްގެ މަތީގައި ރާ ގެލަހެއް ބަހައްޓާލައިގެން ބޮމުން ބެޓް ކޮށްގެންހުރި ޒުވާން ދިވެހި ފިރިހެން ކުއްޖަކާއި އެ އުމުރުގެ އަންހެން ކުއްޖަކު ވަރަށް ކައިރީގައި ތިއްބެވެ. އޭގެ ތެރެއިން ފިރިހެން ކުއްޖާއަކީ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ކުރީގެ ސަރުކާރަކުން އިއުލާނުކޮށްފައިވާ ލިސްޓެއްގައި ޖަހައިގެން އުޅުނު ޒުވާނެކެވެ. އޭނާ ވަރަށް ޑައިރެކްޓްކޮށް އަހަރެންގެ ގައިގައި ބަހަކުން ލަޑައިލި އެވެ.

"މާލޭގައި އަހަރެމެން 2000 އަށް، ފުޅި ގަނެ އަންބޮޑިއަށް ފިއްތައިގެން ނުބޮވޭތީ، މިތަނަށް އައިމަ ވެސް ފަހަތުން ތި އަންނަނީއޭ! ދެން ގޮސް ކީކޭ ލިޔާނީ؟"

"މިތަނުން ބްރަދާއަށް ފެނުނު އެއްޗެއް ބްރަދާއަށް ބޮވެންޏާ، މިތަނުން އަހަންނަށް ފެނުނު އެއްޗެއް އަހަންނަށް ވެސް ލިޔެވޭނެ! ފެނުނު އެއްޗެއް ލިޔާނީ،"

ނުބައި މާހައުލެއްގައި ނުބުނާންވީ އެއްޗެއް ބުނެވިއްޖެހެން ހީވުމުން އެއްފަރާތްވެލައި ބޮޑު މަންޒަރުގެ ތެރެއަށް ފޭދިފައިވާ ދިވެހިން ފާހަގަ ކޮށް ގުނާލަން މަޑުކޮށްލީ އެވެ. ފަރުވާތެރި ކަމާއެކު ފަށްފަށް ކޮށްލައިގެން ހަތަރު ފަހަރު ބޯހިމެނުމުން އަހަންނާއެކު 30 ދިވެހިން ހަމަވެ އެވެ. އޭގެ ތެރޭގައި ވަރަށް ރަހުމަތްތެރި ފަސް މީހަކާއި ދެކެ ފަރިތި ދޮޅަހަކަށް މީހުން ހިމެނެ އެވެ. ދެން ތިބީ އުމުރުން ތަންކޮޅެއް ދުވަސްވީ ފިރިހެނުންނާއި ދެ ޖިންސްގެ ވަރަށް ޒުވާން ދިވެހިންނެވެ. ފެންޑާތަކުގެ ތެރެއަށް ފެތުރި ގަނެ، ނަށާ ގެލަސް ހިފައިގެން އުޅޭތީ ފެނުނީ އެ ކުދިންނާއި ބުރުގައި އަޅައިގެން އުޅުނު ޒުވާން ދެ އަންހެނެކެވެ.

އެންމެންގެ ތެރޭގައި ރާ ބޮއި މަސްތުވެ، ވާނުވާގައި އުޅުނީ އެންމެ ދެމީހެކެވެ. އެކަކީ ވަރަށް އާދަޔާހިލާފު މީހެކެވެ. ފަޓުލޫނާއި ގަމީހާއި ބޫޓުވެސް އޭނާގެ ހުދެވެ. އެހެން ކުލައެއް ގައި އޮތީ އޭނާގެ ކަރުގައި ނަންނުގައްޗެއްހެން އޮޅާފައިވާ ފަލަ، ބަރު ރަންފަށެވެ. އަނގަ ހުއްޓާ ނުލައި ތަޅުވަ އެވެ. އޭނާގެ ގެލަަސް އަހަރެންގެ މޭގައި ޖައްސާފައި "ބޮއި ނުލާނަން ހެއްޔޭ؟" ދެފަހަރަކަށް އެހި އެވެ. އަހަރެން ދާ ކޮންމެ ތާކު އޭނާ ހުރެ އެވެ. އެވަރަށް ރަކިހިނި ހީފައި ބެޓްތަކުގައި ބަލިވާ މީހުނަށް މަލާމާތް ކުރެ އެވެ.

ބެލާޖިއޯގެ މި މާހައުލުގައި އެނގުން ވެލާ ވަރަށް އަހަރެން ގައިގައި އުނގުޅިލާފައިދާ ޔޫރަޕްގެ ގިނަ ކުދިންނަކީ ރަޝިޔާ އާއި ޔޫކުރޭނަށް ނިސްބަތްވާ ވިހި ފަންސަވީސް އަހަރުގެ ކުދިންނެވެ. އިންޑިއާގެ ކުދިންނާއި ޗައިނާގެ ކުދިންނެވެ. މަދުމަދުން މިރަށުގެ ކުދިން ފެނުނު އިރު ދެން އެންމެ ގިނައީ ދިވެހިންނެވެ.

ދިވެހިންގެ ތެރެއިން ބޮޑެތި އަދަދުތަކުން ބެޓް ކުރާތީ ފެނުނީ އެންމެ މީހެކެވެ. ހަބަރު ބަލައިލި އިރު އޭނާއަކީ ޖުވާ ކުޅުމުގައި ވަރަށް ކާމިޔާބު މީހެކެވެ. ދެ އަނބިން ގެންގުޅުއްވާ ވިޔަފާރިވެރި އެކެވެ. އަހަންނެއް ނުދަންނަމެވެ. ދެން ފެނުނަސް އެނގޭނެހެނެއް ވެސް ހީއެއް ނުވެއެވެ. އެހެން ގިނަ މީހުން ފަށަނީ 25000 ރުޕީސް ގެ ބެޓަކުންނެވެ. އަޑު އަރާފައި އޮންނަ ގޮތަށް މިރެއަކު އަހަންނެއް ރާއްޖޭގެ ޕާލަމެންޓްގެ އެއްވެސް މެންބަރެއް ވެސް އަދި ޖުވާ ކުޅޭ ކަމަށް ތުހުމަތުކޮށް ނަން މަޝްހޫރު ކޮށްފައިވާ އެއްވެސް މީހަކު ވެސް ނުދެކެމެވެ.

މި ތަނަށް އަހަންނަށް ވަދެވުނީ ގަޑީން ނުވައެއް ޖަހައި ބައިގަޑީގަ އެވެ. މިހާރު 12 ޖަހައި ބޮޑުވީ އެވެ. ދެ ފަހަރަކަށް އަހަރެންގެ ފޯނަށް އަންހެނުން ގުޅުމުން ދެން ގެއަށް ދާންވެއްޖެ ކަމަށް ނިންމީމެވެ. އެހެންނަމަވެސް މުޅީން އަލަށް އަހަރެން ގޮވައިގެން މިތަނަށް އައި މީހާ ނުކުންނާކަށް ނޫޅެ އެވެ. ޖުވާ ކުޅޭކަށް ވެސް ނޫޅެ އެވެ. އޭނާ ކުރާ ކަމަކީ ބައެއް ދިވެހިންގެ އެދުމަށް 25،000 ރުޕީސް އާއި 20،000 ރުޕީސް އިން ދީފައި އެ މީހުން ކުޅޭތަން ބަލަން ހުންނަނީ އެވެ. އަދި ކުޅޭނެ ގޮތް ކިޔައިދެނީ އެވެ. އޭނާގެ ޖީބުގައި މާ ފައިސާ ގިނައީ އެވެ.

މިތާނގެ ތެރެއިން ފެނުނު ދިވެހިންގެ ތެރެއިން މޮޅެއް ވެގެން ނުކުމެގެން ދިޔައީ އެންމެ މީހެކެވެ. ބާރަޖަހާ ބޮޑުވި އިރު އެހެން އެންމެން ކަހަލަ ގޮތަކަށް ތިބީ ހުސްވެ ވިދިފަ އެވެ. މި ގޮތް މެދުވެރިވީމާ ކިޔައި އުޅެނީ އަތްމަތި ހުލިވެ ވިދުނީއޭ އެވެ. އެކަމަކު މިހާލަތުގައި ބޭނުން ކުރާ އާ ބަހެއް މިރޭ ދަސްވެއްޖެ އެވެ. އެންމެވެސް ބުނީ މިހިރީ "އުޓިފަ" އޭ އެވެ. ފަހުން އެނގުނު ގޮތުގައި އެއީ ކެސިނޯގައި ވިދި އަތްމަތިން ހުސްވުމުން ދިވެހިން ކިޔައި އުޅޭ ބަހެކެވެ. ހުރިހާ އެންމެ އުޓިގެން ރާ ގެލަސް ތަކާ ދޮން ކުދިންގެ ގައިގައި ކޭއްތެމުން ބައްދަމުން ނައްޓަމުން ދިޔައިރު އަހަރެން މަޑުމަޑުން އެއް ފަރާތްވެލައިގެން ނުކުންނަން ހިނގައިގަތް އިރު ސްރީލަންކާގެ ގަޑިން ދަންވަރު އެކެއް ޖަހައި ބޮޑުވެއްޖެ އެވެ. އަހަރެން ނައްޓާލަނީކަން އެނގުމުން އެކުގައި ވަން މީހާ ވެސް ފަހަތުންހުރެ އާދެ އެވެ.

"ސާހިބާ! ހިތްޕުޅު ހަމަޖެހުނުތޯ އެވެ؟" ނުކުންނަ ބިޔަ ދޮރާ ހަމައިން އެ ދޮރާށީގެ އިސްކޮޅުހާ ބިޔަ މީހަކު ގުދުވެލައި އަހަންނަށް ސުވާލު ކުރި އެވެ.

"އާދެ، އާދެ! ވަރަށް ހެޔޮފުޅު" އަހަރެން ބުނީމެވެ.

ތަނޑިދިގު ރާ ގެލަސްތަކާއި ރަން އަލީގެ ތެރެއަށް އުކާލާފައިވާ ދޮން ކުދިންގެ ތެރެެއިން ނުކުމެގެން މިދަނީ ވަރަށް ޖެލަސްވެ ހުރެއެވެ. އަލަށް މިކަހަލަ ކެސިނޯއަކަށް ވަން ރޭ ހިތް ތަޅުވައިލި ދޮން ކުޑަކަޅުވާތައް ލޯމައްޗަށް ގެއްލޭތީ އޮތް ޖެލަހެކެވެ. އަހަންނާ އެކު އޭތާނގެ ތެރޭގައިއުޅުނު އަނެއް 29 ދިވެހިން ބުނާ ގޮތުން އެމީހުން ވެސް ވަނީ އަލަށެވެ. އެކަމަކު މިހާރު އެތިބަގޮތުން ހީވަނީ އާކަން ކެނޑިފައި ތިބިހެނެވެ.