ހަބަރު

"ހުކުމް އަވަސް ކޮށްދޭން އެދުމަކީ ސުޕްރީމް ކޯޓާ ބެހުމެއް ނޫން"

ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް އަވަސްކޮށްދޭށޭ އެދުމަކީ އެކޯޓުން ކުރާ މަސައްކަތާއި ބެހި ނުފޫޒު ފޯރުވުމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ރައްދު ދެއްވައިފިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވިއިރު، ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީއަތާއި ގުޅޭ ކަންކަމުގެ ބަޔާންތައް މީޑީއާގެ ވަސީލަތްތަކުގައި ޝާއިއު ކުުރުމަކީ މަނާ ކަމެއް ކަމަކަށް ވާތީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ތަކުރާރު ނުކުރުމަށް އަދި އެ ފަދަ އަމަލުތައް ކުރާ ފަރާތްތަކަކީ ގާނޫނީ ވަކީލުން ކަމުގައިވާނަމަ އެ ވަކީލުންގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީ ގޮތަކަށް ބާތިލް ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ވަކީލުކަން ވެސް ކުރައްވާ އަލީ ހުސައިން މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސްކޮށްދޭން ގޮވާލަނީ އެ މައްސަލައިގެ ހުކުމަށް ރާއްޖޭގެ އެންމެން އިންތިޒާރުކުރާތީ ކަމަށެވެ.

"... ހަގީގަތުގައި މުޅި ދިވެހި ގައުމު، މުޅި ދިވެހި އުއްމަތް މިއަދު އެމައްސަލަޔަކަށް ޓަކައި އިންތިޒާރުކޮށްކޮށް މިތިބެނީ، ހުކުމަށް ޓަކައި މުޅި ގައުމު އިންތިޒާރުކުރަމުން މިދަނީ، ގައުމުގެ ހުރިހާ މުއައްސަސާތަކާ އިދާރާތައް ހަގީގަތުގައި އެހުމަކަށް އިންތިޒާރުކުރަމުން މިދާ ހުކުމް ނެރެނީ ކޮން ދުވަހަކުންތޯ އަޅުގަނޑުމެން މި ސުވާލުކުރަނީ، އެހުކުމް އަންނަން އެބެޖެހޭ، އެހުކުމް ނެރުއްވަން އެބަ ޖެހޭ އަޅުގަނޑުމެން މި ދަންނަވަނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނަކީ ބިރު ވަކީލުންނަށް ބިރު ދައްކަން ނެރުނު ބަޔާނެއް ކަމަށް އަލީ ސިފަކުރެއްވިއެވެ. އަދި އެ ޑިޕާޓްމަންޓް އޮތީ ކާކުގެ ބާރުގެ ދަށުގައި ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތަށް ނެރޭ ބަޔާނުން މަސައްކަތަށް ހުރަސް ނޭޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ފަނޑިޔާރުގެއަށް ނުފޫޒުފޯރުވަން މަސައްކަަތް ނުކުރައްވާ ކަމަށާއި ކޯޓުގެ އަގުވައްޓައިލަން ވެސް އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ.

"އެހެންވީމާ އެޒާތްޒާތުގެ ބަޔާންތައް ނެރެލައްވައިގެން، އެއްގޮތަކަށް ވެސް އަޅުގަނޑުމެން މިކުރަން އުޅޭ މަސައްކަތަށް ހުރަސް އަޅުއްވަން އުޅުއްވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.