ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ވަގަށް ގޮވުމަށް ދެން އިދިކޮޅު ފަރާތްތަކަށް ލާހިކު ނޫން ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ވެސް ކޮރަޕްޝަން ހިންގި ކަމަށާއި ކޮރަޕްޝަން ހިންގީ "ގޯނި ގޯނީ" ގައި ކަމަށެވެ. ރައްޔިތުންގެ ފައިސާއިން މުޅިން ވެސް އެމްޑީޕީ ސަރުކާރު ވެފައިވަނީ ހިޔާނާތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައްޔިތުންނަކީ ގމރނ ނެއް ނޫނޭ، ހަމަ ދައްކާ ވާހަކައެއް ގަބޫލުކުރާކަށް، ފާޑުފާޑު ޖަގަހަ ހަދައިގެން ރައީސް ޔާމީނާ ދިމާއަށް ވަގަކަށް ނުގޮވޭނެ، ލާހިކެއް ނޫން ދެން ގޮވާކަށް، ރައްޔިތުންގެ މަޖިލީހުގައި ވެސް ދެން ވަގަށް ގޮވަން ހަދާނެ ކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ރަޝީދު ވިދާޅުވީ، ސަރުކާރު މެންބަރުންނާ ފޮށިގެން ދެން ބައްޔެއް ނުކުރެވޭނެ ކަމަށާއި ދައްކާނެ ވާހަކަ އާއި ގޮވާނެ އެއްޗެހި އެ ބޭފުޅުންގެ އަތުގައި ވެސް އެބަހުރި ކަމަށެވެ. ޔާމީން ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނިސްބަތްކޮށް، ވަނަންތައް ބޭނުން ކުރައްވާފަ އެވެ.
"އަޅުގަނޑުމެން ލައްވާ ފާޑުފާޑު ރާގަށް ވާހަކަ ދައްކުވަން ދެން ހަދާނެ ކަމެއް ނެތް، އަޅުގަނޑުމެން ދަންނަވާނެ ވާހަކައަކީ ޕިޒިކަލް ވަންޏާ ޕިޒިކަލް ގޭމް ރޭވުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ވެސް އޮންނާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ކޮރަޕްޓް، ހުދުމުހުތާރު ޕާޓީއެއް ކަމަށެވެ. އޭނާ އެ ޕާޓީން ނުކުމެގެން އައީ އެ ޕާޓީގެ "ކަޑަ" ކަމުން ކަމަށެވެ.