ރިޕޯޓް

ކިޔޫތައް ނައްތާލަން ދިވެހި ބޭންކުން މިހޯދީ ސަޅި ހައްލެއް

ހަލާކުވެފައި އޮތް ވިސާ ޑެބިޓް ކާޑު ކޮންމެހެން ވެސް އާ ކުރަން ޖެހިއްޖެ އެވެ. އެތައް ދުވަހެއް ވީއިރުވެސް މިހާތަނަށް މިކަމެއް ނުކުރެވި މި އޮތީ ބްރާންޗަކަށް ގޮސް ކިޔޫގައި މަޑުކޮށްގެން އެކަން ކުރަން އަދި ފުރުސަތެއް ނުލިބިގެންނެވެެ. ނަމަވެސް އީދު ޗުއްޓީއަށް ބޭރަށް ޖައްސާލަން ވެފައި އޮތުމުން މިކަން ނުކޮށް މިފަހަރަކު ވާކަށް ނެތެވެ. އޮފީހަށް ދާއިރު އަމީނީ މަގުގައި ހުންނަ، މާލޭ ސްކުއާ (ކުރީގެ ގާކޮށި) ގައި ބީއެމްއެލް އިން ދާދި ފަހުން ހުޅުވި ކަސްޓަމަ ސާވިސް ސެންޓަރަށް އަވަސް އަވަހަށް ގޮސް ވަދެފީމެވެ. ބޭރުން ބަލާއިރު އެތަނުގެ ތެރޭގައި ހިދުމަތް ހޯދަން މާގިނަ ބަޔަކު ނެތެވެ. ހީކުރީ މާ ހެނދުނު ވީމާ ކަސްޓަމަރަކު ވެސް ދެން ނެތީ ކަމަށެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާ އެކު ބޭންކްގެ މުވައްޒަފަކު މަރުހަބާ ކިޔަމުން އަހަންނަށް ދައްކާލީ މޫނު ޖެހޭ ގޮތަށް ހަރުކޮށްފައި ހުރި ސްކްރީން ތަކެކެވެ. 

"ބޭނުންވަނީ ކޮން ޚިދުމަތެއްތޯ؟" ސްކްރީން ދައްކާލަމުން އެ މުވައްޒަފު ސުވާލުކުރި އެވެ. ކާޑެއް އާކޮށްލަން ކަމަށް ބުނުމުން އޭނާ އެދުނީ އެ ސްކްރީން މެދުވެރިކޮށް ހިދުމަތަށް އެދޭށެވެ. ސްކްރީންގައި އައިޑީކާޑު ނަމްބަރާއި ބޭނުންވާ ހިދުމަތް ޖަހާލުމުން އަހަރެންގެ ފޮޓޯއެއް އަމިއްލައަށް ސްކްރީން އިން ނަގައި ސިސްޓަމަށް ފޮނުވާލި އެވެ. "ގޮނޑީގައި އިށީންނަވާ" އެތެރޭގައި ހުރި ސޯފާ ގޮނޑިތަކެއް ދައްކާލަމުން ބޭންކުގެ މުވައްޒަފު ބުންޏެވެ. 

ކޮންމެ ކޮފީ މޭޒެއް ކައިރީގައި އެކަހަލަ ތިން ގޮނޑި ހުރިއިރު އަހަންނާ ޖެހިގެން ހުރި މޭޒުގައި ވެސް ދެތިން މީހަކު އިށީންދެ ލައިގެން ތިއްބެވެ. ގާތްގަނޑަކަށް ދެ މިނެޓެއްހާއިރު ތެރޭގައި، ބޭންކްގެ މުވައްޒަފަކު އައިސް އަހަރެންގެ ނަމުން ސުވާލުކޮށްލި އެވެ. "ޑެބިޓް ކާޑް އާކޮށްލަން ދެއްތޯ؟، އެޕްލިކޭޝަން ފޯމާއި އައިޑީ ކާޑު ކޮޕީ ގެނައިންތޯ؟ އަޅުގަނޑު އަތަށް ދެއްވާ ފޯމާއި އައިޑީ ކާޑު ކޮޕީ،" އަޅުގަނޑުގެ މޭޒު ކައިރީގައި ހުރެ އޭނާ ފޯމް ބެލުމަށް ފަހު އިރުކޮޅަކަށް މަޑުކޮށްލަ ދިނުމަށް އެދުނެވެ. ޖެހިގެން ތިބި މޭޒުގައި ތިބި ކަސްޓަމަރުންނަށް ވެސް ބޭންކްގެ މުވައްޒަފުން އޭރު ވެސް ދިޔައީ އެހީތެރިވަމުންނެވެ. އެތަނުގެ އެއް ކަނެއްގައި ކާޑް ބޭނުންކޮށްގެން ކޮފީ ގަނެވޭ ވެންޑިން މެޝިނެއް ވެސް ބަހައްޓާފައި ހުއްޓެވެ. މި ކަސްޓަމާ ސާވިސް ސެންޓަރު ފައްކާކޮށްފައި މި އޮތީ އެއާޕޯޓް ލައުންޖް ފެންވަރުގަ އެވެ. ރާއްޖޭގެ އެއްވެސް ބޭންކަކުން މިހާތަނަށް މިފަދަ ގޮތަކަށް ހިދުމަތް ދީފައެއް ނެތެވެ.

ދެތިން މިނެޓް ތެރޭގައި ކުރިން ވާހަކަ ދެއްކި މުވައްޒަފު އެނބުރި އައިސް، ކާޑަށް އެޕްލައި ކުރެވިއްޖެ ކަމާއި ފަސްދުވަސްތެރޭ ކާޑު ތައްޔާރުކޮށްފައި އެސްއެމްއެސް މެދުވެރިކޮށް އެންގުމުން ހަމަ އެ ސެންޓަރަށް އައިސް ކާޑު ނަގަން އެދިފައި އޭނާ ގޮސްފި އެވެ. ކާޑަށް އެޕްލައިކުރުމަށް މުޅި ޖުމްލަ ހޭދަވީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓެވެ. ހިތައް އެރި އެވެ! ބީއެމްއެލްގެ ހިދުމަތްތައް ހާދަ ސަޅި ކޮށްލައިފި އެވެ. ކޮފީއެއް ބޯލަން އިނދެގެން ބީއެމްއެލްގެ ހިދުމަތް މިހާރު ހޯދާލަންވީ އެވެ. މީގެ ކުރިން ބީއެމްއެލްގެ މިކަހަލަ ހިދުމަތަކަށް އެދޭ ނަމަ އެތައް އިރަކު ކިޔޫގައި މަޑު ކުރަން ޖެހެ އެވެ. އެކަމަކު ބީއެމްއެލް އިން މިފަހުން މި ގެނައި އާ ސާވިސް ސެންޓަރުން މި ވަނީ އެ ކަމަށް ފަރުވާއެއް ހޯދައިދީފަ އެވެ. 

"މިއީ ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ގެނައި ބަދަލެއް. އަދި ހަމައެހެންމެ އަޅުގަނޑުމެން މިވަނީ މި ސެންޓަރ ހުޅުވާފައި ހުންނަ ވަގުތު ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހަމަޖައްސާފައި. މި ސެންޓަރުގެ އެންމެ ޒަމާނީ ސެޓްއަޕް އާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް މިވަނީ ރަނގަޅު ބަދަލެއް ގެނެވިފަ." ބީއެމްއެލްއިން އަލަށް ތައާރަފްކުރި ކަސްޓަމާ ސާވިސް ސެންޓަރާ ގުޅޭ ގޮތުން ސުވާލުކުރުން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ސެންޓަރުން އެވްރެޖްކޮށް ދުވާލަކު 600 ކަސްޓަމަރުންނަށް އަންނަނީ ހިދުމަތް ދެމުން އެވެ. އަދި މި ސެންޓަރު ހުޅުވުނު ދުވަސްތަކުގައި މި އަދަދު 900 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. އެހެން ނަމަވެސް ހިދުމަތް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރަމުން ދާތީ، އަދި ހިދުމަތް ފައްކާކޮށްފައިވާ ގޮތުން، އެތަނުގެ ތެރޭގައި މީހުން ތޮއްޖެހިފައެއް ނޯވެ އެވެ. އަދި އެތަނުން ހިދުމަތް ހޯދާ އެންމެން ވެސް ނިކުމެގެން ދަނީ އުފަލާ އެކު ހިތްހަމަޖެހިގެން އެވެ. އެ ސެންޓަރު މެދުވެރިކޮށް، ޗެކްފޮތް ނެގުމާއި ޗެކްފޮތަށް އެދުމާއި އެކައުންޓް ސްޓޭޓްމަންޓް ނެގުން އަދި ކްރެޑިޓާއި ޑެބިޓް ކާޑާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ދެ އެވެ. އަދި މީގެ އިތުރުން އިންޓަނެޓް ބޭންކިން އެޕްލިކޭޝަންސް ވެސް ބަލައިގަނެ އެވެ.

"ކަސްޓަމަރުންގެ ފަރާތުން ވެސް ލިބޭ ފީޑްބެކް ވަރަށް ރަނގަޅު. މިހާރު ކަސްޓަމަރުން އަވަސް ޚިދުމަތެއް ލިބިގަތުމަށްފަހު މިދަނީ ވަރަށް އުފާވެރި އަދި ހިތްހަމަޖެހޭނެ ފަދަ ތަޖްރިބާއެއްވެސް ކޮށްފަ. އަޅުގަނޑުމެންގެ މުވައްޒަފުންވެސް މި ދައްކުވައިދެނީ ޚިދުމަތް ދިނުމުގައި ނަމޫނާ މިސާލެއް." ސައީދު ވިދާޅުވި އެވެ.

ޓްވިޓާގައި ދިވެހި ކުންފުނިތަކުގެ ހިދުމަތްތަކަށް އާންމުކޮށް ފާޑުކީ ކަމުގައިވިޔަސް ބީއެމްއެލް ކަސްޓަމާ ސަރވިސް ސެންޓަރަށް ލިބިފައިވަނީ ސަތޭކައަކުން ސަތޭކަ އެވެ. އެންމެން ދައްކަނީ އެ ތަނުގެ ހިދުމަތާމެދު އަވަސް ކަމާއި ހިތްހަމަ ޖެހުމުގެ ވާހަކަ އެވެ. އުއްމީދުކުރި ވަރަށް ވުރެ މާ ބޮޑަށްވެސް ރަނގަޅު ހިދުމަތެއް ލިބުނު ވާހަކައެވެ. ކޮންމެ ކަސްޓަމަރަކު ވެސް ކަސްޓަމާ ސާވިސްސެންޓަރުން ނިކުންނަނީ އަވަސް ހިދުމަތެއް ލިބުމުގެ ހިތްހަމަޖެހުމާ އެކު ހިނިތުންވެ ހުރެ އެވެ.

ކޮންމެ އަކަސް ދިވެހި ރާއްޖޭގެ އެހެން ކުންފުންޏަކުން އަދި މިހާތަނަށް ބީއެމްއެލް އިން މިދޭވަރުގެ ސަޅި ހިދުމަތެއް ނުދެ އެވެ. ކަސްޓަމަރުން ކިޔޫގައި ޖައްސައިގެން ރުޅިގަދަވާ މައްސަލައަށް، ފަހުގެ ޓެކްނޮލޮޖީ އާއި ހީވާގި މުވައްޒަފުންނާއެކު ބީއެމްއެލް އިން މި އޮތީ ވަރުގަދަ ހައްލެއް ހޯދައިދީފަ އެވެ. މިއީ ކަސްޓަމަރުންނަށް ދޭ ހިދުމަތަށް ބީއެމްއެލް އިން ގެނައި އިންގިލާބީ ބޮޑު ބަދަލެކެވެ. ބީއެމްއެލް އިން މިގެނައި އިންގިލާބީ ބަދަލު އެހެން ކުންފުނިތަކުން ވެސް ނަމޫނާއަކަށް ބަލަން ޖެހެ އެވެ. 

ފޮޓޯއިން: