އޮލިމްޕަހުގައި އެންމެ ގިނައިން މީހުން ރޮއްވާލާ އެކަަކީ ޕްރޮޑިއުސަރު / ޑައިރެކްޓަރު ފާތިމަތު ނަހުލާ އެވެ. ނަހުލާގެ އާ ފިލްމު ބޮސް އަކީވެސް އަސަރުން ފުރިގެންވާ ފިލްމެކެވެ. ފިލްމުގެ މަންޒަަރުތައް ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ފިލްމަކީ އަސަރުގަދަ ފިލްމެއް ކަން ޔަގީންވި އެވެ. އެކަމުގެ އިތުުރު ހެއްކެއް އަނެއްކާވެސް ލިބިއްޖެ އެވެ.
ބޮސް ގެ ޕްރޮޑަކްޝަން ޓީމުން މީގެ ދެ ދުވަހެއް ވަރު ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުރު ވީޑިއޯ ކޮޅެކެވެ. ފިލްމުގެ މަންޒަރެއް ނޫނެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިންގައި ޑައިރެކްޓަރު އައިޝަތު ރިޝްމީ އަދި ކްރޫގެ ބައެއް މެންބަރުން ރޯ މަންޒަރެވެ. ރިޝްމީ އިންނަނީ މަންޒަރުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ އެވެ. ވީޑިއޯ ކުރާކަން އެނގުމުން ހޭންވެސް ފަށަ އެވެ. އެކަމަކު އެއަށްވުރެ ބޮޑަށް އޭނައަށް އިންނަނީ ރޮވިފަ އެވެ.
ބޮސް އަކީ ލޯތްބާއި ހިތާމަ ފެނިގެންދާ އަސަރު ގަދަ ފިލްމެކެވެ. އެ ފިލްމުގެ ލީޑޤ ރޯލުން ފެނިގެންދަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ކުރީގައި އުޅޭ ބަަތަލާ މަރިޔަމް އައްޒަ އަދި މުޅިން އާ ތަރިއެއް ކަމަށްވާ މުހައްމަދު ޔުނާނެވެ. އެދެ ތަރިންގެ ހުނަރާއި ކެމިސްޓްރީ އާ މެދު ޕްރޮޑަކްޝަން ޓީމު ތިބީ ހިންހަމަޖެހިގެންނެވެ.
އައްޒަ އަދި ޔުނާނާއެކު މި ފިލްމުން ދެން ފެނިގެންދާނީ ވެސް ކުޅަދާނަ އަދި އެންމެ އުހުގައި މިހާރު ފިޔަޖަހަމުންދާ ތަރިންނެވެ. ފާތިމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލް އެވެ.
ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދައިދޭ އެ ފިލްމަކީ ފޯކޭ ކޮލިޓީގައި އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.
ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ. ބޮސް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު 24 ގަ އެވެ.