ދިވެހި ސިނަމާ

ވެބް ސީރީޒް "ހުވާ" ބައިލައްކައަށްވުރެ ގިނަ މީހުން ބަލައިފި!

ފާތިމަތު ނަހުލާގެ ވާހަކައަކަށް ގެނެސްދޭ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ބެލުންތެރިންނަށް ދޫކުރިތާ މަހެއް ވަނީ އެވެ. ބައިސްކޯފުން މިދިޔަ މަހު 29 ގައި ނެރުނު ވެބް ސީރީޒް 57 ހާހަށްވުރެ ގިނަ މީހުން ބަލަައިފި އެވެ. ޖުމްލަ އަށް އެޕިސޯޑު އަދި ރިލީޒް ކޮށްފައިވާއިރު ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ތަރުހީބެއް ލިބި، އާ އެޕިސޯޑަކަށް ބެލުންތެރިން މިދަނީ އިންތިޒާރު ކުރަމުންނެވެ.

ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހުގެ ރޭ އާ އެޕިސޯޑެއް ބައިސްކޯފު އެޕުން ރިލީޒް ކުރަމުންދާއިރު، "ހުވާ" އަކީ ބައިސްކޯފުގައިވެސް އެންމެ މަގުބޫލު އެކައްޗެވެ. ރިލީޒް ކުރާ ދުވަހު އެކަނިވެސް މަދުވެގެން 10 ހާސް މީހުން ބަލާ ކަމަށް ބައިސްކޯފު ޓީމުން ބުނެ އެވެ. " އާ އެޕިސޯޑެއް ރިލީޒް ކުރާ ދުވަހު ބަލާނެ ގާތްގަނޑަކަށް 10 ހާހަށްވުރެ ގިނަ މީހުން، އަދި މުޅި ހަފްތާ ތެރޭ 20 ހާހަށްވުރެ ގިނަ މީހުން ބަލާނެ. ބައިސްކޯފުގައި ހިމެނޭ އެހެން އެއްޗިއްސާ ބަލާފައި އެންމެ ގިނަ ވިއުސްވެސް އެންމެ ގިނަ މީހުން މިހާރު ފޮލޯ ކުރަނީ ވެސް މި ސީރީޒް".

ފާތިމަތު ނަހުލާ އާއި މުހައްމަދު ފައިސަލް އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށް ގެނެސްދޭ މި ވެބް ސީރީޒް އަކީ ރާއްޖޭގެ އާއިލީ އަދި އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ ސީރީޒް އެކެވެ. ކޮންމެ އެޕިސޯޑެއް ދިހަ މިނެޓާއި ފަނަރަ މިނެޓަށް ދިގުދެމިގެންދާއިރު ބެލުންތެރިންގެ ހަމަ އެކަނި ޝަކުވާ އަކީ އެޕިސޯޑުގެ ވަގުތު ކުރު ވުން ކަމަށް ނަހޫ ބުންޏެވެ.

" އަލަށް ނެރުނު ވެބް ސީރީޒް އަކާ ބަލާފަ ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ. "ހުވާ"ގައި ގެނެސްދޭ ވާހަކަތައް ބެލުންތެރިންގެ ދިރިއުޅުމާ ގުޅުންހުންނަ ކަމާއި މިއީ މިހާރުގެ މުޖުތަމައުއިން ފެންނަ މަންޒަރުތައް ކަމުން ވަރަށް އަސަރު ކުރާ ކަމަށް ބެލުންތެރިންގެ ކޮމެންޓްސް އަންނަނީ. ހަމަ އެކަނި މައްސަލަ އަކަށް ވަނީ އެޕިސޯޑުގެ ވަގުތު ކުރުވުން. އެކަމަކު އެއީ ދިހަ މިނެޓާއި ފަނަރަ މިނެޓަށް ވިޔަސް ޓީވީއިން ދައްކާ ޑްރާމާ ތަކުގައިވެސް ހުންނާނީ އެވަރަށް. ތަފާތަކީ އިސްތިހާރުތައް ނެތުން" ރާއްޖޭގެ ބެލުންތެރިންނަށް އަލަށް ދިވެހި ވެބް ސީރީޒްއެއް ގެނެސްދޭއިރު، މިއަށް ލިބޭ ތަރުހީބު ދުވަހުން ދުވަހަށް ގިނަ ވަމުން ދާކަމަށް ނަހޫ ބުނެ އެވެ.

އިބުރަތްތެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ، 70 އެޕިސޯޑަށް ދިގުދެމިގެންދާ މި ސީރީޒްގެ މަންޒަރުތައް ނެގުމަށް ބައިސްކޯފުން ވަނީ ބޮޑު އިންޑޯ ސެޓެއް ތައްޔާރުކޮށްފަ އެވެ. މި ސީރީޒްގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ކ.ގުރައިދޫގައި އެވެ. ބޮޑު ކާސްޓަކާއެކު އުފައްދާ މި ސީރީޒްގައި 39 އަށްވުރެ ގިނަ އެކްޓަރުން ލީޑުން ފެންނާނެ އެވެ.