ވިޔަފާރި

ބީއެމްއެލްގެ ހިއްސާއަކަށް 20 ރުފިޔާ، ދައުލަތަށް 370 މިލިއަން ރުފިޔާ

ގައުމީ ބޭންކް، ބީއެމްއެލްގެ ހިއްސާދާރުންނަށް ވިދިވިދިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ރެކޯޑް މިންވަރެއް ދިނުމަށް ފާސްކޮށްފި އެވެ. ބީއެމްއެލް އިން ހޮޓަލްޖެންގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރީ ބޭންކްގެ މިދިޔަ އަހަރުގެ ފައިދާ އިން، 107.6 މިލިއަން ރުފިޔާ، ނޫނީ ހިއްސާއަކަށް 20 ރުފިޔާ ބެހުމަށެވެ.

މި ނިންމުމާ އެކު ބީއެމްއެލްގެ މައި ހިއްސާދާރު ދައުލަތަށް، ހިއްސާގެ ފައިދާ ނޫނީ ޑިވިޑެންޑް އަދި ޓެކްސްގެ ގޮތުގައި އެ ބޭންކުން 370 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، 2016 ވަނަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާ، 61 ޕަސެންޓް ކުރިއަރައި، 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް އެ ބޭންކަށް ލިބުނެވެ.

ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ބޭންކުން ވަނީ ހޯދާފަ އެވެ. ލޯނު ދޫކުރެވޭ ނިސްބަތް އިތުރުވަމުންދާއިރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ދަށްކުރެވިފަ އެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހައްޓާފަ އެވެ. ބޭންކުން ހިދުމަތްތައް ފުޅާކޮށް އުމްރާނީ ތަރައްގީއަށް އަދި ސީއެސްއާރު ހަރަކާތްތަކަށް މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. އެގޮތުން މުޅިން އަލަށް 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ހުޅުވައިފަ އެވެ.

ފައިދާ ބަހަން ފާސްވުމާ އެކު ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރަކަށްވުމާއެކު ހިއްސާދާރުންނަށް ބެހުމަށް ބޭންކުގެ ބޯޑުން ރެކޯޑް މިންވަރެއް ހުށަހެޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ކަމަށެވެ.

"ހިއްސާދާރުން ބޭންކަށް ކުރާ އިތުބާރާއި އިހުލާސްތެރިކަމަށްޓަކައި ހިއްސާދާރުންނަށް ޝުކުރުދަންނަވަން. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްވެސް ވުމާއެކު އަޅުގަނޑުމެންގެ 280,000 ކަސްޓަމަރުންނަށް ވަރަށް އިހުލާސްތެރި ޝުކުރެއް ދަންނަވަން. ހާއްސަކޮށް މިދިޔަ އަހަރު އަޅުގަނޑުމެންނާ އަލަށް ގުޅުނު 19 ހާސް ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރު ފާހަގަކޮށްލަން،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްއާ މެދު އާންމުންނާއި ހިއްސާދާރުންގެ އިތުބާރު އުފެއްދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ބޭންކުން ކުރާނެ ކަމުގެ ޔަގީންކަން އެންޑްރޫ ދެއްވި އެވެ.