ކޮލަމް

މުންޑޫ ކޮލަމް: މައުމޫނުގެ ދިރިއުޅުމަކީ މިއީބާ؟

Aug 27, 2017
70

އަޅުގަނޑު ދަންނަ އަހުމަދު ވަހީދު އަލީ އަކީ ރައީސް މައުމޫނުގެ ދައުރުގައި އަނިޔާ ލިބި އޭނާގެ ހަޔާތް މުޅީން އަވަދި ކޮށްލާފައިވާ މޮޅު ނޫސްވެރިއެކެވެ. ކިނބޫޖެހި ނޫ ގަންޖުފަރާހެއްގައި މީހަކަށް ތުރާލެއް ނުކޮށް ސޯސަން މަގުގެ ދެކޮޅަށް އޭނާގެ ހިމޭން ދިރިއުޅުއްވުން ކުރިޔަށް އެބަ ގެންދަވަ އެވެ. ވަހީދަކީ ރާއްޖެ ފެންމަތީގައި އޮތްހާ ހިނދަކު މަގުބޫލުކަން ފިލައި ނުދާނެ ޑްރާމާ ސިލްސިލާ "ދިރިއުޅުމަކީ މިއީބާ؟" ގެ ހިޔާލު އުފަން ކުރުވައި ކަރުދާހަށް ތިލަކޮށް އުފެއްދި ވަރުގަދަ ސިކުނޑި އެވެ. އެނާގެ ރަން ޒަމާނުގައި އޭނާ ވިދާޅުވެފައި ވެއެވެ: ސިޔާސީ ވުމަކީ ޑްރާމާއެކެވެ. ސްކްރީން ޕްލޭގައި ބަހުރުވަ އޮންނަނީ ދޮގާއި އޮޅުވާލުމާއި މަކަރާއި ހީލަތާއި ދެއްކުންތެރި ކަމާއި އަގު ވައްޓާލުމާއި ހިނި އަންނަ ކަންކަމުގެ މައްޗަށެވެ. ޑްރާމާ ލިޔާނީ ޖޯކާއެކު ހުރިހާ ދޮގަކާއި ނުބަޔަކީ ތެދާއި ރަނގަޅު ގޮތް ކަން ހާމަ ވާ ގޮތަށެވެ.

މީހުން މެރުމަކީ ވެސް މީހުންގެ އަގު ވައްޓާލުމަކީ ވެސް އިހުތިރާމު ލިބިގެންދާ ފަދަ މަސައްކަތެއްގެ ގޮތުގައި ހާމަ ކުރެވޭ ގޮތަކަށެވެ. އަދި ފެންނަ ފެނުމަށް އެއީ މޮޅު ގޮތް ކަމަށް ވެސް ސިފަ ވާ ގޮތަށެވެ. އެންމެނަށް ހީނލެވޭ ޔޫސުފު ރަފީއުއާއެކު އެކި ކަންކަން ހިމަނައިގެން އޭނާ އުފެއްދި "ދިރިއުޅުމަކީ މިއީބާ" ގެ މައިގަނޑު ޕްލޮޓް ލައިނަކީ ވެސް އެއީ އެވެ. މިއީ ހަގީގަތް ކަމަށް ވަންޏާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ކަންކަން މިހާރު ފެތެނީ ވަހީދު އުފެއްދެވި ދިރިއުޅުމަކީ މިއީބާގެ ޕްލޮޓަށެވެ!

ރާއްޖޭގެ ވަރަށް ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ނިޝާން ޣާޒީގެ އިތްޒަތްތެރިވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ދިވެހިންގެ ތެރެއިން ދުނިޔޭގައި ހުންނެވި ގަދަރާއި އިތްޒަތް ލިބި ވަޑައިގެންފައިވާ އެންމެ ބޮޑު އިލްމުވެރިޔާ އެވެ. އަޅުގަނޑު ހިމެނެނީ އެގޮތް ގަބޫލު ކުރާ މީހުންގެ ތެރޭގަ އެވެ. އެހެން ނަމަވެސް މައުމޫން އަބްދުލް ގައްޔޫމު ޖޯކަރަކަށް ވެވަޑައިގެން އަބަދުހެން އެ މަނިކުފާނު ވަކި ގޮތަކަށް ސިފަ ކުރެއްވި އެމްޑީޕީ އާއި އަބަދުހެން ވަކި ގޮތަކަށް ވިދާޅުވެ ދެއްވި މީހުނަށް ޖޯކް ވިދާޅުވެ ދެއްވުމަކީ މިހާރު އެމަނިކުފާނުގެ އާދަ އެވެ. އެމަނިކުފާނު ވިދާޅުވެ ދެއްވާ ޖޯކާއި ދައްކަވާ ވާހަކަފުޅުން އަޅުގަނޑު ހިނި އާދެ އެވެ. ފަހަރުގައި އެ މީހުން ހެނީ އެ ވިދާޅުވެ ދެއްވާ ޖޯކާއި ދައްކަވާ ވާހަކަ އެމަނިކުފާނަށް ރައްދުވާތީ ކަމަށް ވެދާނެ އެވެ.

ހުރިހާ ވެރިންނާއި މުއައްސަސާތަކުގެ ގަދަރާއި އިހުތިރާމް ދުއްވާލައި ޖޯކަރުންނަށް ހަދައިގެން ސިޔާސީ މައިދާނުގެ ވާދަވެރި ކަމުގައި ބައެއް ފަހަރު ވާހަކަ ދިމާ ނުވާ އަދި ކިޔާ އެއްޗެއް ވިއްޔާ ތިމާއަށް ރައްދުވާ ކެރެކްޓާތައް ގަސްދުގައި އުފައްދަ އެވެ. އެކަން އެގޮތަށް ކުރާކަން ދިވެހިންނަށް އެންމެ ރީއްޗަށް ކިޔައި ދެއްވީ ރައީސް މައުނޫނު "ގެންގުޅުއްވާ ބޮޑު ކުރެއްވި" އަދި މިހާރު އެމްޑީޕީން "މަލަކަށް" ހަދައިގެން އުޅޭ ޑރ. އަހުމަދު ޝަހީދެވެ. ޑީއާރްޕީގެ ޕޯޑިއަމުގައި ހުންނަވައިގެން އޭނާ ވިދާޅުވީ އެފަދައިން ކަން ކުރުމަކީ އެމްޑީޕީގެ ފޮތުގައި އޮންނަ ގޮތެވެ. އެ ގޮތަކީ މަޝްހޫރު "48 ޕަވާސް އޮފް ލޯ" ގައި އޮންނަ ގޮތެވެ. ފުރަތަމަ ގަދަރުވެރިންގެ އަގު ވައްޓާލައި ޖޯކަރަކަށް ބަދަލު ކޮށްލަނީ އެވެ. ދެން މުއައްސަސާތަކުގެ އަގު ވައްޓާލާނީ އެވެ. އޭރަށް ގަދަރުވެރިޔާއާ ވެސް ކުޅެވޭނެ އެވެ. އޭނާއާ ގުޅިފައިވާ އާންމުންނާ ވެސް ކުޅެވޭނެ އެވެ.

ރައީސް މައުމޫނު ވަނީ އެފަދަ ޖޯކަރަކަށް ބަދަލު ކުރުވާފަ އެވެ. ޖޯކް ވިދާޅުވާ ބޭފުޅަކަށް ބަދަލު ކުރުވާފަ އެވެ. އެމަނިކުފާނުގެ ޖޯކްތަކުގެ ތެރެއިން ތަފާތުކޮށް އެކި މީހުންނަށް އެކި ގޮތް ހަދާކަން ސާބިތުކޮށް ދެއްވުމަށް ކުދި ކެކުރި އާއި ބޮޑު ކެރީގެ ޖޯކެއް ވެސް ވިދާޅުވެ ދެއްވި އެވެ. ރައީސް މައުމޫން ވިދާޅުވާ ގޮތުން މިހާރު މިއޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކުދި ކެކުރި އާއި ބޮޑު ކެކުރި ބަހާ އުސޫލުން ދެރަ މީހާއަށް ދެރަ ގޮތް މޮޅު މީހާއަށް މޮޅު ގޮތް ހަދާ ސަރުކާރެކެވެ.

ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރެއްވި އެވެ. ކުދި ކެކުރި އާއި ބޮޑު ކެކުރީގެ އުސޫލުން މީހުނަށް ބޭއިންސާވެ ތަފާތު ކުރި، ވެރިކަމުގެ ދިގު އެފަދަ ޒަމާނެއް ރާއްޖޭގައި ދެނެއް ނާންނާނެ އެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި އެންމެ ބޮޑަށް ތަފާތުކޮށް ކުދި ކެކުރިއާ ބޮޑެކުރި ބެއްސެވީ ރައީސް މައުމޫނެވެ. ސްކޯލާޝޮޕް ދިނީ އެހެނެވެ. ވަޒީފާ ދިނީ އެގޮތަށެވެ. އެހީ ދިނީ ވެސް އެގޮތަށެވެ. އެހެން ކަމުން ރައީސް މައުމޫން އެ ވިދާޅުވާ މިސުރުގެ ދަނޑުވެރިޔާގެ ކުދި ކެކުރި އާއި ބޮޑު ކެކުރި ނިޒާމު ރާއްޖެއަށް އިމްޕޯޓް ކުރީ އެ މަނިކުފާނެވެ.

ވެރިކަމަށް ވަޑައިގެން ރިސޯޓްތައް ބަހައިލީ ބޮޑު ކެކުރި އުސޫލުން ނޫން ހެއްޔެވެ؟ ގާސިމް އިބްރާހިމް އެހުންނެވީ ބޮޑު މުއްސަނޖަކަށްވެ ވަޑައިގެންފަ އެވެ. -- އަލްހަމްދުލިﷲ -- އެހެން ނަމަވެސް ގާސިމް ވިދާޅުވަނީ އޭނާ މުއްސަނދިވީ ބަޔަކު އެހީވެގެން ނޫން ކަމަށެވެ. މައުމޫނުގެ ސަރުކާރުން އުޅުނީ އޭނާއަށް ބޮނޑިދޭން ކަމަށެވެ. އެނދެރިމާގޭ ބޭފުޅުން އުޅުއްވީ ވެސް ލޮޓި ދެއްވަން ކަމަށެވެ. އެހާ "ނުބައިނުލަފާ" ސަރުކާރާއި އެއޮށް ބޮޑު ވަރުގަދަ އާއިލާއިން އޭނާއާ ދެކޮޅަށް އޮތް އިރެއްގައި ޖަހާލާފައި އަރައިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ އަރައި އޮބާލީ ހަމަ މުއުޖިޒާތަކުން އުފުލާލައިގެން ހެއްޔެވެ؟ އެއީ ބޮޑު ކެކުރި އުސޫލުން ވީ ކަމެއް ނޫން ހެއްޔެވެ؟

ރިޝްވަތުގެ ވާހަކަ ދައްކާ އިރު މައުމޫނުގެ ވެރިކަމުގައި ކުރީ ކޮންކަމެއް ހެއްޔެވެ؟ ތެދެކެވެ. އޭރު ކުރެއްވި ކަންކަމުގެ ނަމަކަށް "ރިޝްވަތެކޭ" ނުއެއް ކިޔައެވެ. ކިޔަނީ ލޯނެވެ. ފައިސާއެވެ. ގޯއްޗެވެ. ރަށެވެ. ކޮންމެވެސް އެހެން އެއްޗެކެވެ. ރިޝްވަތު ދެނީ މިހާރުތާ އެވެ.

ޖޯކް ކިޔައިދޭ މީހުން މައުމޫނު ސަރުކާރުގައި ރިޝްވަތެއް ނުދެއޭ މީހުން ޖަލަކަށް ނުލައޭ އަނިޔާއެއް ވެސް ނުކުރެއޭ އޭރު މީހުން މަރާފައެއް ނުވެއޭ ތަފާތެއް ވެސް ނުކުރެއޭ ބުނީމާ އަޑު އަހާ މީހުން ކިހާވަރަކަށް ޕަކަޕަކަ އަޅާފައި ހޭނެ ހެއްޔެވެ؟ ޖޯކްވީމާ ހޭންވާނެ އެވެ.

ރައީސް މައުމޫން ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަންތައް ކުރާ ގޮތަކީ ގޯހެއް ހަދައިފިއްޔާ އެ ހުންނަ ތަނަކުން ކަނޑާލާފައި އެއަށްވުރެ މާރަނގަޅު މަގާމެއް ދެއްވަނީ އޭ އެވެ. އެއީ ތެދެކެވެ. މި ސަރުކާރުގައި އެހެން ވެސް ވެއްޖެ އެވެ. އެކަމަކު މައުމޫން އެހެން ވިދާޅުވާއިރު "ނަމްބަރު ދޭއް" ގެ ގޮތުގައި ހުންނެވި އިލްޔާސް އިބްރާހިމް ދައުލަތުން ވައްކަން ކުރައްވައި ފިއްލަވައިގެން ވަޑައިގެންނެވިކަން އިއުލާން ކުރެއްވީ މައުމޫނެވެ. އެނބުރި ވަޑައިގަތުމުން އެއްވެސް ކުށެއް ނެތް ކަމަށް އިއުލާނު ކުރައްވާފައި ކުރިޔަށް ވުރެ މާ ބޮޑު ވަޒީފާއެއް ދެއްވީ ވެސް ހަމަ ރައީސް މައުމޫނެވެ. ގާސިމް އިބްރާހީމާމެދު ކަންބޮޑުވެ ވަޑައިގެން ރައީސް މައުމޫން ވާހަކަފުޅު ދައްކަވަ އެވެ. އެކަމަކު ފުރަތަމަ ގާސިމް އިބްރާހިމް ޖަލަށްލެވީ މައުމޫނެވެ. ކުށަކީ "ބާރަ ތޭރަ" އިގައި މީހުން ޖަމާވި ތަނަށް ވަޑައިގެނެވުމެވެ. އެކަހަލަ ކިތައް ކަންތައް ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރަތަމަ ހުކުމްކުރީ ވެސް ރައީސް މައުމޫނެވެ. ވައްކަމުގެ ކުށުގަ އެވެ. ރައީސް ޔާމީނަށް ވިއްޔާ މީހަކު ގެން ގޮސް ޖަލަށްލާފައި ތިމަންނައަކާ ވާބެހޭ ކަމެއް ނޫނޭ ޝަރުއީ ދާއިރާ އޮތީ ވަކިންނޭ ވިދާޅުވެވެން އެބައޮތެވެ. ރައީސް މައުމޫނުގެ ޒަމާނުގައި ޝަރީއަތަކީ ވެސް ކޯޓަކީ ސުޕްރީމް ކޯޓަކީ ވެސް އުއްތަމަ ފަނޑިޔާރަކީ ވެސް ގާނޫނަކީ ވެސް ރައީސް މައުމޫނެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން ގާޒީއަކު "ވަގަށް ނަގައި" ފޮރުވި ހާދިސާ އަކީ ލޯ މަތީގައި ހިނގި ކަމެކެވެ. އެކަމަކާ ރައީސް ނަޝީދު ވެސް މިހާރަކު ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު ނަޝީދު ވެލާނާގެއިން ވައްކަން ކުރެއްވި ކަން އެނގޭ އެއްވެސް އިންސާނަކު "މައުމޫނުގެ ކޯޓް" ފިޔަވައި ނެތެވެ. އެ ގެ ބަލަހައްޓަން އޭރު ހުންނެވި އުމަރު ޒާހިރު ވަނީ ނަޝީދު އެއްޗެއް ނުނަގަންވާ ކަމަށް ވިދާޅުވެފަ އެވެ. އަޅުގަނޑަކީ ނަޝީދާއެކު ވެލާނާގެއަށް ވަން މީހެކެވެ. ގައިމު އަޅުގަނޑެއް ނުދެކެމެވެ. އެކަމަކު އެ ހުކުން ވެސް ވަނީ ކުރައްވާފަ އެވެ. ހަމަ އެ ހުކުމް ކުރައްވާ ނަޝީދާއެކުގައި އިންތިހާބުގައި ވާދަ ކުރައްވަންވީމާ އެ ވައްކަން ވެސް ބަދަލުކޮށްލެވީ ވައްކަމަކަށް ނުވާ ވައްކަމަކަށެވެ.

އެ ހުކުމް ކުރެއްވި އިރު ރައީސް ނަޝީދު ކޯޓްގައި ކުރެއްވި އާދޭހާއި ފެންކަޅިވެވަޑައިގެން އިންނެވި ގޮތް ލޮލުން ދުށް ނޫސްވެރިއަކީ އަޅުގަނޑެވެ. އަދި އެ ހުކުމަށްފަހު "ނަޝީދަށް ހުކުމް އިއްވީ ވެލާނާގޭގައި ޗޮކްލެޓެއް ބައްލަވަން ހުންނަވަނިކޮށްތޯ" އަޅުގަނޑުގެ ގާތުގައި ވިދާޅުވީ ގާޒީ ވެސް އެ ހުންނެވީ އެވެ. ވީއިރު ރައީސް މައުމޫނާ ދިމާއަށް އެނބުރި ނުދާ ގޮތަކަށް ނާންނަ މިއީ ކޮން ޖޯކް ތަކެއް ހެއްޔެވެ؟

ރައީސް އަމީން ވެސް މީހުން ހައްޔަރު ކުރެއްވި އެވެ. ނާސިރު ވެސް އަމަލު ކުރެއްވީ އެގޮތަށެވެ. މައުމޫނާއި ނަޝީދު ވެސް އެއަކުން ސަލާމާތެއް ނުވެވޭނެ އެވެ. ވަހީދު ވެސް އަދި ޔާމީންގެ ސަރުކާރުގައި ވެސް މީހުން ހައްޔަރު ކުރި އެވެ. ތަފާތު ވެސް ކުރެ އެވެ. އެކަމަކު މިހާރު ބޮޑު ކެކުރިވެސް ޖަލަށް ލައެވެ. ކުދި ކެކުރިވެސް ޖަލަށް ލަ އެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ބޮޑު ކެކުރި ޖަލަކަށް ނުލަ އެވެ. ބޮޑު ކެކުރިތައް އުޅުނީ އުޅޭނެ ގޮތަކަށެވެ. އެކަމަކު މިހާރު ކެކުރިތައް ޖަލަށް މިލަނީ ސައިޒަކަށް ބަލައިގެނެއް ނޫނެވެ. އެހެންވީމާ ރައީސް މައުމޫނު އެވާހަކަ ދައްކަވާކަށް ތާހިރެއް ނުވާނެ އެވެ.

މިހުރިހާ ކަމެއް ކުރައްވާފައި ޑްރާމާގައި ޔޫސޭ ބުނާހެން އެންމެ ފަހުން ގޯސް މިވީ މަށެއް ނޫން ހެއްޔޭ ވިދާޅުވެ ބަޔަކު ރުއްސާން ޖޯކު ކިޔައި ދެއްވުމަކީ މާ މޮޅު ކަމެއް ކަމަށް ހީފުޅުވެ ވަޑައިގެންނަވަނީ ހެއްޔެވެ؟

ފަހަކަށް އައިސް ވަރަށް ގިނައިން ރައީސް މައުމޫން ވިދާޅުވަނީ ނޫސްވެރިންނަށް އަނިޔާ ނުކުރާށޭ އެވެ. އެމީހުން ލިޔަނީ ހައްގު ވާހަކަ އެވެ. އެއީ ތެދެކެވެ. ނޫސްވެރިންނަށް އަނިޔާކޮށްގެން ނުވާނެ އެވެ. އެކަމަކު ރައީސް މައުމޫނުގެ ވެރިކަމުގައި ނޫސްވެރިން ވާހަކަ ދެއްކީ، ލިޔުނީ ނުހައްގުން ހެއްޔެވެ. ނޫސްވެރިން ޖަލަށްލައި ހައްޔަރުކޮށް މަޖައްލާތަކަށް ދަންދެން އުވާލީ އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އެ ހުރިހާ ނޫސްވެރިން ހައްޔަރުކޮށް ޖަލަށްލައި އަރުވާލީ ކޯނޗެއް ލިޔެގެން ހެއްޔެވެ؟ އެނގި ވަޑައިގަންނަވާ ތޯއެވެ؟ "މައުމޫނު" އެ ނަން ބުނި އަޑު އިވިއްޖެއްޔާ ސިފައިންގެއަށް ގެންގޮސް އުލު ބައިންދައިގެން އަހަނީ "މައުމޫނޭ" ބުނި އިރު ޖުމްލައިގެ ކުރިން ބުނީ ކީކޭތޯ އާއި ފަހުން ބުނީ ކީކޭހެއްޔޭ އެވެ. އެއެއް އޮޅުން ފިލުވައި ދޭށޭ އެވެ. "ކިތަންމެ ވަރަކަށް ބިޑި އަޅައި ހައްޔަރު ކުރިޔަސް ހިތުގައި ބިޑިއެއް ނޭޅޭނޭ" ނަޝީދު މެން ވިދާޅުވާން ޖެހުނީ ނޫސްވެރިންނަށް މައުމޫން ހާދަ ވަރެއް ކޮށްލައިގެނެވެ. މިހާރު އެހެން ހެއްޔެވެ؟ މައުމޫނު ވެސް ހިތްޕުޅަށް އަރާވަޑައިގެންނެވިހާ ވާހަކަ އެއް ވިދާޅުވަނީ އެވެ. އެކަމަކު މައުމޫނުގެ ދައުރުގައި ނޫސްވެރިންނަށް އަނިޔާ ލިޔުބުނު ވަރަށް އަނިޔާ ލިބުނު ޒަމާނެއް ދެން ރާއްޖެއަކަށް ނާންނާނެ އެވެ.

މިހާރުގެ ސަރުކާރަށް ނިސްބަތް ކުރައްވާ ރައީސް މައުމޫންގެ ޖޯކް ތަކުގައި ވިދާޅުވަނީ އިދިކޮޅު ފރާތްތަކުން ކަނާތު ފައިން ގޯލެއް ޖެހީމާ ވެސް ގޯލަކަށް ނުވެއެވެ. ވާތުފައިން ޖަހައި ވައްދާލައިގެން ވެސް ލަނޑަކަށް ނުވެ އެވެ. ގޯލަކަށް ވަނީ ދެފައިން އެކުގައި ޖަހައިގެނެވެ. ވާތުފައިން ޖެހިޔަސް ކާނު ފައިން ޖެހިޔަސް ބޮލުން ޖެއްސަސް ދެފައި އެއްކޮށް ޖެއްސަސް އޯފްސައިޑްގައި ހުރެ ޖަހައިގެން ގޯލަކަށް ނުވާނެ އެވެ.

އަދި އެ މަނިކުފާނު އެހެން ވިދާޅުވާއިރު 30 އަހަރުވަންދެން ދިވެހިން ލައްވާ ގޯލް ޖެއްސުވި އެވެ. ނޫސްވެރިން ގޯލު ޖަހާނެ ގޮތެއް ނޭނގިގެން ތެޅި ފޮޅުނީ ކިތައް އަހަރު ވަންދެން ހެއްޔެވެ؟ އެ މަނިކުފާނުގެ ސަރުކާރު ނިމުމަކަށް އައީ އެއްވެސް ދިވެހި އާދަމުގެ ދަރިއަކަށް ގޯލު ޖަހާންވާ ގޮތް ނޭނގިގެން އުޅެނިކޮށެވެ. ހަމަ ޖަހާއިރަށް ކަށިގަނޑު ފުމެފައި ރަތް ކާޑު ދައްކަނީ އެވެ.

ރައީސް މައުމޫނު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްކޮށް އެއީ ކްރިސްޓިއަނުންނާ ގުޅިފައިވާ އިސްލާމްދީނާ ދެކޮޅު ބައެއް ކަމަށް އަބަދުވެސް ވިދާޅުވި އެވެ. އެއީ ފަނާ ކުރާ ފިކުރު ކަމުގައި ލޭބަލް ކުރެއްވި އެވެ. މައުމޫން އަޑީގައި ހުންނަވައިގެން ރައީސް ނަޝީދަށް "ގަންޖޯބާ" ކިޔުއްވި އެވެ. ނަޝީދު ވިދާޅުވަނީ މައުމޫނަކީ ހުދުމުހުތާރުވެރިއެކޭ އެވެ. ދައުލަތުން ވައްކަން ކުރެއްވި އަނިޔާވެރި، ދެއަތްޕުޅު ލެއިން ތަތްތެޅިފައިވާ ގާތިލެކޭ އެވެ. އިސްލާމްދީން އައްޑަނައަކަށް ހައްދަވައިގެން ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނުދެއްވާ އުޅުއްވި އޭއެވެ. އޭގެ ބަދަލަށް ނަޝީދު އަޑީ ހުންނަވައިގެން މައުމޫނަށް ދެއްވި ނަމަކީ "ގޮޅާބޯ" އެވެ.

މިހާރު މައުމޫނު ވިދާޅުވަނީ އެ މަނިކުފާނު ހިތްވަރު ހޯއްދަވަނީ ނަޝީދުގެ ކިބައިންނެވެ. ގައުމަށް ރަނގަޅީ ނަޝީދުގެ ކިބައިން ހިތްވަރު ހޯދައިގެން އޭނާއާއެކު ހުންނެވުމުން ކަމަށެވެ. ނަޝީދު ވިދާޅުވަނީ ދެވަނަ އެއް ނުވާ ޒައީމަކީ މައުމޫން ކަމަށެވެ. އެއީ ޑިމޮކްރަސީ އާއި ތަރައްގީގެ އެއް ނަމްބަރޭ އެވެ. އެވަރުގެ ލީޑަރެއް ރާއްޖޭގައި ނެތޭ އެވެ. މިއީ ފެނާ ތެލާހާ ތަފާތު ދެ ފިކުރަކުން އާހިރުގައި ދެއްކެވި ވާހަކަ އެވެ. އިދިކީލި ދޭއްޗެއް އެކުވުމުން ނުކުންނާ ފަލްސާފައެއް ވެސް އޮންނާންވާނެ އެވެ. އަޅުގަނޑަށް ވިސްނެނީ އޭގެ މާނައަކީ ހެވާއި ނުބަޔާ ހަމަހަމައޭ ދިވެހި ރައްޔިތުންގެ ގާތުގައި ވިދާޅުވުމެވެ.

މިއޮށް ހުރިހާ ދުވަހު ނަޝީދު ވިދާޅުވާ ގޮތުން ރަނގަޅަކީ އެ މަނިކުފާނެވެ. ނުބަޔަކީ މައުމޫނެވެ. މައުމޫނު ވިދާޅުވާ ގޮތުން ހެވަކީ އެ މަނިކުފާނެވެ. ގޯހަކީ ނަޝީދެވެ. އެފަދަ ހާލެއްގައި އުޅުއްވި ދެބޭފުުޅަކު އެކައްޗެއް ވިދާޅުވެ އެކުގައި އުޅުއްވެންޏާ އެއީ ދެން ހެވާ ނުބަޔާ ހަމަހަމަވީ ނޫން ހެއްޔެވެ؟ މައުމޫނު ވިދާޅުވަނީ ބާތިލު ގެއްލިގެން ދާނެ އޭވެ. މިވާ ގޮތުން ބާތިލު ގެއްލޭ ހެއްޔެވެ؟ ހެވާއި ނުބައި ހަމަހަމައޭ ތިޔަ ވިދާޅުވެވެނީ މައުމޫނާއި ނަޝީދަށެވެ އެހެން ކަމުން މައުމޫނުގެ ފަލްސާފާ އާއި ނަޝީދުގެ ފޮތުގައި ބާތިލު ފޮހޮވޭ ގޮތަކީ އަޅެ ފަހެ ކޮބައި ހެއްޔެވެ؟

މައުމޫނު، އެމްޑީޕީ އާއި ނަޝީދަށް ރުހި ވަޑައިގަންނަވާނީ އެ ފަރާތްތަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކަތައް މުޅީން ބްލީޗު ޖަހައި ދޮވެވިގެނެވެ. އެކަމަކު އެ ބަދަލުވި ގޮތެއް ބަދަލުވި އިރެއް ރެއެއް އޮންނާނެތާ އެވެ. އަދި ކުރިން ގޯސް ކަމަށް ދެއްކެވި ކަންކަން ރަނގަޅުވި ގޮތެއް ވެސް އޮންނާންވާނެ އެވެ. އެ ބަދަލުވުމަށް އޮތް ހުއްޖަތަކީ ރައީސް ޔާމީން ކަމެއް ގޯސްކޮށް ކުރެއްވުން ކަމަށް ވިދާޅުވަންޏާ އެއީ ވެސް ޖޯކެކެވެ. އެކަންކަން ބަދަލުވީ ގޮތެއް އިރެއް އޮންނަންވާނެ އެވެ. ވަންޏާ ވާނީ ދެ ގޮތެކެވެ. އެއް ގޮތަކީ އެމްޑީޕީ ރަނގަޅުވެ އިސްލާހު ވުމުން މައުމޫނު އެމީހުންގެ ތެރެއަށް ވަޑައިގެންނެވުމެވެ. އަނެއް ގޮތަކީ ރައީސް މައުމޫނު އެ ވަރަށް ނޫނީ އެމްޑީޕީއަށްވުރެ ނުބައިވެގެން އެމީހުންގެ ތެރެއަށް ވަޑައިގެންނެވީ އެވެ. އެ ދެ ގޮތުން ކުރެ ގޮތެއް ވީތޯ ޖޯކެއް ވިދާޅުވާން ޖެހެ އެވެ.

މައުމޫނު އެކި ގޮތްތަކަށް ސިފަ ކުރި ބަޔަކު އަދި އެ ބަޔަކު މައުމޫނު އެކި ގޮތްތައް ސިފަ ކޮށްފައިވާއިރު އެ ބައި މީހުން ތިޔައީ ޒައީމޭ ލަވަ ޖަހައިގެން ނުކުތުން މިއީ ކޮންކަހަލަ ބޮޑު އުސް އަލާމާތެއް ހެއްޔެ؟ އެބުނަނީ ދިވެހި ރައްޔިތުންނަކީ ކޮހުންނޭ ނޫން ހެއްޔެވެ؟ ތިމަންނަމެން "ގޮޅާބޯއޭ" ގޮވީމާވެސް ހެނީ އެވެ. "ތިޔައީ ޒައީމޭ" ގޮވީމާ ވެސް ފުމެނީ އެވެ. މައުމޫނުގެ ބޭބޭފުޅުންގެ ޖަންގިޔަލާ ނެޕީއަށް ދާންދެން ވަކިކޮށް އެތަކެއްޗަށް ރިޕޯޓް ހަދައިގެން ޓީވީގައި ދެއްކި އެވެ. އެ ރިޕޯޓްތައް ލިޔެ ހިފައިގެން އަރާ ތިބިމީހުން އަދިވެސް ތިބީ އެސެޓްގަ އެވެ. ހަމަ އެސެޓަށް އެ ބޭފުޅުން އެރުއްވީމާ މިއީ ހަމަ އަހުމަދު ވަހީދު އަލީ ލިއްޔުވު "ދިރިއުޅުމަކީ މިއީބާ" ގެ ސްރީންޕްލޭ ނޫން ދެން ކޯންޗެއް ހެއްޔެވެ؟

ހަޔާތުގައި ކޮންމެ މީހަކާވެސް ދިމާވާ އަގެއް އޮންނާނެ އެވެ. އެ އަގާ ދިމާވުމުން އެ މީހަކު ވިކޭނެ އެވެ. ބަދަލުވާނެ އެވެ. ފަރަންސޭސި އިންގިލާބުގެ ފަހުކޮޅުގައި ވިދާލި ނަޕޯލިއަން ބޮނަޕާޓްގެ ފަލްސަފާއަކީ މި ދުނިޔެމަތީގައި ނުވާނެ، ނުކުރެވޭނެ އެއްވެސް ކަމެއް ނެތުމެވެ. އެހެން ކަމުން އަޅުގަނޑުމެން ދުށް އާދަޔާހިލާފު ޝަހުއްސިއްޔަތު ބަދަލުވެފައިތަން ދުނިޔޭގައިތިބި ދިވެހިން މިއަދު އެދަނީ ދެކެމުންނެވެ. އެއްބަޔަކު އެކަމާ ހިތާމަކޮށް ކަރުނަ އަޅަނީ އެވެ. އަނެއް ބަޔަކު ގުއް ކިޔާފައި ހެނީއެވެ.