ހަބަރު

މަޖިލީހަށް ސިފައިން ބާރުފޯރުވާ މައްސަލަ އައިޕީޔޫއިން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު ތެރެއަށް ގިނަ އަދަދެއްގެ ސިފައިން ވައްދައި، މެމްބަރުންގެ މަސައްކަތަށް ސިފައިން ހުރަސް އަޅާ ކަމަށް ބުނެ، އެކަން އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކުށްވެރިކޮށްފިއެވެ.

އައިޕީޔޫއިން އިއްޔެގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ޕާލަމެންޓަށް އަސްކަރީ ނުފޫޒު ފޯރުވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މަޖިލީހުގެ ތެރޭގައި ހަމަޖެހުން ގާއިމްކޮށް، ތުރާލެއް ނެތި އެތަން ހިނގުމަށް ފުރުސަތު ދިނުމަށް އައިޕީޔޫގެ ރައީސް ސޯބިރު ޗައުދަރީއާއި ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން ގޮވައިލައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެއް މަޖިލީސް މެދުކަނޑާލާފައި އޮތުމަށް ފަހު ޖަލްސާތައް މިހާރު ކުރިޔަށް ގެންދަނީ ސިފައިންގެ އެހީގަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ރިޔާސަތު ވަށާލައިގެން ސެކިއުރިޓީ ބަލަހައްޓާ ސިފައިން ތިބެ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެންމެ ފަހުން ބޭއްވި ތިން ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖުކޮށްފަ އެވެ.

މަޖިލީހުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާ މައްސަލައާ ގުޅިގެން ސަރުކާރުން މެންބަރުން ވިދާޅުވަނީ އެއީ އިދިކޮޅު ފަރާތްތަކުން މަސީހަށް އަނިޔާކޮށް މާރަމާރީ ހިންގާފާނެތީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ސަލާމަތީ ކަންކަން ބަލަހައްޓައިދެނީ ކަމަށެވެ. އަދި މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ހުއްޓާލުމުން އާންމު އުސޫލުން ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވަނީ މަސީހުގެ އިތުބާރު ނެތް މައްސަލަ ބޭރުކޮށްލާފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވާތީ، މަސީހު ރިޔާސަތުގައި އިންނަވައިގެން ކުރިޔަށްދާ ޖަލްސާތައް ވެސް ބާތިލުވާނެ ކަމަށެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދާހާ ހިނދަކު އިހުތިޖާޖު ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.