އުރީދޫ

ޓެކްފިން މޯލްޑިވްސްއަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް

އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ރަސްމީކޮށް ދޫކޮށްފި އެވެ.

ޓެކްފިން މޯލްޑިވްސްއަށް ޕޭމަންޓްގެ ހިދުމަތުގެ ލައިސަންސް ލިބިފައިވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ފުރުސަތު ފަހިވެ، ރާއްޖޭގެ ރައްޔިތުންނަށް އިނޮވޭޓިވް އަދި ރައްކާތެރި ޑިޖިޓަލް ފައިނޭންޝަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރު ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މި އާ ލައިސަންސާއެކު ގިނަ ބަޔަކު ބޭނުންކުރާ އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އާއި ރެމިޓެންސްގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން މިހާރު މެނޭޖް ކުރެވޭނެ އެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެ ޒަމާނީ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީއާ ގުޅިފައިވާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
.
އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ.

އެމް.ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ، ޕެޓްރޯލް ޝެޑް ގެ ޕޭމަންޓް ދައްކާ، ގިނަ ފިހާރަ އަދި ކެފޭތަކެގައި ވެސް ފައިސާގެ މުއާމަލާތް ކުރެވޭނެ އެވެ.

މީގެ އިތުރުން ބަނޑޭރިޕޭގެ ތެރޭގައިވެސް އެމް-ފައިސާވަނީ ހިމެނިފައެވެ. މި ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ބަދަލުކޮށް، އުރީދޫއިން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދީ، ހަރުދަނާ ޑިޖިޓަލް ފައިނޭންޝަލް އިކޯސިސްޓަމެއް ގާއިމުކުރުމުގެ ވައުދު އިތުރަށް ހަރުދަނާ ކުރަމުންނެވެ.