ހަބަރު

ގާސިމް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަނބުރައިގެނެގެން ކުރިމިނަލް ކޯޓުގެ ތެރެއަށް ވެއްޓިއްޖެ އެވެ. އަނބުރައިގަނެގެން ގާސިމް ކޯޓު ތެރެއަށް ވެއްޓުނީ ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވަން މެންދުރު ބޭއްވި އަޑުއެހުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ގާސިމް އަނބުރައިގަތީ އެ އަޑުއެހުން ނުފަށަނީސް ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެ ވަގުތު އެމަނިކުފާނުގެ އަރިހުގައި ވަކީލުން ވެސް ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.

ހާލުކޮޅު ގޯސްވުމާ ގުޅިގެން ގާސިމް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވެ އެވެ.

މައްސަލާގެ އަޑުއެހުން ދެން ކުރިއަށް ގެންދާނެ ވަކި ގޮތެއް އަދި ކޯޓުން އަންގާފައެއް ނުވެ އެވެ. ގާސިމްގެ ވަކީލުން އަދިވެސް ތިއްބެވީ ކޯޓު ތެރޭގަ އެވެ.

ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެމަނިކުފާނަށް ކުރާ ދައުވާގެ ފަހު އަޑުއެހުން މިއަދު މެންދުރުފަހަށް ތާވަލުކުރިއިރު އިއްޔެ އާއި މިއަދު ހެނދުނު ވެސް އަޑުއެހުމެއް ބޭއްވި އެވެ. ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ބޭރަށް ވަޑައިގެން ބޭސް ފަރުވާ ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ. ޑޮކްޓަރުން ވަނީ ބޭރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރުމަށް ގާސިމަށް ލަފާ ދެއްވާފަ އެވެ.