ހަބަރު

ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކޯޓުން މަސައްކަތްކުރި: ވަކީލުން

ގާސިމްގެ ވަކީލުން ކުރިމިނަލް ކޯޓުން ނުކުމެވަޑައިގަންނަވަނީ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ސީރިއަސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލަން ކުރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި އިއްޔެ އާއި މިއަދު ހެނދުނު އަޑުއެހުމެއް ބޭއްވުމަށްފަހު މިއަދު މެންދުރުފަހަށް ވަނީ ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލުމަށް އެންމެ ފަހުގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފަ އެވެ. ނަމަވެސް އެ އަޑުއެހުމަށް ކޯޓަށް ވަޑައިގެން އިންނަވަނިކޮށް އެނބުރުން އަރައިގެން ގާސިމް ވަނީ ވެއްޓިފަ އެވެ.

ގާސިމް ވެއްޓުމާ ގުޅިގެން އެމަނިކުފާނު އެމަޖެންސީގައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލުން ވަނީ ގާސިމް ބޭރަށް ގެންގޮސް ފަރުވާދިނުމަށް ލަފާ ދީފަ އެވެ.

ގާސިމް އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ވަކީލުންނަށް ކޯޓުން ނުކުތުމަށް މަނާކުރި އެވެ. އަދި ކޯޓުން ވަނީ ގާސިމްގެ ޣައިރު ހާޒިރުގައި ހުލާސާ ބަޔާން އިއްވާ އަޑުއެހުން ބާއްވަން މަސައްކަތްކޮށްފަ އެވެ. ކުރިމިނަލް ކޯޓުގައި ގިނަ އިރުތަކެއްވަންދެން ހުންނެވުމަށްފަހު ނުކުމެވަޑައިގެން ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ހުލާސާ ބަޔާން އިއްވުން ގާސިމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށް ކޯޓުން މަަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމަށް ވަކީލުން އިންކާރު ކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން: ގާސިމްގެ ހާލަތު ބަޔާންކޮށް މިއަދު ނޫސް ބަޔާނެއް އާންމު ކުރެއްވެވި -- އަވަސް ފޮޓޯ | އަހުމަދު ޝުރާއު

ހިސާން ހުސެއިން ވިދާޅުވީ، ކޯޓުން ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ބޭނުންވާ ކަމަށް ބުނުމުން، އެކަމުގެ ހުއްދަ ގާސިމް، ވަކީލުންނަށް ދީފައިނުވާ ކަމަށް ބުނެ އެކަމަށް އުޒުރުވެރިވި ކަމަށެވެ. ކޯޓުން ތަކުރާރުކޮށް އެކަމަށް އެދުމުން ވެސް ވަކީލުން އެކަމަށް ދެކޮޅު ހަދަމުންދާތީ، އަޑުއެހުން ނުބާއްވަން ނިންމީ ކަމަށް ހިސާން ވިދާޅުވި އެވެ. ވަކީލުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ލިބުނީ އެހާ ހިސާބުން ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމްގެ ހާލުކޮޅު ސީރިއަސް ކަމަށް ބުނެ ބޭރަށް ދިޔުމަށް ލަފާ ދީފައިވާ އައިޖީއެމްއެޗް ޑޮކްޓަރުންގެ ލިޔުން ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނެ އިރެއް ނުވަތަ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް އަދި އަންގާފައެއް ނުވެ އެވެ.

ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. ދައުވާ ސާބިތުވެއްޖެނަމަ ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ބޭރަށް ވަޑައިގެން ބޭސް ފަރުވާ ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345