ހަބަރު

ގާސިމް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

  • މިއީ މިފަހުން ޣައިރު ހާޒިރުގައި ހުކުމެއް ކުރި ފުރަތަމަ ފަހަރު
  • ގާސިމްއަށް ރިޝްވަތުގެ ދައުވާ ކުރީ ދެއްކި ވާހަކަތަކަކުން
  • ގާސިމް އޮންނެވީ ހާލު ސީރިއަސްވެ އެޑްމިޓްކޮށްފައި

ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އަޣިރު ހާޒިރުގައި ޝަރީއަތް ކޮށް އެމަނިކުފާނުގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް ކްރިމިނަލް ކޯޓުން މިރޭ އިއްވައިފި އެވެ.

ގާސިމްގެ މައްޗަށް ކުރި ދައުވާ އަކީ ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެން އެވެ.

ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައިވަނީ، ގާސިމް ދެއްކެވި ވާހަކަތަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ދައްކަވާފައިވާ ވާހަކަތަކެއް ކަމެއް ގާސިމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ރިޝްވަތު ހުށަހެޅުމުގެ ދައުވާ ގާސިމަށް ކުރެވިއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ހުކުމްގައިވެ އެވެ.

މިރޭ ގާސިމަށް ޗިޓް ފޮނުވީ 10 ޖަހާވެސް ބޮޑުވި ފަހުން އެވެ. އަޑުއެހުން ޝެޑިއުލްކޮށްފައި އޮތީ މިރޭ 11:00 އަށެވެ. ގާސިމް ހޮސްޕިޓަލްގައި އޮތުމުން އޭނާގެ ވަކީލުން ކޯޓަށް ހާޒިރެއް ނުވެ އެވެ. މިއީ ފެހި ގާނޫނު އަސާސީގެ ދަށުން ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ. ގާސިމްގެ ވަކީލުން ވެސް މިރޭ ކޯޓަށް ހާޒިރެއް ނުވެ އެވެ. ހުކުމް އިއްވާފައިވަނީ ދައުލަތުގެ ވަކީލުންގެ ހާޒިރުގަ އެވެ. މައްސަލާގައި ގާސިމްގެ ފަރާތުން ހުލާސާ ބަޔާން ވެސް އިއްވާފައެއް ނުވެ އެވެ. މިރޭގެ ހުކުމާ ގުޅިގެން ގާސިމްގެ ގޮނޑި ގެއްލޭނެ އެވެ.

ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި އިއްޔެ އާއި މިއަދު ހެނދުނު އަޑުއެހުމެއް ބޭއްވުމަށްފަހު މިއަދު މެންދުރުފަހަށް ވަނީ ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލުމަށް އެންމެ ފަހުގެ އަޑުއެހުމެއް ބާއްވަން ތާވަލްކުރި އެވެ. ނަމަވެސް އެ އަޑުއެހުމަށް ކޯޓަށް ވަޑައިގެން އިންނަވަނިކޮށް އެނބުރުން އަރައިގެން ގާސިމް ވަނީ ވެއްޓިފަ އެވެ.

ގާސިމް ވެއްޓުމާ ގުޅިގެން އެމަނިކުފާނު އެމަޖެންސީގައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފަ އެވެ. އެ ހޮސްޕިޓަލުން ވަނީ ގާސިމް ބޭރަށް ގެންގޮސް ފަރުވާދިނުމަށް ލަފާ ދީފަ އެވެ. ގާސިމްގެ ހާލުކޮޅު ސީރިއަސް ކަމަށް ބުނެ ބޭރަށް ދިޔުމަށް ލަފާ ދީފައިވާ އައިޖީއެމްއެޗް ޑޮކްޓަރުންގެ ލިޔުން ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ބޭރަށް ވަޑައިގެން ބޭސް ފަރުވާ ހޯދުމަށް ވަނީ ހުރަސްއެޅިފަ އެވެ.

ގާސިމްގެ މައްޗަށް ކުރި ހުކުމުގައި ގާސިމް ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ބޭރަށް ވަޑައިގެން ހޯދަވަން ބޭނުންވާ ބޭސްފަރުވާއެއް ހޯދުމުގެ އިންތިޒާމްތައް ކަމާބެހޭ މުއައްސަސާތަކަށް ވަނީ އަމުރުކޮށްފަ އެވެ.