ރިޕޯޓް

ކެންސަރުގެ ހަބަރާއެކު ހިނިތުންވުން ގެއްލި، ކުއްލި ސިހުމުގައި!

"އަބަދު ހެވިފަ ކޮންމެ ވެސް ސަކަރާތެއް ޖެހުމުގަ އުޅޭ ވަރަށް އެކުވެރި ކުއްޖެއް،" 17 އަހަރުގެ ނައުމާ މުހައްމަދާ ގުޅޭ ގޮތުން ކޮންމެ މީހަކު ކައިރީ އަހާލިޔަސް ދޭނީ މި ޖަވާބެވެ. ނައުމާއަކީ ބޮޑު އާބާދީއެއް އޮންނަ ހދ. ކުޅުދުއްފުއްޓަށް އުފަން ޒުވާނެކެވެ. އެ ބޮޑު އާބާދީގެ ޒުވާނުންގެ އާ ޖީލުން ފާހަގަވެގެން ދިޔަ ތަރިއެކެވެ.

ތަފާތު ގިނަ ހުނަރުތަކާއެކު މުބާރާތްތަކުގައި ވިދާލި ޒުވާނެކެވެ. ހުނަރުގެ އިތުރުން ލީޑަޝިޕް ނަގައި، ކަންކަމުގައި ބައިވެރިވެ ހަރަކާތްތެރި ޒުވާނެއްގެ ގޮތުގައި ވެސް ނައުމާ ރަށަށް ފާހަގަވެގެން ގޮސްފައިވެ އެވެ. ނައުމާއަކީ ރައްޓެހިން ގިނަ، ކުޅުއްދުއްފުއްޓަށް ވެސް ފަރިތަ މޫނެކެވެ.

ނަމަވެސް އަބަދުމެ ހެވިފަ ހުންނަ ނައުމާގެ މޫނު މަތީ މިހާރު ހިނިތުންވުމެއް ނެތެވެ. ހިނިތުން ގެއްލި ވަނީ ގޮސްފަ އެވެ. މޫނު މަތިން ފެންނަނީ ހާސްކަމާއި މޮޅިވެރި ކަމެވެ. ކުއްލިއަކަށް ލިބުނު ހަބަރަކާ ގުޅިގެން ނައުމާ އަދިވެސް އިނީ ކުއްލި ސިހުމެއްގަ އެވެ. އެ ޅަ ޒުވާނާ ހަނގުރާމަ ކުރަންޖެހިފައިވަނީ ބޮޑު ބައްޔަކާ އެވެ. ކެންސަރާ އެވެ.

ނައުމާ މިފަހުން ހުންނަން އާތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ފަހަރު މަތިން ދައްކާފައިވެ އެވެ. ނަމަވެސް އެ ހުމެއް ރަނގަޅު ނުވެ މިދިޔަ ހަފުތާ ތެރޭގައި އެޑްމިޓްކޮށް ލޭގެ ޓެސްޓްތަކެއް ހެދުމުން ނައުމާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން ވަނީ ހާމަވެފަ އެވެ.

އާއިލާގެ އެންމެ ހަގު ދަރިފުޅަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުމުން މުޅި އެ އާއިލާ ވެސް ވަނީ ސިހުމެއްގަ އެވެ. އިތުރު ފަރުވާއަށް ނައުމާ މިހާރު މާލެ ގެނެސް ފަރުވާދެމުންދާއިރު ނައުމާއަށް ލިބުނު ކުއްލި ސިހުމާއެކު ނަފުސާނީ ގޮތުން ބޮޑު އަސަރެއް އޭނާއަށް ވަނީ ކޮށްފަ އެވެ. ނައުމާއަށް ކައުންސިލިން ވެސް މިހާރު ދަނީ ދެމުންނެވެ.

ނައުމާގެ ހާލު މިހާރު ވެސް ވަރަށް ދެރަ އެވެ. ހަށިގަނޑުން ފެންނަނީ އަނަރޫފަ ކަމެވެ. ވީއެންމެ އަވަހަކަށް އިންޑިއާއަށް ގެންގޮސް ކެންސަރު ބަލިން އޭނާ ސަލާމަތް ކުރުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ލޭގެ ކެންސަރަކީ ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ކުރަންޖެހޭ ބައްޔެކެވެ. ގާތްގަނޑަކަށް ދެ އަހަރު ހޭދަވާނެ ކަމަށް ބެލެވެ އެވެ.

އެ ބައްޔަށް ބޭސް ކުރެވޭނެ ހަރަދު އާސަންދައިން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، އިންޑިއާގައި އެހާ ގިނަ ދުވަހު ތިބެންޖެހުމާއެކު އާއިލާއަށް ބޮޑު ހަރަދެއް ކުރަން ވަނީ ޖެހިފަ އެވެ. އެ ހަރަދުތައް އަމިއްލައަށް ފޫބެއްދޭވަރުގެ ތަނަސްވަކަމެއް އެ އާއިލާގެ ނެތުމުން ނައުމާގެ ފުރާނަ ސަލާމަތް ކުރުމަށް އާއިލާއިން ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފަ އެވެ. އާއިލާއިން އެދެނީ ނައުމާގެ ހިތާމައަށް ލުޔެއް ގެނެސްދީ، އޭނާއަށް ކޮންމެ ވެސް ވަރެއްގެ އެހީއެއް ކޮންމެ ފަރާތަކުން ވެސް ކޮށްދިނުމެވެ.

ނައުމާއަށް އެހީވުމަށް

ބީއެމްއެލް ރުފިޔާ އެކައުންޓް 7706460644001 Latheefa Hassan
ޑޮލަރު އެކައުންޓް 7706219199001 Ahmed Mohamed
ގުޅުމަށް 9908002 \ 9742184