އެންޓަޓެއިންމަންޓް ދާއިރާގެ މީހެއްގެ "ޑައިހާޑް" ފޭނެއްގެ ނަން ބުނާށޭ ބުނެފިއްޔާ އެންމެ ކުރީގައި އިންނާނީ ސުނީތާ އަލީގެ ނަމެެވެ. ސުނީތާއަކީ ބޮލީވުޑް ފަންނާނެއްގެ ފޭން އެކެވެ. ގެނެސްދޭން މިއުޅެނީ ދިވެއްސެއްގެ އެ ފެންވަރުގެ ފޭން އެއްގެ ވާހަކަ އެވެ. ސުނީތާއަށްވުރެ އއ. މަތިވެރިއަށް އުފަން އަލީ އިނާޒް (އައްޔަ) ދެރައެއް ނުވާނެ އެވެ. އެއީ ރާއްޖޭގައި ހުރި ދިވެހި ފަންނާނެއްގެ ހުރި ހަމައެކަނި "ޑައިހާޑް" ފޭނެވެ.
އައްޔަގެ ތަރިއަކީ މީރާ މުހައްމަދު މާޖިދު އެވެ. އައްޔައަށް މި ރާއްޖޭގައި ހުރި އެންމެ ރީތި އަޑަކީ އެ އަޑެވެ. މީރާގެ "އެޅި މި ކަނޑުމަތި" އާ ހިސާބުން އައްޔަގެ ހިތް އެކަށް އެ އަޑުގައި ޖެހި ބެހިގެން ދިޔައީ އެވެ. ދުވަހަކުވެސް ބައްދަލުނުވެ ހުރި ނަމަވެސް މީރާގެ ފޭނެއްގެ ގޮތުގައި އައްޔަ ވެ ނިމުނީ އެވެ. އެހާ ހިސާބުން އައްޔަ ބޭނުންވީ އައްޔައަށް ވީ ވަރަކުން މީރާ ޕްރޮމޯޓްކޮށްދޭށެވެ.
އެގޮތުން 2014 ވަނަ އަހަރުގެ ފަހުކޮޅު މީރާ މުހައްމަދު މާޖިދު ފޭންގެ ނަމުގައި ޕޭޖެއް ހިންގަން ފެށި އެވެ. ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓަކުން މީރާ ފޮލޯކޮށް މީރާގެ ރައްޓެހިން ފޮލޯކުރަން ފެށި އެވެ. ކޮންމެ ދުވަހަކުވެސް އެ ހުރިހާ އެކައުންޓުތައް ވަކިވަކިން ޗެކުކޮށް އަދި ފޭސްބުކްގައި މީރާ އާ ރައްޓެހި އައްޔަގެ ރަހުމަތްތެރިންގެ އެކައުންޓުން މީރާގެ ޕާސަނަލް އެކައުންޓުގައިވެސް އާ ހަބަރެއް އިނދޭތޯ ޗެކު ކުރެ އެވެ. މީރާގެ އެންމެ އަޕްޑޭޓް ފޭން ޕޭޖަކީ އެއީ އެވެ.
އެ ހުރިހާ ކަމެއް އައްޔަ ކުރަނީ އެއްލައިދޫ ރިސޯޓުގެ ރޫމް ބޯއީއެއްގެ ވަޒީފާގައި އައްޔަ އޭރު ހަރަކާތްތެރިވަމުންނެވެ. ދުވަހަކުވެސް ނުފެންނަ އަދި ފެންނާނެ ކަމުގެ އުންމީދެއް ނެތް މީހެއްގެ ފޭން ޕޭޖެއް ހަދައި އޭނަ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އައްޔަ ކުރަން ފެށުމުން އެކުގައި އުޅުނު ރައްޓެހިން ދިމާވެސް ކުރި އެވެ. އޭގެ ފަހުން އައްޔައަށް މީރާ ބްރޯ އޭ ވެސް ކިޔަން ފެށި އެވެ.
"މީހުން ކިޔާ ދެން ނުވެސް ފެންނަ މީހެއް ޕްރޮމޯޓް ކުރަން ދެން ކޮންކަމެއްހޭ، އަހަރެން ބުނަން އަހަރެން ބޭނުންވަނީ ކޮންމެހެން އޭނައާ ބައްދަލުކޮށް އޭނައަށް މީ ކާކުކަން އަންގާ އެހެން އުޅޭކަށް ނޫނޭ، އަހަންނަށް އޭނަގެ އަޑު ރީތިވީމަ އޭނަ ޕްރޮމޯޓް ކޮށްދޭށޭ ބޭނުންވަނީ، މީހުންގެ މަލާމާތްކުުރާތީ ހިތަށްއެރި ޕޭޖު ޑިލިޓްކޮށްލާ ގިވްއަޕް ކުރަންވެސް، އެކަމަކުވެސް އަނެއްކާވެސް ހިތަށް އެރީ ކޮންމެވެސް ދުވަހަކުން އަދި މީރާ އާ ބައްދަލުވެސް ވާނޭ،" އައްޔަ ބުންޏެވެ.
މީރާގެ ލަވަތައް ފޯނު ފުރެންދެން އަޅައި މީރާގެ ޝޯތަކަށް އައްޔަ މާލެވެސް އާދެ އެވެ. އެކަމަކު މީރާ އާ ބައްދަލެއް ނުކުރެ އެވެ. އެންމެ ފުރަތަމަ އައްޔައާއި މީރާ ބައްދަލުވީ މިދިޔަ އަހަރު ސީ ހައުސްގައި އޮތް މީރާގެ ޝޯ އަަކަށް ފަހު އެވެ. ފުރަތަމަ ފެނިލުމުންވެސް މީރާއަށް އެއީ އޭނާގެ ފޭން ޕޭޖު ހިންގައިދޭ މީހާކަން އެނގުނެވެ.
އެ ދުވަހު އައްޔައަށް ކުރެވުނު އިހުސާސް އޭނާއަށް ބުނެދޭންވެސް ނޭނގެ އެވެ. މިހާތަނަށް އައްޔަ އާ މީރާ ބައްދަލުވީވެސް ފަސް ވަރަކަށް ފަހަރު އެވެ. މީރާގެ އަމިއްލަ ފޭސްބުކް އެކައުންޓުން އައްޔަ އާއި ފްރެންޑްވީވެސް މިދިޔަ މަހުގެ ތެރޭގަ އެވެ.
"އިން ޕާސަން އަބަދު އަބަދު މީރާ އާ ބައްދަލު ކުރާކަށް ބޭނުމެއް ނުވޭ، އައްޔަ މިހާރު އެއާޕޯޓުގައި މަސައްކަތް ކުރާތީ މީރާމެން ރިސޯޓުތަކަށް ދާއިރު ދިމާވާނެ އެއާޕޯޓުން، އެކަމަކު މިހާރުވެސް ފެނިއްޖެޔާ މީރާ އައިސް ހައި ޖަހާލާ ވާހަކަ ދައްކާލާނެ، އައްޔަ ކުރިން ހީކުރަނީ ވަރަށް ފޮނިވާނެ ކަމަށް، އެކަމަކު ވަރަށް ހިތް ހެޔޮ ކޫލް މީހެއް އެއީ، ފުރަތަމަ އަައްޔަގެ މެސެޖަށް ފޭސްބުކް އިން ރިޕްލައި ކުރީމަވެސް އެނގުނު ފޮނި ނޫންކަން،" އައްޔަ ބުންޏެވެ.
މީރާ އާ ބައްދަލުވެ މީރާގެ އެ ޕޭޖު ހިންގައިދެނީ އައްޔަކަންވެސް މީރާއަށް އެނގިއްޖެ އެވެ. އެ ޕޭޖަށް 14،000 އަށްވުރެ ގިނަ ލައިކްސް ލިބި ފޮލޯ ކުރަމުންދެ އެވެ. ޕޭޖު ހިންގަން މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ މީރާގެ މަންމަ އެވެ. ޕޭޖު ހިންގަން ރަނގަޅު ހިޔާލުތައްވެސްދެ އެވެ. ޕްރައިވެޓް ކޮށް ބޭއްވި މީރާގެ ކައިވެނީގެ ހަފްލާއަށް އައްޔައަށް ދައުވަތުވެސް ދިނެވެ. މަދު ބަޔަކާއި އެކު ބޭއްވި އެ ހަފްލާއަށް އައްޔައަށް ދައުވަތު ލިބުމަކީ މީރާއަށް އައްޔަ ކަމުގޮސްފައިވާ ކަމުގެ ނިޝާނެކެވެ.
މީރާގެ ފޭން ޕޭޖެއް ހަދައި އެ ހިންގުމުން އައްޔަގެ މަަސައްކަތް ނިމުނީކީ ނޫނެވެ. އަމިއްލަ އަތުން ހަރަދުކޮށްގެން ފޭސްބުކް ޕޭޖުގެ ބައެއް ޕޯސްޓުތައް ބޫސްޓުވެސް ކުރެ އެވެ. ޔޫޓިއުބުން މީރާގެ ލަވަތައް ބަލައިލާ ވިއުސް ގިނަ ކުރެ އެވެ. އަދި ރައްޓެހިންނާ ބައްދަލުވުމުން އެމީހުންގެ ފޯނުންވެސް މީރާގެ ލަވަތައް ޕްލޭ ކުރެ އެވެ. އެންމެ ބޭނުމަކު އެވެ. ވިއުސް ގިނަ ކުރާށެވެ. ކުރިން އައްޔަ ބޭނުން ކުރަމުން އައި ފޯނުގައި ހުރީ ހުސް މީރާގެ ލަވަ އެވެ. މިހާރު އައްޔަ ގިނައިން ލަވަ އަޑުއަހަނީ ސައުންޑްކްލައުޑުންނެވެ. އައްޔަގެ އަމިއްލަ ފޭސްބުކް އެކައުންޓުގައިވެސް ގިނައީ މީރާގެ ޕޯސްޓުތަކެވެ.
"މީރާގެ އޮފިޝަލް ޕޭޖަށް ޕޯސްޓެއް ލާއިރަށް އެ ފޮޓޯ ނަގާފައި އެޑިޓްކޮށްފައި ރީތި އެއްޗެއް ލިޔެލާފައި ޕޭޖުގައި ޝެއާކޮށްލަން، އައްޔަ ޕޭޖުގައި ޝެއާކުރާ ކޮންމެ ޕޯސްޓެއް އަމިއްލައަށްވެސް ޝެއާ ކުރަން، އޭރަށް އައްޔަގެ ފްރެންޑްލިސްޓުގައި ތިބި މީހުންގެ ތެރޭގައި މީރާ ފޮލޯ ނުކުރާ މީހުންނަށްވެސް ފެންނާނެއްނުން، ފުރަތަމަ މީރާއާއެކު ނެގި ސެލްފީވެސް ލީން އައްޔައަށް ދިމާކުރި އެންމެންނަށް ދައްކާލަން، އައްޔަ އާ މީރާއަށް ބައްދަލުވިކަން އަންގާލަން،"
އައްޔައަށް މީރާ ކަމުދިޔަވަރުގެ އިތުރު ހެއްކެއް ބުނެފާނަމެވެ. އައްޔަ އާއި މީރާ ބައްދަލުވުމުގެ ކުރިން އައްޔަ އަދި މީރާގެ ފޮޓޯ އެޑިޓްކޮށް ގުޅުވައިގެންވެސް އައްޔަ ބޭނުންކުރި އެވެ. ދެ މީހުންގެ ފޮޓޯތައް ލައިގެން ކޮލާޖްތައްވެސް ހަދާ ފޭސްބުކްގައިވެސް ބޭނުންކުރި އެވެ. މީހުން ކިޔާ އެއްޗަކަށް ބެލުމެއް ނެތި އެވެ. އުމުރުން 23 އަހަރުގެ އެ ޒުވާނާއަކީ މިއަދު ރާއްޖޭގައި ހުރި މީރާގެ ނަމްބާ ވަން ފޭން އެވެ.
"މީރާގެ ހާޑްކޯ ފޭނަކަށް ވީމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، އަދި ޕޭޖު އައްޔަ ހިންގަނީ ވަރަށް ރަނގަޅަށް، އެހެންވެ މީރާ ވަރަށް އުފާކުރަން، އަބަދުވެސް ތިގޮތުގައި ހުންނައްޗޭ، މީރާ އަބަދުވެސް ފޭސްބުކްގައި އައްޔަ އެ ލިޔާ އެއްޗެހިން ސަޕޯޓު ލިބެޔޭ، އިންސްޕަޔާ ވެޔޭ،" އައްޔަގެ މަސައްކަތާއި ދޭތެރޭ މީރާގެ ހިޔާލަކީ މިއީ އެވެ.