މީރާ މުހައްމަދު މާޖިދު

ބްރޭކް ނަގައިގެން މީރާ ކުރާ ކަމަކީ މިއީ!

ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި މީރާ މުހައްމަދު މާޖިދުގެ ނަން އިންނާނީ އެންމެ ކުރީ ބައިގަ އެވެ. ގިނަ ދިވެހިންގެ ހިތްތަކަށް މީރާ ވެރިވެގަތީ ލަޔަކިޔުންތެރިޔާ ޔާމިން ރަޝީދާއެކު ރިކޯޑުކޮށްފައި ދޫކޮށްލި ކަވާ ލަވަތަކުންނެވެ. މީރާގެ އެ ލަވަތައް ހިޓަކަށްވެ އަރައިގެން ދިޔައީ އެވެ. އެފަހުން މީރާގެ ކޮންމެ ލަވައެއްވެސް އެއީ ހިޓެވެ. ކާމިޔާބެވެ.

މިފަހަރު ދައްކަން މިއުޅެނީ މީރާގެ ލަވައިގެ ވާހަކައެއް ނޫނެވެ. މީރާގެ އާ ލަވައެއް އަދި ކަވާ ލަވައެއް ވެސް ނީވެ އެވެ. ކައިވެންޏަށްފަހު މީރާ ގެއްލިއްޖެއޭ ވެސް އެބަ ކިޔަ އެވެ. ލަވަޔާއި ދުރުގައި މާ ބިޒީކޮށް މީރާ ކުރާ ކަމެއްވެސް ބަލައިލަންވާނެ އެވެ. މީރާ ބުނި ގޮތުގައި މާލެ ތެރޭގައި ޝޯ ދިނުމާއި ރިކޯޑިންތަކުން ކުޑަ ބްރޭކެއް ނެގީ އެވެ.

ހަފްތާއަކު ދެ ދުވަހު ނުވަތަ ތިން ދުވަހު ރިސޯޓަށް މިއުޒިކް ކުޅެން ދަމުން މީރާ ކުރާ މަސައްކަތަކީ ކްރާފްޓް މަސައްކަތެވެވެ. ފޮތް ހެދުމާއި، ޑޫޑްލް އާޓްއިން ފޮތުގެ ކަވަރު ހެދުމާއި، ލެންޓާންސް ފަދަ އަތްތެރި މަސައްކަތްތައް ކުރުމުގަ އެވެ. މެމޮރީ ބުކް، ނުވަތަ ސްކްރެޕް ބުކް ކަހަލަ ފޮތްތައް ޑިޒައިންކޮށް ރީތި ކުރުމުގަ އެވެ.

މި މަސައްކަތް މީރާ ފަށައިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ދުވަސް ވެއްޖެ އެވެ. މަންމަ ކައިރިން ދަސްވެފައިވާ އެ މަސައްކަތް މީރާ ވަނީ މީރާގެ ކައިވެނީގައި ދައްކާލާފަ އެވެ. އެގޮތުން ޕާޓީގައި ބޭނުންކޮށްފައި ހުރި ލެންޓާންސް ތަކާއި އަދި ބެކްޑްރޮޕަކީ ވެސް މީރާގެ އަމިއްލަ މަސައްކަތެވެ. އެ މަސައްކަތްތަކަކީ ހުސް ވަގުތުގައި މީރާ ކުރާ މަސައްކަތެއް ނަމަވެސް އެ މަސައްކަތް ނިކަން ކާމިޔާބެވެ.

ދުވާލަކު ދެ އެއް ނުވަތަ ތިން އޯޑަރު ލިބެ އެވެ. މީރާ ބުނަނީ އެކަމުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށެވެ. އަދި މިހާތަނަށް ކަސްޓަމާ އޯޑަރަކަށް ނެހެދި ނަމަވެސް ފްލޯރަލް ކްރައުންސް ވެސް އޭނަ ހަދަ އެވެ. މީރާ ބުނީ އޯޑަރު ދޭތާ ދެއެއް ނުވަތަ ތިން ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށާއި އަދި އޯޑަރު ދޭން ބޭނުންވާނަމަ މީރާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓެއް ކަމަށްވާ "މިރެކަލްސް އޮފިޝަލް" އަށް މެސެޖްކޮށްލުމުން އޯޑަރު ދެވުނީ ކަމަށެވެ.

އެ މަސައްކަތާއެކުވެސް މީރާ އަންނަަނީ އަމިއްލަ ލަވަތަކެއްގެ މަސައްކަތްވެސް ކުރަމުންނެވެ.

"އަމިއްލަ އެއްޗެހި [ލަވަ] ތަކެއްގެ މަސައްކަތް ވެސް ކުރަމުން މިދަނީ، ވަރަށް އަވަހަށް އިވޭނެ، ވީޑިއޯ ހަދަން ކިޔާތީ ވަކި ތާރީހެއް ސީދާ ބުނަން ނޭނގެނީ،" މީރާ ބުންޏެވެ.

އެހެންވީމަ މާ ބިޒީކޮށް މީރާ މިކުރާ މަސައްކަތް މިހާރު އެނގިއްޖެއެއް ނޫން ހެއްޔެވެ؟ މީރާގެ އެ މަސައްކަތްތައް ކަމުދާނަމަ އަވަހަށް އޯޑަރު ދޭން އުޅޭށެވެ.