މިއުޒިކް

ޝަމްވީލްގެ ފުރަތަމަ ލަވަ ކުޑަކުދިންނަށް!

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ދެ ވަނަ ރަނާރަޕް ޝަމްވީލް މުހައްމަދުގެ އަޑު ވަރަށް ގަދަ އެވެ. އަމިއްލަ ލަވައެއްް ނުނެރުނު ނަމަވެސް ޝަމްވީލްގެ އަޑުން ރީތި ކަވާ ލަވަތައް އަންނަނީ މެދުކެނޑުމެއް ނެތި އިވެމުންނެވެ. އެއާއެކު އަމިއްލަ ލަވަތަކެއްގެ މަސައްކަތްވެސް އޭނަ އަންނަނީ ކުރަމުންނެވެ.

ދިންބާ މިއުޒިކްގެ އަމިއްލަ ރާގަކާއި، ޅެމަށް ޝަމްވީލް މިވަނީ އޭނާގެ އަޑުން ކަވާނޫން ލަވައެއް ކިޔާފަ އެވެ. "ދޫނި ސޮރު" ނަމަކަށް ކިޔާ އެ ލަވައަކީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ލަވަ އެކެވެ. އެ ލަވައިގައި ޝަމްވީލް ކިޔައިދޭނީ ގުުދުރަތުގެ ރީތިކަމާއި ވެލާ ކަހަނބުގެ ވާހަކަ އެވެ. ކުޑަކުދިންނަށް ވަރަށް ކަމުދާނެ އެވެ.

ވީޑިއޯ އިން ޝަމްވީލްވެސް ފެނިގެންދާ އެ ލަވައިގެ ވީޑިއޯ ހަދާފައިވަނީ މާސްކޭ ސްޓޫޑިއޯ އިންނެވެ. މިއަދުގެ ވަގުތެއްގައި އެ ލަވަ ރިލީޒްކުރާނެ އެވެ.

"ދޫނި ސޮރު"ގެ ޓްރެއިލާއެއް. --

ޝަމްވީލް ބުނީ އޭނާގެ އަމިއްލަ ލަވައެއް އިވެން ދެމަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެއީ އަމިއްލަ ރާގުގެ ޝަމްވީލް މިހާރު އަންނަނީ މޯލްޑިވިއަން އައިޑޮލް އިން އޭނަ އާ އެކު ވިދާލި ހުސެން ސަމާހު އާ އެކު އަމިއްލަ ބޭންޑެއް ހަދާ ރިސޯޓު މިއުޒިކުގައި ފައި ހަމަ ކުރަމުންނެވެ.

ޝަމްވީލާއި ސަމާހު އެކުގައި އުފައްދާފައިވަނީ އެންމެ ބޭންޑެއް ނޫނެވެ. ދެ ބޭންޑެވެ. ރިސޯޓް މިއުޒިކް އަދި ވެޑިންތަކުގައި މިއުޒިކް ކުޅެން ތިން ފަންނާނުންގެ ކުޑަ ބޭންޑެއް އަދި ބޮޑެތި އީދު ޝޯތައް ފަދަ ޝޯތަކުގައި ކުޅުމަށް ބޮޑު ބޭންޑެކެވެ. ކުޑަ ބޭންޑުގައި ހަރަކާތްތެރިވަނީ ޝަމްވީލާއި ސަމާހުގެ އިތުރުން އައިޑޮލް ބޭންޑުގެ ގިޓަރިސްޓް ސަމާހު އެވެ. އަދި ބޮޑު ބޭންޑުގައި އެ ތިން ފަންނާނުންގެ އިތުރުން ބައެއް ފަހަރު ޝަމްވީލްގެ ކޮއްކޮ އަދި ޑްރަމަރެއް ވެސް ހަރަކާތްތެރިވެ އެވެ.

ޝަމްވީލް މިހާރު އަންނަނީ ކުރިއަށް އޮތް އަލްހާ އީދުގެ ޝޯތަކަށްވެސް ތައްޔާރުވަމުންނެވެ. މި އީދުގައި ދެ ރަށެއްގައި ޝަމްވީލް ޕާފޯމްކުރާނެ އެވެ.