އަންނަ މަހު ހަވަނަ ދުވަހު ރިލީޒްކުރާ އަދި ޕްރޮޑަކްޝަން ޓީމުން "ރިކޯޑް ބްރޭކިން މޫވީ"ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ފިލްމު "ހައްދު"ގެ ގިބަ ޓީޒާތަކާއި ޓްރެއިލާތައް މިހާރު ބެލުންތެރިންނަށް ދޫކޮށްލައިފި އެެވެ. އެކި އެކި ފޮޓޯތަކާއި ފިލްމުގެ އޯޑިއޯ ލަވަތައްވެސް އެވެ. މީގެ އިތުރުން ވީޑިއޯ ލަވައެއްވެސް ދޫކޮށްލަފި އެވެ.
ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ހައްދު" ފިލްމުގެ އެކި ރަހަތަކުގެ އެކި ޓީޒާތަކެވެ. ލޯބީގެ ހޫނުން މީހާ ފިއްސާލާ ކަހަލަ ރޮމޭންޓިކް މަންޒަރުތަކާއި ހިތާމައާއި އަސަރުން ފުރިގެންވާ މަންޒަރުތަކެވެ. އަދި އަނިޔާވެރިކަމުގެ އިންތިހާވެސް ފެނިގެން ހިނގައްޖެ އެވެ.
އިއްޔެވެސް ހައްދުގެ އިތުރު ޓްރެއިލާއެއް މިވަނީ ދޫކޮށްލާފަ އެވެ. އެ ޓްރެއިލާއަކީ އަސަރާއި ހިތާމައިން ފުރިގެންވީ މަންޒަރުތަކެވެ. ހީވާ ގޮތުން ލީޑް ރޯލުން ފެނިގެންދާ އަހްމަދު ޝިބާން އަށް ކޮންމެވެސް ކަމެއް ދިމާވީ އެވެ. ޝިބާނާއެކު ލީޑް ރޯލުން ފެނިގެންދާ އައިމިނަތު ރިޝްފާއަށް ހިތާމައާއި ހިތްދަތިކަން ކުރިމަތުވެފައިވާ މަންޒަރުތައް ފެނެ އެވެ.
ފިލްމުގެ އެ ކުދިކުދި ފެނިލުންތަކަށް ބަލައިގެން ފިލްމުގައި ވާގޮތް ގެސްކޮށްލަން ހިނގާބަލާށެވެ. ހީވާގޮތުން ފިލްމު ފެށިގެން އަންނަ އިރު ލީޑް ރޯލުން ފެނިގެންދާ މަރިޔަމް އައްޒަ އަދި އަހްމަދު ޝިބާން އަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިންނެވެ. ނޭނގި ތިއްބާ އެ އެކުވެރިކަން ލޯތްބަށް ބަދަލުވަނީ އެވެ. ޝިބާންގެ ހަޔާތަށް އައިމިނަތު ރިޝްފާ އަންނަނީ އެހާ ހިސާބުންނެވެ. ރިޝްފާ އާއި ޝިބާން އާ ދެމެދު ލޯބި އުފެދި އެ ގުޅުން ކައިވެންޏާ ހިސާބަށްދެ އެވެ. އައްޒައަށް ބޮޑު ހިތްދަތިކަމެއް ލިބޭކަން ޔަގީނެވެ. އޭގެ އިތުރުން ޝިބާންއަށްވެސް ކަމެއް ދިމާވެ ރިޝްފާވެސް ފުން ހިތާމައެއްގެ ތެރެއަށް ގަންބާލަ އެވެ.
ފިލްމުގެ މަންޒަރެއްގެ ފޮޓޯއެއްގެ ގޮތުގައި ދޫކޮށްލާފައިވާ އެއް ފޮޓޯގައި ޖުއްބާލައި ބޮލުގައި ފޮށާ އަޅަައިގެން ހުއްޓާ ފެންނަ އަލީ އާޒިމް (ދޮން އައްޔަ) އަކީ އައްޒަގެ ބޭބެއެއް ކަމަށް ބެލެވެ އެވެ. މާ ތަނަވަސް ބައެއް ހެނެއްވެސް ހިއެއް ނުވެ އެވެ. އެއާ ހިލާފަށް ރިޝްފާ އަކީ ތަނަވަސް އާއިލާއެއްގެ މެންބަރެއް ކަމުގައި ހީވެ އެވެ.
މިއީ ޓްރެއިލާތަކާއި ޓީޒާތަކަށް ބަލާފައި ހީވާ ގޮތެކެވެ. އަމިއްލައަށް ހީވާގޮތް ކޮމެންޓް ކުރަމުން ގެންދަންވީ އެވެ.
ސަޕޯޓިން ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި ނުޒުހަތު ޝުއައިބު (ނުޒޫ)ވެސް ފެނިގެންދާނެ އެވެ. ފިލްމު ނަގާފައިވަނީ ހއ. އުތީމާއި އެ އަތޮޅު ކެލަ އާއި ރ. އަނގޮޅިތީމު އަދި އެ އަތޮޅު ވާދޫގަ އެވެ. ރިސޯޓުގައިވެސް ބައެއް މަންޒަރުތައް ނަގާފައިވެ އެވެ. އެ ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. އެ ދެމީހުންގެ ދަރިފުޅު ޔޫސުފް އަލްސަންގެ އަޑުވެސް އިވިގެންދާނެ އެވެ.
ފިލްމުގެ ލަވަތަކާއި ބެހޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުލް ފައްތާހު ބުނީ ފިލްމުގައި ހިމެނޭ ހުރިހާ ލަވަތަކަކީވެސް އަމިއްލަ ރަގުގެ ލަވަ ކަމަށެވެ. އަދި އެ ލަވަތަކަކީ ފިލްމު ތެރެއަށް ލަވައެެއް ލުމުގެ ބޭނުމުގައި ލާފައިވާ ލަވަތަކެއް ނޫން ކަމަށެވެ. ލަވަތަކުގެ ލިރިކްސް ތައްޔާރުކުރި ތޭރަވާ ބުނީ އެލަވަތަކަކީ ފިލްމުގެ ސްކްރިޕްޓްގެ އެއްބައި ކަމަށެވެ. ހައްދުގެ ކޮންމެ ލަވައެއްވެސް ތައްޔާރުކޮށްފައިވަނީ ވަކި މިއުޒީޝަނެކެވެ.
ހައްދުގައި ޝިބާން އަދި ރިޝްފާ އާއެކު ލީޑު ރޯލުން މަރިޔަމް އައްޒަވެސް ފެނިގެންދާނެ އެވެ. ސައުންޑް ކްލައުޑުން މިހާރު ލިބެން ހުރި ލަވަތަކަކީ "ގިރިޓީ ލޯބިން"، "ތައުބާ"، "ދުއާ"، "އުދުހިލަމާ"، "ނޭދެމެ އަލިވިލޭކަށް" އަދި "ބީހިލާށޭ" އެވެ. އަވަހަށް ލަވަތައް ޕްލޭލިސްޓަށް އިތުރު ކޮށްލާށެވެ.
ހައްދުގެ ޓިކެޓް މިހާރު ވިއްކަން ފަށައިފި އެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.
މާލޭގެ ހައްދު ޕްރިމިއާ ކުރުމަށްފަހު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އައްޑޫގައި ކުލަގަަދަކޮސް ފިލްމު ޕްރިމިއާ ކުރާނެ އެވެ. އަދި 14 ވަނަ ދުވަހުގެ ރޭ ހދ. ކުުޅުދުއްފުށީގައިވެސް ފިލްމު ކުލަގަދަކޮށް ޕްރިމިއާ ކުރާނެ އެވެ. އެ ހުރިހާ ޕްރިމިއާތަކެއްގައިވެސް ފިލްމުގެ ތަރިންނާއި ޓީމް ބައިވެރިވާނެ އެވެ.