ބޮލީވުޑް

ކަރީނާ އާއެކު ދަރިފުޅު ތައިމުރް ވެސް ފިލްމު ކުޅެނީ؟

Aug 26, 2017

ބަތަލާ ކަރީނާ ކަޕޫރު އަލަތު ދަރިފުޅު ތައިމޫރަށް ބަލިވެ އިންކަން އެނގުނު ހިސާބުން ވަނީ ވިހައި ގަދަވެ، އަލުން ކުރީގައި ހުރި ލޫޅާފަތި ހަށިގަނޑު އަނބުރާ ލިބެންދެން ފިލްމު ކުޅުމާ ދުރަށް ޖެހިލާފަ އެވެ.

މިދިޔަ ޑިސެމްބަރުގައި ވިހައި، މިހާރު ތައިމޫރަށް އަށް މަސް ވެފައިވާއިރު، ކަރީނާ އަންނަނީ ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންނެވެ.

ކަރީނާ އާއެކު މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ފެނިގެންދާ މި ފިލްމަކީ އިންޑިއާގައި ބަތަލާއިންނަށް ހާއްސަކޮށްގެން އުފައްދާ ފުރަތަމަ ފިލްމެވެ.

ރީއާ ކަޕޫރާއި އެކްތާ ކަޕޫރު ގުޅިގެން ޕްރޮޑިއުސްކޮށް، ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމުގައި ކަރީނާގެ ތުއްތު ދަރިފުޅު ތައިމޫރް ހާއްސަ ފެނިލުމަކުން ފެނިގެންދާނެ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ތައިމުރް މި ފިލްމުގައި ވަރަށް ކުޑަ މަންޒަރަކުން ފެނިގެންދާނެ އެވެ. ވަރަށް ގާތް ހަތަރު އެކުވެރިންގެ ހަޔާތުގެ ވާހަކަ ފެނިގެންދާ މި ފިލްމުގައި ތައިމުރް ދައްކާލަން ފިލްމު އުފައްދާ ފަރާތުން ބޭނުންވާތީ ސްކްރިޕްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެ އެވެ.

"ވީރެ ދި ވެޑިން" ގައި ކަރީނާ އާއެކު ތައިމުރް ފެނިގެންދާނެ ވާހަކަ ދެކެވެން ފެށި އެ ވާހަކަ ފެތުރެން ފެށުމާއެކު ކަރީނާ އާއި ސައިފްގެ އިތުރުން ފިލްމު އުފައްދާ ފަރާތުން ވެސް ނެރުނު ބަޔާނެއްގައި ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެމީހުން ނެރުނު ބަޔާޏުގައި ވަނީ ތައިމުރް ފިލްމުގައި ފެނިގެންދާ ވާހަކަ އަކީ އެއްވެސް ތާކުންތާކު ނުޖެހޭ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ.

މިހާރު ވެސް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް އެންމެ އަށް މަހުގެ ތުއްތު ތައިމުރަށް ލިބިފައިވާއިރު، މި ފިލްމުގައި އޭނާ ފެނިގެން ގޮސްފިނަމަ މިއީ ކަރީނާ އަށް ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަވެގެން ދާނެ ފިލްމެކެވެ.

ތައިމުރް މި ފިލްމުގައި ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ މައިންބަފައިންގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނެއްގައި ދޮގުކޮށްފައިވާއިރު، އެއްބަފާ އެންމެ ބޮޑު ދައްތަ ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަން އަންނަނީ ތައްޔާރުވަމުންނެވެ.

ތައިމުރް "ވީރެ ދި ވެޑިން" ގައި ފެނިގެން ގޮސްފިނަމަ އޭނާ އަކީ މަޝްހޫރު ތަރިންގެ ދަރިންގެ ތެރެއިން ޅަ އުމުރުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ކުއްޖާއެއް ނޫނެވެ.

ޝާހްރުކް ޚާންގެ ހަނގު ދަރިފުޅު އަބްރާމް ވެސް ވަނީ 2014 ވަނަ އަހަރު ނިކުތް ޝާހްރުކް ލީޑްރޯލުން ފެނިގެން ގޮސްފައިވާ ފިލްމު "ހެޕީ ނިއު އިޔާ" ގެ ކުޑަ މަންޒަރަކުން ފެނިގެން ގޮސްފަ އެވެ. އޭރު އަބްރާމްގެ އުމުރުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހެވެ.