ދުނިޔެ

ޗައިނާއާ ސައުދީ ގުޅިގެން 20 ބިލިޔަން ޑޮލަރުގެ ފަންޑެއް

ޗައިނާއާއި ސައުދީ އަރަބިއްޔާ ގުޅިގެން 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ފަންޑެއް ގާއިމްކުރަން އެ ދެ ގައުމުން ނިންމައިފި އެވެ.

ސައުދީ އެނާޖީ މިނިސްޓަރު ހާލިދު ފާލިހު ބުރާސްފަތިދުވަހު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ޗައިނާއާއި ސައުދީ ގުޅިގެން ގާއިމްކުރާ އިންވެސްޓްމެންޓް ފަންޑުގެ ގެއްލުމާއި ފައިދާ ދެގައުމުން ހިއްސާކުރާނީ އެއްވަރަކަށް ކަަމަށެވެ. ފަންޑު ގާއިމްކުރަން ނިންމާފައިވާ ކަން ހާމަކޮށްފައި މިވަނީ ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ޒާން ގައޯލީ ސައުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހުގަ އެވެ.

ޒާން ވަނީ އަންގާރަ ދުވަހު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދާއި ޖިއްދާގައި ބައްދަލު ކުރައްވާފަ އެވެ.

އިންވެސްޓްމެންޓް ފަންޑެއް ގާއިމްކުރަން ނިންމާފައި ވާއިރު ޗައިނާއާއި ސައުދީން ވެސް އަންނަނީ އިގުތިސާދު ފުޅާކުުރުމުގެ ބިޔަ މަޝްރޫއުތައް ހިންގަމުންނެވެ. ޒާންގެ ދަތުރުފުޅުގައި ސައުދީން ވަނީ ޗައިނާއިން އެ ގައުމަށް ތެޔޮ ވިއްކުމުގައި ކުރިއަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަަމަޖައްސައިދީފަ އެވެ. އެގޮތުން ތެލުގެ އަގު ޗައިނާގެ ފައިސާ ، ޔުއާން އިން ބަލައިގަތުމަށް ސައުދީ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.