ކެނެޑާ

ދިވެހި މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރަން ކެނެޑާ ގޮވާލައިފި

ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކުރަން ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި އެވެ.

ރާއްޖެއަށާއި ސްރީލަންކާއަށް ހާއްސަކޮށް ކޮލަމްބޯގައި ގާއިމްކޮށްފައިވާ ކެނެޑާ އެމްބަސީން ކުރި ސިލްސިލާ ޓްވީޓްތަކެއްގައި ބުނެފައި ވަނީ ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުން ދަނީ ޑިމޮކްރަސީގެ އުސޫލުގެ އިތުރުން ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފު ކަންތައްތަކެއް ކަަމަށެވެ.

"ޑިމޮކްރަސީން ލިބިދޭ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މުއައްސަސާތަކުގެ މިނިވަންކަން ކަށަަވަރުކުރަން އަހަރެމެން ދިވެހި ސަރުކާރަށް ގޮވައިލަން،" ކެނެޑާ އެމްބަސީގެ ސިލްސިލާގައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ކެނެޑާ އެމްބަސީން އަދި ބުނެފައި ވަނީ ހުރަސް އެޅުމާއި ގޯނާއިން ސަލާމަތްްވެފައިވާ މިނިވަން ޕާލަމެންޓަކާއި އިދިކޮޅު ފަރާތްތައް ތިބުމަކީ ރަނގަޅު ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުން އުއްމީދު ކުރަނީ އަދި ލިބެން ޖެހޭނީ ވެސް އެފަދަ ޑިމޮކްރަސީއެއް ކަަމަށެވެ.