ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި އިންސާފަށް ހުރަސް އެޅޭ ފަދަ އަމަލުތައް ނުހިންގަން ބަންޑާރަ ނައިބު މުހައްމަދު އަނިލްއަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ނެރުން ބަޔާނެއްގައި މި ގޮތަށް ބުނެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި އަނިލް އާއި އަނިލް ސުޕްރީމް ކޯޓަށް ވަދެވަޑައިގަތް ކަމަށް ތުހުމަތު ކުރާ ފޮޓޯތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަނިލް އާއި ބައެއް ވަޒީރުން ސުޕްރީމް ކޯޓަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރަނީ ސިޔާސީ މަސްރަހު ނުތަނަވަސްވެ، ބައެއް މެންބަރުންގެ ގޮނޑި ގެއްލިފައިވާ މައްސަލައިގެ ހުކުމް ނީއްވާ މަހެއްހާ ދުވަސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. އެފަދަ ދަނޑިވަޅެއްގައި ދަންވަރުގެ ގަޑިއެއްގައި ކޯޓަށް ވަދެވަޑައިގަތުމަކީ ނުފޫޒު ފޯރުވައި އިންސާފަށް ހުރަސް އެޅުވަމުންދާ ކަމަށް ބެލެވޭ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"... އެހެންކަމުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާގެން ކޯޓުގެ މިނިވަންކަމާއި އިންސާފަށް ހުރަސް އެޅޭނެ އެއްވެސް އަމަލެއް ދައުލަތުގެ ބަންޑާރަ ނައިބާއި ވަޒިރުން ނުކުރެއްވުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް އަނިލް ވެސް އަދި ސުޕްރީމް ކޯޓުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.