ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒު ހިމެނޭ ސަރަހަށްދަށް އެއްވި މީހުން ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހުމުން ބަޔަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ އިހުތިޖާޖު ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމަށާއި ސިޔާސީ އިސް ފަރާތްތަކާ މެދު އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރުމަށެވެ. އެގޮތުން މިހާރު ބަންދުކޮށްފައި ތިބި ސިޔާސީ ފަރާތްތަކުގެ ޕޯސްޓަރުތައް ހިފައިގެން އަޑުގަދަ ކުރި އެވެ.
ނަމަވެސް އެ ސަރަހައްދަށް ގިނަ އަދަދަކަށް އެސްއޯ ފުލުހުން އައިސް އެއްވުން ރޫޅާލަން މަސައްކަތް ފެށި އެވެ. އެކަމުގެ ތެރޭގައި ޕެޕާ ސްޕްރޭ މީހުންގެ މޫނަށް ޖެހުމުން ބައެއް މީހުންނަށް އަނިޔާވެގެން ކުނޫޒަށް ވެއްދި އެވެ. އެ މީހުންގެ ތެރެއިން ތިން އަންހެނުންނާއި ފިރިހެނަކު ވަނީ ފަރުވާ ދިނުމަށް އެމްބިއުލެންސްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ވަނީ އެއްވުން ރޫޅާލައި މުޒާހަރާ ކުރި މީހުން ކުނޫޒުގެ ތެރެއަށް ވައްދާފަ އެވެ. މި އެއްވުމުގެ ތެރޭގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އިދިކޮޅު ފަަރާތްތަކުން ގާތްގަނޑަކަށް ކޮންމެ ރެއަކު މާލޭގައި މަގުމަތީގެ ހަރަކާތްތައް ބާއްވަމުންދާ އިރު މިއަދު ވަނީ ގއ. ވިލިނގިލީގައި ވެސް މުޒާހަރާއެއް ބާއްވާފައިވެ އެވެ.