ކުޅިވަރު

ދަގަނޑޭ އެނބުރި އައުމުން ޓީމުން ތަފާތު ފެނިއްޖެ: ކޯޗް

Aug 27, 2017

ޓީމުގެ ރަސްމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި ގައުމީ ޓީމަށް އައުމުން، ބޮޑު ކުރިއެރުމެއް ސްކޮޑަށް ލިބިގެން ހިނގައްޖެ ކަމަށާއި އިތުބާރު ވެސް ބޮޑުވެގެން ހިނގައްޖެ ކަމަށް ގައުމީ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި، އަންނަ މަހު ފަސް ވަނަ ދުވަހު އޮމާންއާ ދެކޮޅަށް ކުޅޭ މެޗައް ތާއްޔާރު ވުމަށް، މިއަދު ގަތަރަށް ފުރުމުގެ ކުރިން، ސްޓްވާޓް ބުނީ، އޭޝިއާގެ ފުޓްބޯޅައިގައި އޭނާ މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ ކަމަށާއި އަޝްފާގް ވަރުގެ ފުރިހަމަ ކުޅުންތެރިޔަކާ އޭނާ ބައްދަލު ވެފައި ނުވާ ކަމަށެވެ.

ސްޓްވާޓް ބުނީ، އޭނާގެ ވިސްނުން ހުރީ، އޮމާންގެ އަވޭ މެޗަށް ޓީމަށް ނުނަގައި އޮކްޓޫބަރު މަހު 10 ގައި ރާއްޖޭގައި ކުޅޭ ހޯމް މެޗަށް ދަގަނޑޭ މުޅިން ފިޓްވުމަށް ފުރުސަތު ދޭން ކަމަށާއި، ނަމަވެސް އަވޭ މެޗަށްވެސް ޓީމަށް އެނބުރި އަންނަން ބޭނުންވީ އޭނާ އަމިއްލައަށް ކަމަށެވެ.

"[އަސަދުﷲ އަބްދުﷲ] އަސައްކޮ އޭނާ ފިޓްވުމަށްޓަކައި އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި، ނަމަވެސް އޭނާ ހުރީ ކުޅެވޭ ވަރުގެ ހާލަތެއްގައެއް ނޫން، އޭއީ އޭނާ އަށް ވެސް އަދި އޭނާގެ ކުލަބު [މާޒިޔާ] ވެސް ބޭނުންވާނެ ގޮތެއް ނޫން އެކަމަކު އޭނާ ފިޓެއް ނުވި،" ސްޓްވާޓް ބުންޏެވެ "އަސައްކޮއަށް އަނިޔާވެ ނުކުޅެވޭނެތީއާއެކު ދަގަނޑޭ އަމިއްލައަށް އިސް ނެގީ ޓީމަށް އަންނަން، އޭނާ ބުނި ކޯޗްއޭ ތިމަންނަ ބޭނުމޭ ކުޅެން، އަހަރެން ހުރީ ހޯމް މެޗަށް އޭނާ މުޅިން ފިޓް ކުރުމަށް ވަގުތު ދޭން، އެންމެންނަށް ވެސް އެނގޭނެ އޭނާއާ މެދު އަހަރެންގެ ވިސްނުމަކީ ކޮބައިކަން."

ކޯޗް ބުނީ އޭނާ، އަޝްފާގް ދެކެނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި އެކަނި ނޫން ކަމަށާއި އޭނާއަކީ ވަރުގަދަ ޝަހުސިއްޔަތެއް ވެސް ކަމަށެވެ.

"އަހަރެން އިރުމަތީ އޭޝިއާގެ ފުޓްބޯޅައިގައި މަސައްކަތް ކުރާތާ 20 އަހަރު ވެއްޖެ، އެހެން ގައުމު ތަކުގެ ބިދޭސީ ކުޅުންތެރިން ވެސް ހިމަނައިގެން އެހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް އަހަންނާ ދިމާވި އެންމެ މޮޅު ކުޅުންތެރިޔަކީ ދަގޭ، ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ޕެކޭޖެއް އޭނާގެ އެބަހުރި."

އޭނާ ބުނީ އަޝްފާގް އެނބުރި އައުމުންވެސް ފުރަތަމަ ދުވަހުގެ ޕްރެކްޓިހުގައި ވެސް ތަފާތު ފެނިގެން ދިޔަ ކަމަށެވެ.

"އޭނާ އެންމެ ހާއްސަ ސިފައަކީ ލީޑާ ޝިޕް،" ސްޓްވާޓް ބުންޏެވެ. "މިސާލަކަށް އަހަރެމެން ޕްރެކްޓިސް ކުރި ދުވަހުގައި އޭނާ އައުމުން އަހަރެމެން އެންމެނަށްވެސް އިހްސާސް އަހަރެމެންގެ ލީޑަރު އަތުވެއްޖެޔޭ."

ރާއްޖޭގެ ޓީމުން އޮމާން އަށް ދާނީ، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ޓްރެއިނިން ކޭމަޕަށް ފަހު އެވެ. ދޯހާގައި، އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓްވާޓް ބުންޏެވެ. އޭނާ ބުނީ، އޮމާންއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަން އޭނާ އަބަދުވެސް ވިސްނާ ކަމަށެވެ.

"އޮމާންއާ ދެކޮޅަށް ކުޅޭނެ ގޮތުގެ ހިޔާލެއް އަހަންނަށް ލިބިއްޖެ، އަހަރެމެންނަށްވެސް އެ ޓީމާ ދެކޮޅަށް އުނދަގޫ ކުރެވޭނެ، އެޓީމުގެ ކިބައިން އަހަރެމެންނަށް ހޯދޭނެ ކަންކަން ވެސް އެބަހުރި." ސްޓްވާޓް ބުންޏެވެ.