ދުނިޔެ

ދެގައުމުގެ ކޯޅުމާ ހެދި ގަތަރު މީހުނަށް ހައްޖަކަށް ނުދެވުނު

ސައުދީ އަރަބިއްޔާއާއި ގަތަރާ ދެމެދު އުފެދިފައިވާ އަރައިރުމާ ހެދި ގަަތަރު މީހުންނަށް މިއަހަރު ހައްޖަށް ނުދެވުނު ކަމަށް ގަަތަރުން ބުނެފި އެވެ.

ގަތަރުގެ މިނިސްޓްރީ އޮފް އައުގާފް އެންޑް އިސްލާމިކް އެފެއާޒްއާ ހަވާލާދީ އަލްޖަޒީރާ ބުނީ ހައްޖަށް މީހުން ފޮނުވުމަށް ޓަކައި ހަމަޖައްސަން ޖެހޭ ދަތުރުފަތުރާއި ފައިސާ އާއި ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ސައުދީގެ ކަމާބެހޭ އިދާރާތަކުން އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ. ގަތަރު ސަރުކާރުގެ ނޫސް އެޖެންސީން އަންގާރަ ދުވަހު ބުނީ ދީނީ ކަންކަމާ ބެހޭ ގަތަރުގެ އިދާރާތަކަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން އެއްބާރުލުން ނުލިބުމުން ހައްޖަށް މީހުން ފޮނުވުމާ ބެހޭ އިދާރީ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

ހައްޖާ ގުޅޭ ކަންކަމުގައި ގަތަރާއި ސައުދީއާ ދެމެދު މުއާމަލާތް ނުކުރެވޭތީ ގަތަރު މީހުންނަށް ވެސް އަދި އެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ވެސް މިއަހަރު ހައްޖަށް ނުދެވޭނެ ކަަމަށް އަލްޖަޒީޒާ ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު މިދިޔަ ހަފްތާގައި އެ ގައުމުގެ އިދާރާތަކަށް އަންގަވާފައި ވަނީ ރަސްގެފާނުގެ މެހުމާނުންގެ ގޮތުގައި ސައުދީ ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ގަތަރު މީހުން ހައްޖަށް ގެންދިއުމަށެވެ. އެގޮތުން އެމީހުން އުފުލަން ސައުދީ ގައުމީ އެއާލައިންގެ މަތިންދާބޯޓްތައް ފޮނުވަން ވެސް އެންގެވި އެވެ.

ގަތަރުގެ މަތިންދާބޯޓްތައް ސައުުދީއަށް ދަތުރުކުރުމުގެ ހުއްދަ ނުދީ ރަސްގެފާނު އެޅުއްވި އެ ފިޔަވަޅަކީ ސިޔާސީ ފައިދާ ނަންގަވަން ކުރެއްވި ކަމެއް ކަަމަށް ގަތަރު ސަރުކާރުން ދެކެއެވެ. އެހެންވެ، ގަތަރުން ވަނީ އެކަމަށް އެއްބާރުލުން ވެސް ނުދީފައެވެ.